ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު، ރާއްޖޭގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އޮފީހުގެ ތެރެއަށް އެކި ކުލަތަކާއެކު ޒީނަތްތެރިކަން ގެނެސްދިނުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ އާއިޝަތު ޝިމާނީ (މާނީ) އެވެ.
އޭނާ މެލޭޝިއާގައި އިންޓީރިއާ ޑިޒައިނިންގްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު ކޮންމެ ސެމެސްޓާއެއްގައިވެސް ހޯއްދެވީ ކޯހުން އެއްވަނަ އެވެ. އެހެން ގޮސް ފާހަގަކުރެވޭ ރަން ކާމިޔާބުތަކާއެކު ޝިމާނީ އެނބުރި މާލެ ވަޑައިގަތީ އިންޓީރިއާ ޑިޒައިނިންގް ދާއިރާއިން ފަސްޓް ކްލާސް އޮނާސް ޑިގްރީއެއް ހޯއްދެވި އެންމެ ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ވެގެންނެވެ.


ޝިމާނީ ޑިޒައިންކޮށްދިން ކުރީގެ އިމިގްރޭޝަން ޑިޕާޓްމެންޓު އޮފީސް --
"މާލެ އައި ގޮތަށް ވަގުތުން ބޮޑު މަސައްކަތެއް ކުރަން ނިންމައިގެނެއް ނޫން ހުރީ. އެކަމަކު އިމިގްރޭޝަންގެ މަސައްކަތް ކޮށްލީ ފުރުސަތު ލިބުމުން ތަޖުރިބާ ހޯދުމަށްޓަކައި. އޭރު ސަރުކާރުގެ ހުރިހާ އޮފީހެއްގައިވެސް ހުންނާނީ ހަމައެކަނި ހުދު ކުލަ، ކުލައެއް ނުހުރޭ. އެކަމަކު މި ޕްރޮޖެކްޓު ހިންގުމަށްޓަކައި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު އަޅުގަނޑަށް ދެއްވި އެތަނަށް ބޭނުން ބަދަލެއް ގެނައުމުގެ އިހްތިޔާރު،" ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރ އޮފް ޕްލޭނިންގްގެ މަގާގައި މިހާރު ހުންނެވި ޝިމާނީ ކިޔައިދެއްވި އެވެ.
"އެހެންކަމުން މުޅި އިމިގްރޭޝަން ޑިޕާޓްމެންޓުގެ އިންޓީރިއާއަށް ބަދަލު ގެނައިން. އެތަނުގެ ލޭޔައުޓަށް ބޮޑެތި ބަދަލު ގެނެސް ވަރަށް ތަފާތުކޮށްލެވުނު. އިމިގްރޭޝަންގެ އޭރުގެ ވެރީން ތިއްބެވީ ވަރަށް ހިތްހަމަޖެހިފައި. އަދި ވަރަށް ގިނަ އާންމުންނަށްވެސް އެތަން ކަމުދިޔަ. އެހިސާބުން ގިނަ ބަޔަކަށް މާނީއަކީ ކާކުކަން އެނގި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިތުރު ޕްރޮޖެކްޓުތައްވެސް ލިބެންފެށި،"
ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރ އޮފް ޕްލޭނިންގް އާއިޝަތު ޝިމާނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝިމާނީ އިންޓީރިއާ ޑިޒައިނިންގް ކިޔަވާ ވިދާޅުވާން ހިޔާރުކުރެއްވި ހިސާބުން، އެންމެ ގާތުގައި އުޅުނު ރަހުމަތްތެރިންގެ ފަރާތުން ލިބިލެއްވީ ބޭނުންވި ކަހަލަ ސަޕޯޓެއް ނޫނެވެ. ގިނަ މީހުން ބުނަމުން ދިޔައީ ތިޔައީ މާލެ ފަދަ ތަނެއްގައި މުސްތަގުބަލެއް އޮތް މަސައްކަތެއް ނޫންކަމަށެވެ. ނަމަވެސް ފުރަތަމަވެސް ކިޔަވައިގެން އެނބުރި މާލެ ވަޑައިގެން، ޝިމާނީ ދައްކުވައިދެއްވީ އިންޓީރިއާ ޑިޒައިނިންއަކީ ރާއްޖޭގައިވެސް މުސްތަގުބަލެއް އޮތް ދާއިރާއެއް ކަމެވެ.
އިމިގްރޭޝަން އޮފީހުން ފެށިގެން، އައިޑީކާޑު ޔުނިޓާއި، ރާއްޖޭގައި ބޭއްވި ޓްރޭޑް ފެއާއަކަށް އެސްޓީއޯގެ ފަސް ސްޓޯލަކާއި އަދި ބައެއް ރިސޯޓުތަކުގެ އެކި އިމާރާތްތައްވެސް އޭނާ ޑިޒައިންކޮށްދެއްވި އެވެ.
މިހެން އެކި މަސައްކަތުގައި އުޅުއްވަނިކޮށް 2005 ވަނަ އަހަރުގެ ތެރޭގައި ދެން ލިބިލެއްވީ މާ ބޮޑު ފުރުސަތެކެވެ. ސިންގަޕޫރުގެ އިންޓީރިއާ ޑިޒައިން ކުންފުންޏެއްގައި ވަޒީފާ އަދާކުރެއްވުމުގެ ފުރުސަތެވެ. އިންޓީރިއާ ޑިޒައިނަށް ބޭނުންވާ ތަކެތީގެ ޕްރޮކިއުމެންޓް މަސައްކަތާއި، ޕްރޮޖެކްޓުތައް މޮނީޓަރުކުރުމާއި އަދި ވިޔަފާރި ހިންގުމުގެ އެކިއެކި މަސްއޫލިއްޔަތުތައް ސިންގަޕޫރުގެ ތަފާތު ކުންފުނިތަކުގައި މާނީ އަދާކުރެއްވި އެވެ.

ޝިމާނީ، ސިންގަޕޫރުގައި ހުންނަ އދ.ގެ ގްލޯބަލް ސެންޓާ ފޯރ ޕަބްލިކް ސާވިސް އެކްސަލަންސްގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ފޮޓޯއެއް ---
"ކޮންމެ ތަނެއްގައިވެސް ފެށީ ޑިޒައިންގެ މަސައްކަތުން. އެކަމަކު އެ ޕްރޮޖެކްޓުގެ ތެރެއިން އަޅުގަނޑު ކަންކަން މެނޭޖުކުރުމާއި ޕްލޭންކުރާ ގޮތް ކަމުގޮސް، އޮޕަރޭޝަނަލް ނުވަތަ މެނޭޖީރިއަލް މަގާމުތައް ލިބެންފެށި،" ސިންގަޕޫރުގައި މަސައްކަތުގެ މާހައުލުގެ ތަޖުރިބާ އޭނާ ހިއްސާކުރެއްވި އެވެ.
މިހެން ގޮސް 2012 ވަނަ އަހަރު މާނީއަށް ލިބިލެއްވި މަސައްކަތަކީ ސިންގަޕޫރުގައި އދ. އިން ހިންގި ޔޫއެންޑީޕީގެ ގްލޯބަލް ސެންޓާ ފޯ ޕަބްލިކް ސާވިސް އެންޑް އެކްސެލެންސް އޮފީހުގެ އިންޓީރިއާ ޑިޒައިންކުރުމުގެ މަސައްކަތެވެ. ޔޫއެންޑީޕީން ހޯދަމުން ދިޔައީ އިންޓީރިއާ ޑިޒައިން ހެދުމާއި ސިންގަޕޫރުގައި ވިޔަފާރި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހެކެވެ. އެ ޝަރުތުތަކަށް އޭނާ ފިޓްވި އެވެ.
