ބީއެމްއެލް އިސްލާމިކް ރީލޮކޭޓްކޮށް ހުޅުވައިފި

ބީއެމްއެލް އިސްލާމިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ބްރާންޗު ރީލޮކޭޓުކޮށް ރަސްމީކޮށް ހުޅުވައިފި އެވެ.

ބީއެމްއެލް އިސްލާމިކްގެ އާ ބްރާންޗު ހުޅުވާފައިވަނީ އެމްޓީސީސީ ޓަވަރާ ޖެހިގެން ހުންނަ ހ.ޒޮނޭރިއާ ގައެވެ. ބީއެމްއެލް އިސްލާމިކް ހިންގި ބާޒާރު ބްރާންޗުން ލިބުނު ހުރިހާ ހިދުމަތެއް އާ ބްރާންޗުންވެސް ލިބޭނެ އެވެ.

ބީއެމްއެލް އިސްލާމިކްގެ އާ ބްރާންޗު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ އިސްލާމިކް ފައިނޭންސިންގެ ހިދުމަތްތަކަށް ހާއްސަ ބްރާންޗެއް 2014 ގައި ހުޅުވައި މުޅި ރާޢްޖެއަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭން ބީއެމްއެލްއިން ފެށި ފެށުމަކީ އެ ބޭންކުގެ ތާރީހުގައި ހޯދި ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އިސްލާމިކް ފައިނޭންސްގެ ހުރިހާ ހިދުމަތެއް މިހާރު ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ލިބޭނެ. އާ ހެޑްއޮފީހަކީ ބީއެމްއެލް އިސްލާމިކް އިން ދޭ ހިދުމަތްތައް ކުރިއަށްވުރެ ފަސޭހައިން ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިވާނެ އިމާރާތެއް. ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ފަސޭހައާއެކު ހިދުމަތް ދިނުމަކީ އަމާޒު،" ޓިމް ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ބީއެމްއެލް އިން ދޭ ހިދުމަތަކީ ކަސްޓަމަރުން ބަލައިގަންނާނެ ކޮލެޓީ ހިދުމަތަކަށް ހެދުމަކީ އަބަދުވެސް އަމާޒު ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތަކަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ޝަރީއާ ހުއްދަ ކުރާ މިންގަނޑަށް ދޭ ހިދުމަތްތަކެއް. ބީއެމްއެލް އިސްލާމިކް އަކީ ރާއްޖޭގައި އޮތް އެން،ެ ބޮޑު އިސްލާމިކް ބޭންކިންގެ ވިއުގަ. ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ތިބުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު،" ޓިމް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އިސްލާމިކް ފައިނޭންސް އަށް އޮންނަ ޑިމާންޑު މުޅި ދުނިޔޭގައިވެސް ބޮޑުވަމުން އަންނަ ކަމަށާއި އެ ހިދުމަތްވެސް ފުޅާވަމުންދާ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ފާއިތުވި ދެތިން އަހަރު ތެރޭ އިސްލާމިކް ބޭންކްންގެ ހިދުމަތް ފުޅާވެއްޖެ. މި ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރި. އެ ފުރުސަތުތަކާއެކު ބީއެމްއެލް އިން ކުރިއަށޤދާތަން ފެންނަމުން އެބަދޭ،" އަމީރު ވިދާޅުވި އެވެ.

"ޝަރީއާ ގަބޫލުކުރާ އިސްލާމިކް ކޮމްޕްލަޔަންސް އެސެޓްސްގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރާކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތްތަނުގައި މި އަދަދު 3.8 ޓްރިލިއަން ޑޮލަރަށް އަރާނެ. އިސްލާމިކް ބޭންކިން އަކީ ބޭންކިން ސިސްޓަމްގެ މުހިއްމު ބަޔަކަށް މިވަނީ ވެފައި،"

މިނިސްޓަރު ވިދާޅުވީ އިސްލާމީ ދުނިޔޭގެ 20 ޕަސެންޓަކީ ކޮންވެންޝަނަލް ބޭންކިންގެ ހިދުމަތް ހޯދާ މީހުން ކަމަށާއި، އިސްލާމިކް ބޭންކިންގެ ހިދުމަތަށް ރައްޔިތުން ހޭލުންތެރި ކުރުމަކީ ހިދުމަތްދޭ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އިސްލާމިކް ފައިނޭންސް އަކީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނާނެ ޕްރޮޑަކްޓެއް. ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުން އަންނާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް ބޭންކިން ކުރިއެރުވުމަށް ހަމައެކަނި ކުރަންޖެހެނެ ކަމަކީ އިތުރު ބްރާންޗުތައް ހުޅުވުން ނޫން ކަމަށާއި ޓެކްނޮލަޖީ ބޭނުންކޮށްގެން އަދި އިންސާނީ ވަސީލަތްތައް ތަރައްގީކޮށްގެން އިސްލާމިކް ބޭންކިން ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް