ރިލްވާން މައްސަލައިގައި ދެ ފުލުހުން ހައްޔަރުކުރަން އޭޖީ އަންގަވައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ކަމުގައިވާ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) ހައްޔަރުކުރަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގަވައިފިއެވެ.

ބަންޑާރަނައިބު އެ ގޮތަށް ފުލުހުންނަށް އެންގެވީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ ބ:

ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެއެވެ.

ރިއްފަތު އެންގެވީ ޖިނާހުއާއި ރިއްފަތުގެ މައްސަލައިގައި އިންޓާނަލް ތަހުގީގެއް ހިންގުމަށެވެ. އަދި އެ ދެ މީހުން ދޫވެފައި ތިބުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަކަށް ވާތީ އެ ދެ މީހުން ބަންދުކުރަން އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމަށެވެ.

ޖިނާހުއާއި ރިފްއަތާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ރިލްވާނު ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމީހުން އޭނާއަށް ފާރަލީ ކަމާއި، ރިލްވާނުގެ ފޯނު ކޯލުތައް އަޑުއެހި ވާހަކަވެސް ރިޕޯޓުގައިވެ އެވެ. އަދި ރިލުވާން ގެއްލުނު ފަހުން އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޖިނާހު އަދި ރިފްއަތު މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ ގިނަ ހެކިތަކެއް މަރު ކޮމިޝަނުގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އެ މީހުންގެ އިތުރުން ރިލްވާންގެ މައްސަލައިގައި އިތުރު ތިން ފުލުހަކަށް ތުހުމަތު ކުރެވެއެވެ. އެ ފުލުހުންގެ މައްސަލަ ބަލައި އެ މީހުން މަސައްކަތުން އެކަހެރި ކުރަންވެސް ބަންޑާރަނައިބު ވަނީ އަންގަވައިފައެވެ.

މީގެ އިތުރުން އަބްދުއްރައޫފް ކިޔާ އެމްއެންޑީއެފްގެ މީހެއްގެ މައްސަލަވެސް ބަލަން ރިއްފަތު ވަނީ ފުލުހުންނަށް އަންގަވައިފައެވެ. އަބްދުއްރައޫފަކީ ރިލްވާންގެ ޕާސްޕޯޓު ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވައިގެން އެކަމަށް މަސައްކަތްކުރެއްވި މީހެކެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރިލްވާންގެ މައްސަލައަކީ މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަމެއް. އަދި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް މައްސަލައެއް މި މައްސަލައަކީ،" ބަންޑާރަނައިބު "ސަން"އަށް ވިދާޅުވިއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާ ހަވާލާދެއްވައި ރިއްފަތު ވިދާޅުވީ، ރިލްވާންގެ މައްސަލައިގައި ބައެއް ފުލުހުންގެ އިހުމާލާއި ސީދާ ބައިވެރިވުން އޮތްކަން އެނގޭ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ހުރަސްއަޅައި މައްސަލައިގެ ހަގީގަތް ފޮރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުން އެނގޭ ކަމަށެވެ. އެކަން ސާބިތު ކުރެވޭނެ ހެއްކާއި ގަރީނާ މިހާރު އެއްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފުލުހުން ކަމަށްވާ ރިއްފަތުއާއި ޖިނާހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ނެގި ކަމަށް މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ މީހުން ހައްޔަރުކުރަން ބަންޑާރަނައިބު އަންގަވާފައިވާ އިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މީހުން ހައްޔަރުކުރަން ގޮވާލައްވައިފައެވެ.

comment ކޮމެންޓް