"އެތަނުގެ ޑިޒައިންތައް ކޮށް ނިމުނުތަނާ އެބޭފުޅުން އަޅުގަނޑު އެޕޮއިންޓް ކުރީ އެތަނުގެ ޑިރެކްޓަރގެ ޕާސަނަލް އެސިސްޓަންޓް، އަދި އޯގަނައިޒޭޝަންގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓުގެ ގޮތުގައި. އެ ވަޒީފާގައި މައިގަނޑު ގޮތެއްގައި ކުރަންޖެހުނު މަސައްކަތަކީ ސިންގަޕޫރުގެ ސަރުކާރާއި ޔޫއެންޑީޕީއާ ދެމެދު މުއާމަލާތްތައް ކޯޑިނޭޓުކުރުން. މިއީ އަޅުގަނޑުގެ އަސްލު ފީލްޑެއްވެސް ނޫން. އެކަމަކުވެސް ވަރަށް އެންޖޯއިކުރެވުނު ވަޒީފާއެއް،" ޝިމާނީ ވިދާޅުވި އެވެ.

ޝިމާނީ މަސައްކަތުގައި ---
އާއިލީ ސަބަބުތަކެއް މެދުވެރިވެގެން ޝިމާނީ 2018 ވަނަ އަހަރުގެ ތެރޭގައި އަނބުރާ މާލެ ވަޑައިގެން މަސައްކަތްކުރައްވަން ފެއްޓެވީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ސަން ސިޔާމްގެ ޑިރެކްޓަރ އޮފް ޕްލޭނިންގްގެ ގޮތުގަ އެވެ. ގިނަ އަހަރުތަކަކަށްފަހު އޭނާގެ ހަގީގީ މަސައްކަތަށް އަނެއްކާވެސް ވާސިލުވެލެއްވީ އެވެ.
"މިތަނުގައި ކުރާ މަސައްކަތްތަކަކީ ރިސޯޓުތަކުގެ ޕްލޭނިންގް، ޑިޒައިން، ޑިވެލޮޕްމަންޓް އަދި ޕްރޮޕަޓީތައް ބަލަހައްޓައި މެއިންޓެއިންކުރުމާ މިފަދަ ކަންކަން. ރިސޯޓެއްގެ ޕްލޭނިންއާއި ކޮންސްޓްރަކްޝަނުން ފެށިގެން އެތަން ހުޅުވަންދެން ހުރިހާ ކަމެއްގައި އުޅެން،" ޝިމާނީ ވިދާޅުވި އެވެ.

ސަން ސިޔާމްގެ ރިސޯޓު ޕްރޮޖެކްޓެއްގެ ސައިޓުގައި ޝިމާނީ (މ) --
ޝިމާނީ ސަން ސިޔާމް ކުންފުންޏާ ގުޅިވަޑައިގެންނެވި އިރު ދ. އަލުވިފުށީގައި އެ ކުންފުނިން ހަދަމުން ދިޔަ "ސަން އަކުއާ އިރުވެލި" ރިސޯޓުގެ ޕްލޭނިންގް އޮތީ ނިމިފަ އެވެ. އެހެން ނަމަވެސް އެހިސާބުން ފެށިގެން، 2018 ގެ ޑިސެމްބަރު މަހު އެ ރިސޯޓު ހުޅުވުމާ ހަމައަށް އޭނާ އެ ޕްރޮޖެކްޓުގައި ބުރަކޮށް ޝާމިލުވެ އުޅުއްވި އެވެ. މީގެ އިތުރުން ކުންފުނިން މިހާރު ޑިވެލޮޕްކުރަމުންދާ ޕްރޮޕަޓީތަކުގެ މަސައްކަތުގައިވެސް ޝިމާނީގެ ދައުރު ވަރަށް ބޮޑެވެ.
"މިހާރުގެ ޕްރޮޖެކްޓުތަކަކީ އެންމެ ކުރިން ކުރި މަސައްކަތާ އަޅާ ބަލާއިރު ވަރަށް ބޮޑެތި ޕްރޮޖެކްޓުތައް. ގިނަ ތަންތަން ހަމަ 'ފްރޮމް ސްކްރެޗް' އިން ފަށައިގެން ކުރިއަށް ދަނީ. އަންހެނަކަށްވެގެން މިއީ ނުކުރެވޭނެ ކަމެއް ނޫން. ރިސޯޓެއްގެ ގޮތުގައި ފެނުމުގެ ކުރިން އެތަނަކީ ކޮންސްޓްރަކްޝަން ސައިޓެއް. ބައެއް ފަހަރު ލަކުޑިބުރިއެއް މަތިންވެސް ހިނގާފައި ދާންޖެހޭ. އަދި ވާރެއާއި ހޫނު އަވީގައި އުޅެ، ޗަކަގަނޑު ތެރޭގައި ހިނގަންވެސް ޖެހޭ ފަހަރު އާދޭ. މިއީ ފަސޭހަކަމެއް ނޫން،" ޝިމާނީ ކިޔައިދެއްވި އެވެ.
ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރ އޮފް ޕްލޭނިންގް އާއިޝަތު ޝިމާނީ، އޮފީހުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެން ނަމަވެސް ޝިމާނީގެ ބެއްލެވުމުގެ ދަށުން، އޭނާ ޕްލޭންކުރައްވައި މަގު ދެއްކެވި ގޮތަށް ތަރައްގީކުރާ ރިސޯޓު ޕްރޮޕަޓީތައް ހެދި، ފުރިހަމަވަމުން އަންނަ މަންޒަރުން ލިބެނީ މަސައްކަތުގައި އުޅޭ ބުރަކަމަށްވުރެ މާ ބޮޑު އުފާވެރިކަމެކެވެ.
މާލޭގައި ފްރީލާންސްކޮށް މަސައްކަތްކުރެއްވި ދުވަސްވަރު ޕްރޮޖެކްޓުތަކަށް ބޭނުންވާ މުށްޓާއި ހޮޅިއާއި ފިޓިންގްސް ފަދަ ތަކެތި ގަތުމަށް ފިހާރަތަކަށް ގޮސް އުޅުނު އިރު ގިނަ މީހުންގެ ލޯތައް މާނީއަށް އަމާޒުވެ އެވެ. އެއީ އާންމުކޮށް އެފަދަ ތަންތަނަށް އަންހެނުން ވަދެ ނޫޅޭތީ އެވެ.

ސަން ސިޔާމްގެ ރިސޯޓު ޕްރޮޖެކްޓެއްގެ ސައިޓުގައި ޝިމާނީ --
"އަޅުގަނޑު ގަބޫލުކުރަނީ އެއީ މި މަސައްކަތް ލޭބަލްކުރެވިފައި އޮތް ގޮތް ކަމަށްވާތީ. މީހުންނަށް ވިސްނިފައި އޮންނަނީ ކޮންސްޓްރަކްޝަނާއި އެކަމާ ގުޅިފައިވާ ކަންކަމުގައި އުޅެނީ ހުސް ފިރިހެނުންނޭ. އެކަމަކު އަންހެނުންނަށްވެސް ސައިޓުތަކުގައި މަސައްކަތްކުރެވޭނެ. ގިނަ ފަހަރަށް ޕްރޮޕަޓީ ހަދަމުންދާ އިރު ދިމާވާ މައްސަލަތައްވެސް ފާހަގަވެ، އެކަން ހައްލުކުރަން ފަސޭހައީވެސް ސައިޓުގައި،"
އަމިއްލަ ދިރިއުޅުމުގައިވެސް ހުރިހާ ކަމެއް ތަރުތީބުން ބެހެއްޓުމަށް ލޯބިކުރާ ޝިމާނީ ކިޔައިދެއްވި ގޮތުގައި، އޭނާ ގޭގައި އެއްޗެހި ބަހައްޓާފައި ހުންނަ ތަރުތީބަށް ބަދަލު އައިސްފި ނަމަ އޭނާއަށް އެކަން ފާހަގަކުރެވެ އެވެ. އިންޓީރިއާ ޑިޒައިނާއި ތަރުތީބަކީ އޭނާގެ ހަޔާތުގެ މުހިންމު ބައެކެވެ. ޝިމާނީ އެދިލައްވަނީ ހުރިހާ ކަމެއްވެސް ރަނގަޅަށް ރޭވިގެން ހިންގުމަށެވެ.
"ބައެއް ފަހަރު ކަންކަން ރާވާ ގޮތަށް ނުހިނގާފާނެ. އެހެނަސް ދެވަނަ ޕްލޭނެއް އޮތުމަކީ ހުރިހާ ކަމެއްގައިވެސް އެންމެ ބުއްދިވެރި ގޮތް،" ޝިމާނީ ވިދާޅުވި އެވެ.