ރިލްވާންގެ މަރާ ގުޅިގެން ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރު ކުރާނަން: ރައީސް

ޖުލައި 4، 2019: ރައީސް ނޫސްވެރިންނާ ބައްދަލުކުރެށްވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު މި ސަރުކާރުން ހައްޔަރު ކުރާނެ ކަމަށާއި އެކަމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި އަހުމަދު ރިލްވާންގެ ރިޕޯޓާ ގުޅިގެން ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ދައުލަތުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކާ އެކު އިއްޔެ އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހުރިހާ މުއައްސަސާތައް ގުޅިގެން ވީހާ ވެސް އަވަހަކަށް އެޅުމަށް އެންމެންނަށް އެއްބަސްވެވުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިވަގުތު ވެސް ބަޔަކު ހައްޔަރު ކުރަން ޖެހޭ ނަމަ، އަދި ތަހުގީގަށް ހާޒިރުކުރަންޖެހޭ ނަމަ އެކަން ކުރާނެ ކަމަށެވެ. އަދި އެއްވެސް ކަމެއްގައި ލަސްނުކޮށް މުއައްސަސާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ ރިޕޯޓު އާންމު ވެގެން ދިޔައިރު، އެ ރިޕޯޓު އޮތީ ކަމާ ގުޅޭ ބައެއް މުއައްސަސާތަކާ ހިއްސާނުކުރެވި ކަމަށާއި އެހެން ކަމުން މުއައްސަސާތައް ގުޅިގެން ފިޔަވަޅު އަޅަން އުނަދަގޫވި ކަމަށެވެ.

އެހެން ނަމަވެސް އިއްޔެގެ ބައްދަލުވުމަށް ފަހު، އެންމެންނަށް އެއްބަސް ވުމަކަށް އާދެވިފައި ވުމުން އެ ރިޕޯޓާ ގުޅިގެން މިއަދުން މިއަދަށް ފިޔަވަޅުތައް އެޅިގެން އަންނަތަން ފެންނާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއަދުން މިއަދަށް، މިއަދު ވެސް އެކަމާ ބެހޭ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދާނެ. އަމަލީ ގޮތުން މަސައްކަތް ފެށުމާ އެކު، ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މައްސަލާގައި މަސައްކަތް ކުރަމުން އަންނަނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ރިޔާސީ ކޮމިޝަނުގެ މެންޑޭޓުގެ ތެރެއިން ނޫން ކަމަށެވެ.

"އެ ކޮމިޝަނުގެ ދައުރަކީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ތަހުގީގު ކުރުން. އޭގެ ބޭރުން ކުރަން ޖެހޭ ހުރިހާ ކަމެއް، ތަހުގީގުތަކެއް ޕޮލިހުންގެ ތެރެއިން އަޅުގަނޑުމެން ކުރަމުން ގެންދާނަން. އަދި މިއާ އެކު ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް