"އޯ ސާކީ ސާކީ" ޗާޓުގެ އެއްވަނައަކުން ވައްޓައެއް ނުލެވުނު!

"އޯ ސާކީ ސާކީ" ގެ މިއުޒިކް ވީޑިއޯއިން މަންޒަރެއްގައި ނޯރާ ފަތޭހީ --- ފޮޓޯ : ޓީސީރިޒް

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން ގެންދާ ނޯރާ ފަތޭހީ ފެނިގެންދާ "އޯ ސާކީ ސާކީ" އަނެއްކާވެސް ޗާޓުގެ އެއްވަނައަށް އަރައިފި އެވެ.

އަރިޖިތު ސިންގް ކިޔާފައިވާ ލަވަ "ޕަޗްތާއޯގޭ" ވަނީ ދާދި ފަހުން ރިލީޒުކޮށްފައެވެ. އެ ލަވަ ނެރުމާއެކު ވަނީ ޗާޓުގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް ޗާޓުގެ އެއްވަނައިގައި އެ ލަވައަށް ހިފަހައްޓައެއް ނުލެވުނެވެ.

މިދިޔަ ޖުލައި މަހުގައި ނެރުނު އޯ ސާކީ ސާކީ ވަނީ ރާއްޖޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އީދުގައި ބޭއްވި ޝޯތަކުގައި ހުއްޓުމެއް ނެތި ޖެހި ލަވައަކީ އޯ ސާކީ ސާކީ އެވެ.

ލަވަ ނެރުނު ފަހުން ދެމަސް ވާން ގާތް ވެފައިވާއިރު އެ ލަވަ ޗާޓުގެ އެއްވަނަ އަށް އަނެއްކާވެސް އެރުމަކީ އެ ލަވައިގެ މަގުބޫލުކަން އަދިވެސް އޮތްކަމުގެ ހެއްކެކެވެ.

ނޭހާ ކައްކަރު، ތުލްސީ ކުމާރު އަދި ބީ ޕްރާކުގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު ލަވަ ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ އެ ލަވައަށް ވަނީ 16 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

އޯ ސާކީ ސާކީ އަކީ ކުރީގެ ލަވައެއްގެ ރީމޭކް އެކެވެ. "ސާކީ ސާކީ" ކިޔާ އޮރިޖިނަލް ލަވައިން ފެނިގެންދާނީ ސަންޖޭ ދަތާއި ކޮއެނާ މިތުރާ އެވެ.

comment ކޮމެންޓް