ޗައިނާ-ރާއްޖެ މެޗަށް 3400 ޓިކެޓު، މިއަދު ވިއްކަން ފަށަނީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި މިއަންނަ އަންގާރަ ދުވަހު މާލޭގައި ޗައިނާ އާއި ރާއްޖެ ކުޅޭ ފުޓްބޯޅަ މެޗުގެ ޓިކެޓު މިއަދު ވިއްކަން ފަށާއިރު ހާލަތުގެ ގޮތުން ދޫކުރެވެން އޮތީ އެންމެ 3،400 ޓިކެޓު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ކުރިން ގައުމީ ޓީމު ކުޅޭ މެޗެއް ބަލާލުމަށް 8،000 މީހުންގެ ޖާގައިގެ ގަލޮޅު ދަނޑު ފުރިގެންދާ ނަމަވެސް ފަހަކަށް އައިސް ދަނޑުގެ ދެބައިކުޅަ އެއްބައި އޮންނަނީ ހުސްކޮށެވެ. ނަމަވެސް ފުޓުބޯޅައިގެ ފޯރި އަލުން ވައިގައި ހިފައި ދަނޑު ފުރާލުމަށް ހުރިހާ ސަޕޯޓަރުން މިވަގުތު ބޭނުންވެފައި ތިބި ނަމަވެސް ދެން އެންމެ އަވަހަަށް ކުޅޭ މެޗަށް ދަނޑަށް ވަދެވޭނީ އެންމެ 3،400 މީހުންނަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަބަބަކީ ދަނޑުގެ ސަހަރާއާ ވީ ސިޑިބަރިއާއި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސަލާމަތީ ސަބަބުތަކަށްޓަކައި ބޭނުން ކުރުން މަނާ ކޮށްފައި ވުމުންނެވެ. ގިނަ ދުވަސްތަކެއްވާ މި ސިޑިބަރިތަކުގައި ރެނދުލައިފައި ވުމުން މިއަހަރުގެ ކުރީ ކޮޅު އެ ދެ ސިޑިބަރިތައް ވަނީ ހައުސިންގް މިނިސްޓްރީގެ އެންގުމުގެ ދަށުން ބޭނުން ކުރުން ހުއްޓާލައިފަ އެވެ.

މި މައްސަލަ ދިމާވިއިރު ސްޕޯޓްސް މިނިސްޓަރުގެ މަގާމް ވަގުތީ ގޮތުން ފުރުއްވަމުން އައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދަނޑުގެ ސިޑިބަރި ބަންދުކުރަން ޖެހުމަކީ، އެތަން ޒަމާނީކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލާނެ ކަމަށާއި އެގޮތުން އެކަމަށް ޕްލޭންތަކެއް ހަދައި އަމަލީ ސިފަ ގެންނަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެއީ ސަރުކާރުގެ ބަޖެޓުގައި މިވަގުތު ހިމެނޭ ކަމަކަށްނުވާތީ މަސައްކަތްކުރައްވާނީ އެފްއޭއެމްއާ ގުޅިގެން ފީފާގެ އެހީން އެފަދަ ކަމެއް ކުރެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރުގެ މިނިސްޓަރު މަހްލޫފް ފަހުން ވިދާޅުވީ ވަރަށް އަވަސް ގަލޮޅު ދަނޑު ބަންދުކޮށް އެތަން މަރާމާތު ކުރާނެ ކަމަށާއިި އޭރަށް އެ ދަނޑުގެ ކުޅުން ބަދަލު ކުރާނީ ހުޅުމާލޭގައި އަލަށް ހެދި ދުވާ ޓްރެކަށް ކަމަށެވެ.

ޗައިނާއާއި ރާއްޖެ މާލޭގައި ބައްދަލު ކުރާ މެޗަކީ އެ ދަނޑުގެ ތާރީހުގައި ވެސް ކުޅެވޭނެ އެންމެ ވަރުގަދަ އެއް މެޗަށް ވާއިރު އަލީ އަޝްފާގު (ދަގަނޑޭ) އަލުން އަނބުރާ ގައުމީ ޓީމަށް ނެގުމުން މެޗު ބެލުމަށް ގިނަ ދިވެހިން ތިބީ ކެތްމަދު ވެފަ އެވެ. ނަމަވެސް ހާލަތު ތަން ނުދިނުމުގެ ސަބަބުން ދޫކުރާ ޓިކެޓުގެ ތެރެއިން ވެސް ވަކި ބައެއް ދިވެހިންގެ އަތުން ބީވެގެންދާނެ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއީ ފީފާގެ ގަވައިދުގެ ދަށުން ޗައިނާ ސަޕޯޓަރުންނަށް ވެސް ވަކި އަދަދެއްގެ ޓިކެޓް ކަނޑައަޅާން ޖެހުމާއި މި ދުވަސްވަރަކީ ޗައިނާގެ ގިނަ ފަތުރުވެރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ދުވަސްވަރެއް ކަމަށްވާތީ ގިނަ ޓްރެވަލް އޭޖެންސީ ތަކުން ވެސް މި މެޗުގެ ޓިކެޓު ހޯދުމަށް އެދެމުންދާތީ އެވެ.

މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ވެސް ރާއްޖެ ހިމެނުނީ ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރުމާއި ގުޅިގެން ވިނަގަނޑަށް ގެއްލުން ލިބުމުން އެފަހަރު ރާއްޖޭގައި ކުޅެން އޮތް މެޗު ވެސް ކުޅުނީ ޗައިނާގަ އެވެ. ޗައިނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު 3-0 އިން މޮޅުވި އިރު ދެ ވަނަ މެޗުގައި އެޓީމުން ރާއްޖެ ބަލިކުރީ 4-0 އިންނެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 8 ޖަހާއިރު އެވެ. އަދި އެ މެޗުގެ ޓިކެޓުތައް ދޫކުރަން ފަށާނީ މިއަދު ހަވީރު 4:30 ގައި ގަލޮޅު ދަނޑުންނެވެ.

comment ކޮމެންޓް