ކަނޑުމަތީގެ ސަލާމަތާ ބެހޭގޮތުން ނައިބު ރައީސް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިފި

ކަނޑުމަތީގެ ސަލާމަތާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ފައިސަލް ވަނީ ރައީސް އޮފީހުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޯސްޓް ގާޑް އަދި އެމްއެންޑީއެފް ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ގާއިމުކުރުން ފަދަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ކަނޑުމަތީގެ ރައްކާތެރިކަމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ކުދި އުޅަނދުފަހަރު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުންވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

ކުރިން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ ބަލައި، އެ ގަވާއިދުތައް ތަންފީޒުކުރުމުގައި ކައުންސިލުތަށް ބާރުވެރިކުރުވުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާ ކުރިއެވެ. އަދި، ނެޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީ މެދުވެރިކޮށް މައްސަލަތަކަށް ހައްލު ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރިއެވެ.

ކަނޑުމަތީގެ ސަލާމަތާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުންޖަހާލައި ފަސް މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާއަށްފަހު ކަނޑު ދަތުރުކުރާ އިރުގައި ލައިފްޖެކެޓު އަޅަން މަޖުބޫރު ކުރުމާ ބެހޭގޮތުން ދަނީ ވާހަކަ ދެކެވެމުންނެވެ.

comment ކޮމެންޓް