އައްޑޫގެ ވިޔަފާރިވެރިޔާ އަބްދުﷲ ޒުހައިރު ނުވަތަ އަބުހަރީ ޒުހައިރު އަކީ އައްޑޫ ރައްޔިތުން ދެކެފަރިތަ މޫނެކެވެ. ހިތަދޫ ލިންކުރޯޑުގައި ހުންނަ ހިތްގައިމު ގެސްޓްހައުސް، އަބުހަރީ ގްރޭންޑަކީ ޒުހައިރުގެ ތަނެކެވެ. އެކަމަކު މިއީ ހަމައެކަނި އޭނާގެ ވިޔަފާރިއެއް ނޫނެވެ. މިއަދު ޒުހައިރުގެ ވިޔަފާރި ވަރަށް ފުޅާވެއްޖެ އެވެ. ނަމަވެސް އޭނާގެ ވިޔަފާރި ފެށިގެން އައީ ވަރަށް ކުޑަކޮށް، ބޭސްފިހާރައެއްގެ ގޮތުގައެވެ.
އެއީ 1990 ވަނަ އަހަރެވެ. އޭރު އައްޑޫގައި އަމިއްލަ މީހަކު ހިންގާ ބޭސްފިހާރައެއް ނުހުރެ އެވެ. އެންމެންވެސް ބަރޯސާ ވާން ޖެހެނީ އެސްޓީއޯގެ ފާމަސީތަކަށެވެ. އެއިން ފާމަސީއަކުން ބޭހެއް ނުލިބުނިއްޔާ ދެން އެ ނުލިބުނީއެވެ.
އެހެންކަމުން ޒުހައިރު ބޭނުންވީ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ބޭރުން ގެނެސް، ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުމަށެވެ. އެހެންކަމުން "އަބުހަރީ ފާމަސީ"ގެ ނަމުގައި ކުޑަ ފާމަސީއެއް ހުޅުވައި، ވިޔަފާރީގެ ދުނިޔެއަށް ޒުހައިރު ފުރަތަމަ ފިޔަވަޅު އެޅިއެވެ.
ޒުހައިރު ވިޔަފާރި ފެށި އިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެއީ ކާމިޔާބު ވާނެ ކަމެއް ނޫންކަމަށް އެތައް ބަޔަކު އޭނާގެ ގާތުގައި ބުންޏެވެ. ނަމަވެސް އޭނާގެ ވިޔަފާރި ނަގާ ކޮޅަށް ޖެހީ ވަރަށް ބުރަ މަސައްކަތުންނެވެ.
ފުރަތަމަ ފާމަސީ ހުޅުވިތާ ދެ އަހަރު ފަހުން، ޒުހައިރު ވަނީ "އަބުހަރީ މެޑިކަލް ސެންޓަރު"ގެ ނަމުގައި އައްޑޫގައި ކްލިނިކެއް ހުޅުވައިފަ އެވެ. ކްލިނިކެއް ހުޅުވީ ހޮސްޕިޓަލުން ލިބެން ނެތް ހިދުމަތްތައް، ރަށުގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދިނުމަށެވެ.
އެ ކްލިނިކަށް އެކި ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ގެނެސް އައްޑޫގައި ސިއްހީ ހިދުމަތް އޭނާ ފުޅާކުރި އެވެ. އައްޑޫގެ އިތުރުން މާލެ، ތިނަދޫ އަދި ފުވައްމުލަކުގައި ވެސް އޭނާގެ ކްލިނިކްތައް ހުޅުވިއެވެ. ނަމަވެސް ބައެއް ގޮންޖެހުންތަކުގެ ސަބަބުން، އެ ކްލިނިކްތައް ބަންދުކުރަން ޖެހުނީ އެވެ. މިހާރު ކްލިނިކް އަދި ބޭސްފިހާރަވެސް ހިންގަނީ އައްޑޫގައި އެކަންޏެވެ.
ޒުހައިރު ސިއްހީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، 2007 ވަނަ އަހަރުން ސަރުކާރުން ވަނީ އޭނާއަށް އާންމު ހިދުމަތުގެ އިނާމުވެސް ދީފައެވެ.
"އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ. ސަރުކާރުން އަޅުގަނޑު ކުރި މަސައްކަތުގެ އަގު ވަޒަންކުރުން،" ޒުހައިރު ބުންޏެވެ.
ކާމިޔާބު ކޮންމެ ފިރިއެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ އެންމެން ވެސް ބުނެއެވެ. ޒުހައިރުގެ މަސައްކަތް މިއަދު މިދެކޭ ކާމިޔާބީގެ ފަހަތުގައި ވެސް ހުރީ އޭނާގެ ލޯބިވާ އަނބިމީހާ، ޝަހީމާ އެވެ. އެތައް ބަޔަކު ނުވާނޭ ބުނަމުން ދިޔައިރު، ވާނެ އޭ ބުނެ ޒުހައިރުގެ އަތުގައި ހިފައިގެން ޒުހައިރުގެ ވިޔަފާރި ކުރިއެރުވުމުގައި ޝަހީމާގެ ހިއްސާ ވަރަށް ބޮޑެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއްދީ، އެހީތެރިވީ އަޅުގަނޑުގެ އަންހެނުން. އޭރުވެސް މިހާރުވެސް އަޅުގަނޑަށް އެންމެ ބޮޑު ސަޕޯޓެއް ދެނީ އަންހެނުން،" ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފާމަސިސްޓުންގެ ކަންތައްތައް ބަލަހައްޓަނީ ވެސް އޭނާގެ އަންހެނުން އަމިއްލައަށް ކަމަށެވެ.
ޒުހައިރާއި ޝަހީމާގެ ކައިވެންޏަށް މިހާރު 30 އަހަރު ވެފައިވާއިރު، އެ ދެމަފިރިން ވަނީ ސިއްހީ ދާއިރާއަށް ގާބިލު ދަރީންތަކެއް ވެސް ނެރެދީފަ އެވެ. އެ ދެމަފިރިންނަށް ހަތަރު ކުރިން ލިބުނު އިރު، އެއް ކުއްޖަކީ ޑޮކްޓަރެކެވެ. އަދި ހަގަށް ހުރި ކުއްޖާ ވެސް އަންނަނީ ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ.
ދެހާސް ފަނަރަވަނަ އަހަރު، މާލޭގައި ހޮޅިދަނޑިއެއް ބޮލަށް ވެއްޓި ނިޔާވި 24 އަހަރުގެ އަޒުފާއަކީ ވެސް ޒުހައިރުގެ ދަރިއެކެވެ. އަޒުފާ ނިޔާވީ ރަޝިޔާގައި ޑޮކްޓަރުކަން ކިޔަވަން ހުރެފައި ޗުއްޓީއަކަށް ރާއްޖެ އައިސް އުޅެނިކޮށެވެ.
އޭގެ އިތުރުން ޝަހީމާގެ އިތުރު ދެކުދިން ވެސް ތިބެއެވެ. އެ ދެކުދިންނަކީ ވެސް ޑޮކްޓަރުންނެވެ. އެއް ކުއްޖަކު އޭޑީކޭގައި މަސައްކަތް ކުރަމުން އަންނަ އިރު، އަނެއް ކުއްޖަކު މަސައްކަތް ކުރަނީ އަމިއްލަ ކްލިނިކެއްގައެވެ.
ކުޑަ ފާމަސީއަކުން ފެށި ވިޔަފާރި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި ވިޔަފާރީގައި އިތުރު ކުރިއެއް ފަޅާ، ޒުހައިރު މިވަނީ ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަދެފަ އެވެ. އޭނާގެ ފަސް ތަރީގެ "އަބުހަރީ ގްރޭންޑް" އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ވަނީ ވެފައެވެ.
ގެސްޓްހައުސް ވިޔަފާރި އާއެކު، ޒުހައިރު އަދިވެސް އަންނަނީ އަބުހަރީ ފާމަސީއާއި ކްލިނިކް ހިންގަމުންނެވެ. އެއްވެސް ކަމެއް ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ. ޒުހައިރުގެ އުންމީދަކީ 30 އަހަރު ވަންދެން އޭނާ މުޖުތައުމަށް ކުރަމުން އަންނަ ހިދުމަތް، އޭނާގެ ދަރިން ވެސް ކުރިއަށް ގެންދިއުމެވެ.