ތުހުމަތުވާ ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފި

ޖޫން 12، 2019: ސީޕީ ހަމީދު މަޖިލިސް ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން ވަޒީފާގެ ރަސްމީ މަސްއޫލިއްޔަތުން ދުރުކޮށްފި އެވެ.

ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާ، ހަސަން އަލީއާ ބައްދަލުކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިރޭ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.

ރިލްވާނު ރަހީނުކޮށް މަރާލި މައްސަލާގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން މިރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.

ދޮޅު ގަޑިއެއްހާއިރު ބޭއްވި ސިއްރު އެ ބައްދަލުވުމަށްފަހު، މަޖިލީހުގެ އިދާރާ އިން ނުކުމެވަޑައިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ، ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން އޭޖީ އިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ހުރި ކަންކަން ތަންފީޒު ކުރަން، ކުރަން ޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެޓާނީ ޖެނެރަލް ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ ޕްރޮސެސް އެބަ ހިނގާ މިހާރު،" ސީޕީ ހަމީދު ވިދާޅުވި އެވެ.

އޭޖީ އެންގެވި ގޮތަށް އެއްވެސް ފުލުހަކު މިހާތަނަށް ހައްޔަރުކޮށްފައިވޭތޯ ސުވާލު ކުރުމުން ސީޕީ ހަމީދު ވިދާޅުވީ؛ "އެ ޕްރޮސެސް މިހާރު ފައްޓާފައިވާ" ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ސީޕީ ހަމީދު ނުދެއްވަ އެވެ.

ނަމަވެސް، އެ ވާހަކަތައް ތަފްސީލްކޮށް ދެމުން ފުލުހުންގެ ސްޕޯކްސް ޕާސަން އިޒްމިއާ ޒާހިރު މީޑިއާތަކަށް ވިދާޅުވީ، ރިލްވާންގެ މަރާ ގުޅޭ ގޮތުން އާންމު ކުރި ރިޕޯޓްގައި ހިމެނޭ ދެ އިންޓެލިޖެންސް އޮފިސަރުންނަށް އިދާރީ ފިޔަވަޅު އަޅަން ނިންމައި އެ މީހުންގެ މަސްއޫލިއްޔަތުތަކުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓް އެކުލަވާލެއްވި، ރިޔާސީ ކޮމިޝަން އަދި އޭޖީ އޮފީހުން ވެސް، އެ ރިޕޯޓާ ގުޅިގެން ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ސިޓީތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަޅަން ޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ސީޕީ ހަމީދު ވިދާޅުވީ، "ބައްދަލުވުން ދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި" ކަމަށެވެ.

ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނައިބު ފުލުހުންނަށް އެންގެވީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)

  • ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެ އެވެ.

ރިލްވާނުގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފުލުހުން ކަމަށްވާ ރިއްފަތުއާއި ޖިނާހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ނެގި ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ތުހުމަތުކުރެ އެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އަލްގައިދާއަށް ނިސްބަތްވާ ދިވެހި ގޮފިން ރިލުވާން ރަހީނުކޮށް، ބޯބުރިކޮށްލައި، އޭނާ ވަނީ ކަނޑުފައްތާފަ އެވެ.

ބަންޑާރައިނައިބު ސިޓީގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ފަށައިފައިވާ ކަމަށް ސިޕީ ހަމީދު ވިދާޅުވިއިރު، ބަންޑާރަނައިބު ރިފްއަތު އެންގެވީ ޖިނާހުއާއި ރިއްފަތުގެ މައްސަލައިގައި އިންޓާނަލް ތަހުގީގެއް ހިންގުމަށެވެ. އަދި އެ ދެ މީހުން ދޫވެފައި ތިބުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަކަށް ވާތީ އެ ދެ މީހުން ބަންދުކުރަން އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމަށެވެ.

ދެ ފުލުހުންގެ އިތުރުން ރިލްވާނުގެ މައްސަލައިގައި އިތުރު ތިން ފުލުހަކަށް ތުހުމަތު ކުރެވެ އެވެ. އެ ފުލުހުންގެ މައްސަލަ ބަލައި އެ މީހުން މަސައްކަތުން އެކަހެރި ކުރަންވެސް ބަންޑާރަނައިބު ވަނީ އަންގަވައިފަ އެވެ.

މީގެ އިތުރުން އަބްދުއްރައޫފް ކިޔާ އެމްއެންޑީއެފް މީހެއްގެ މައްސަލަވެސް ބަލަން ރިފްއަތު ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. އަބްދުއްރައޫފަކީ ރިލްވާންގެ ޕާސްޕޯޓު ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވައިގެން އެކަމަށް މަސައްކަތްކުރެއްވި މީހެކެވެ.

https://sun.mv/123958

އެޑިޓަރުގެ ނޯޓު: ތުހުމަތުވާ ދެ ފުލުހުން "ސަސްޕެންޑުކޮށްފި"ކަމަށް މި ޚަބަރުގެ ސުރުޚީގައި ކުރިން ޖެހިފައި އޮތީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް، ގޭގައި މަޑުކުރަށް އެންގުމެވެ. މި ކުށަށް ނިހާޔަތަށް މައާފަށް އެދެމެވެ.

comment ކޮމެންޓް