ހަ އަހަރަށް ފަހު ރާއްޖޭގެ ރައީސްއަކު އދ. ގައި ތަގުރީރު ކުރައްވަނީ

ޖުލައި 4، 2019: ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި މަހުގެ ފަހުކޮޅު އޮންނަ އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއު ޔޯކްއަށް ވަޑައިގެން ތަގުރީރު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު އދ. އަށް ވަޑައިގަތް ތަގުރީރު ކުރައްވާފައެއް ނުވެ އެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު އދ. ގައި ތަގުރީރު ކުރައްވާފައެއް ނުވެ އެވެ. އެ މުއްދަތުގައި މުޅިން ވެސް ރާއްޖޭގެ ފަރާތުން އދ. ގައި ތަގުރީރު ކުރެއްވީ ކެބިނެޓް މިނިސްޓަރުން އެވެ.

ދުނިޔޭގެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގަތް ތަގުރީރު ކުރައްވައި އދ. އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓަރުގަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އާއްމު ޖަލްސާގައި މިފަހަރު ރާއްޖެ ތަމްލީސް ކުރައްވައި ތަގުރީރު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

މި ދަތުރުފުޅުގެ ކަންކަން ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ރައީސް ސޯލިހު އދ.ގެ އާންމު ޖަލްސާގައި ކުރައްވާ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާ ލައްވާނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކަށާއި އިންސާނީ ހައްގުތައް ކުރިއަރުވަން ރާއްޖެއިން ކުރާ މަސައްކަތާއި އެކަމުގެ މުހިންމުކަން އަދި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަހަރަކު އެއްފަހަރު ގައުމުތަކުގެ ލީޑަރުން ބައިވެރިވެގެން ބާއްވާ އދ. ގެ އާންމު މަޖިލީހަކީ، ދުނިޔޭގެ ލީޑަރުން އެތަނަކަށް ޖަމާވެ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މައްސަލަތަކުގައި ހިޔާލު ބަދަލު ކުރާ ޕްލެޓް ފޯމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައި ވަނީ، ހާރިޖީ މައިދާނުގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ދޭދޭ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި އެންމެންގެ އިހުތިރާމް ލިބިފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައިވެ އެވެ.

comment ކޮމެންޓް