ފުލުހުން ފާރަލާ ކަމަށް ވިދާޅުވެ މަޖިލިސް ރައީސްގެ ކަންބޮޑުވުން

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތަކެއް ދިވެހި ފުލުހުންގެ އިދާރާއަށް އަމާޒު ކުރައްވައިފި އެވެ.

އެމްޑީޕީއިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ރިޕޯޓުން ހާމަވެގެން ދިޔައީ، ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ވިސްނުމުގެ ބަޔަކާއި ދެމެދު ހިނގި އަރައިރުންތަކުގައި ހަރުކަށި ފިކުރުގެ މީހުން ހިންގި މީހުން މެރުމުގެ ކަންކަމުގައި ދިވެހި ފުލުހުންނާއި ސިފައިންގެ ބައިވަރިވުން ވެސް އޮތް މިންވަރު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ވާހަކަ އެމަނިކުފާނު ދައްކަން ފެށުމުން އެކި ގޮތްގޮތުން އެމަނިކުފާނަށް ނުރައްކާތަކާ ކުރިމަތިވާ ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ދާއިރާއެކޭ އެއްގޮތަށް ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ކަމަށާއި ކޮންމެ ގޮތެއް ވިޔަސް އެ ވާހަކަ ހުއްޓާނުލާ ދައްކަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަދި އަޅުގަނޑު ގާތުގައި އެމްއެންޑީއެފްއިން ބުނި މީގެ ތިން ދުވަސް ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ކޮށްފާނެ. ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ،" ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރު އުފެދިގެން އައިއިރުވެސް އަދި މިހާރުވެސް އެމްޑިޕީން އެއްބަސްވެފައިވާ އެއް ކަމަކީ، ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ހަރުދަނާ ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަކީ ފުލުސް އޮފީސްކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރާ ވަރަށް ފުލުސް އޮފީސް އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އިސްލާހު ވެގެން ނާންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ނުކިޔަމަންތެރިކަން ދެއްކުމުގައި ފުލުހުންނާއި ސިފައިން ހައްދު ފަހަނައަޅާ ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމަށް އެމްޑީޕީން ފުރުސަތުދީގެން ނުވާނެ. އެފަދަ އެއްވެސް ފުރުސަތެއް ނުދޭނެ. އެކަމާއި ގުޅިގެން ދައްކަން ހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސްގެ ކިބައިން ނަަޝީދު އެދިވަޑައިގެންނެވީ ފުލުހުންގެ މުއައްސަސާގެ އިސްލާހަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް ވިސްނުންތަކެއް ނެރުމަށެވެ. އަދި އެއީ، ސަރުކާރާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެއީ [ފުލުސް އޮފީސް އިސްލާހު ކުރުމަކީ] ސަރުކާރުން ވެސް ބޭނުންވާ ގޮތެއް. މިތަނުން ފިކުރުކޮށް ކަންކުރާ ގޮތް އެއީ ސަރުކާރުގެ ވެސް ގޮތް،" ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލުމާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ރިލްވާން މަރާލުމުގެ ކުރިން ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ވަނީ ރިލްވާން ދައުލަތާ ދެކޮޅު އަމަލެއް ހިންގަން އުޅޭ ކަމަށް ބުނެ އޭނާގެ ފޯން ކޯލްތައް އަޑުއަހައި އޭނާއަށް ފާރަލައިފަ އެވެ.

މީގެ އިތުރުން ރިލްވާން ގެއްލުނު ރޭ ހުޅުމާލެއިން މީހަކު ވަގަށް ނަގައި، އޭނާ އެރުވުމަށް ޑިންގީއެއް ތައްޔާރުކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ދުރާލައި ލިބި އެ މައުލޫމާތު ފުލުހުންގެ ސިސްޓަމްގައި ލޮގް ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ރިލްވާން ގެއްލުނު ފަހުން އިންޓެލްގައި މަސައްކަތް ކުރާ ދެ ފުލުހުން ކަމަށްވާ، ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލުކޮށް، ރިލްވާންގެ ޕާސްޕޯޓް ކޮޕީއެއް ހޯދަން ވަނީ މަސައްކަތް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ. އަދި އެ ދެ އޮފިސަރުން އެގޮތަށް އަމަލު ކުރީ ރިލްވާން ރާއްޖެއިން ފުރައިގެން ސީރިޔާއަށް ގޮސްފައިވާކަން ދެއްކުމުގެ ގޮތުން ކަމަށްވެސް ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

އެ ރިޕޯޓްގައި ބުނާ ގޮތުގައި ރިލްވާން ރަހީނުކޮށް މަރާލުމުގެ ޒިންމާ ފުލުހުންގެ އޭރުގެ އިންޓެލިޖެންސްގެ އިސްވެެރިން ނަގަން ޖެހެ އެވެ.

ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން އޭޖީ އެދިވަޑައިގަތް ނަމަވެސް، މަރުތައް ބަލައި ކޮމިޝަނާ ފުލުހުން މަޝްވަރާކޮށް ނިންމާފައި ވަނީ، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ، އެ މީހުން ހައްޔަރުކުރާނެ ހުއްޖަތެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުވެސް ވަނީ ފުލުހުންގެ އިދާރާއަށް މީގެ ކުރިން ފާޑު ވިދާޅުވެފަ އެވެ.

comment ކޮމެންޓް