މަޖުބޫރު ވީމާ - (11)

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ޝަކީބު ފެނިގެން އިބާ އެހާ ބިރުގަތީ ކީއްވެ؟" ނަވީން ސުވާލުކޮށްލިއެވެ. އިބާގެ ފަރާތުން އެއްވެސް ޖަވާބެއް ނަޔެވެ.

"އިބާ... އަހަރެން އެބަ އިބާ އާ ވާހަކަ ދައްކަމޭ..." ނަވީން ކުޑަކޮށް އަޑު ބާރުކޮށްލަމުން ސުވާލުކުރިއެވެ.

"އެއީ... އަ... އަހަރެންނަށް ތަނަކުން ފެނުނު މީހަކާ ވައްތަރު ވީ..." އަޅަ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ސިހުނު އިބާ ވާހަކަ ދެއްކިއެވެ.

"ކޮންތާކުން؟"

"ނޭނގެ... ހަނދާ... ހަނދާނެއްނެތް" އިބާގެ އަޑުގައި ހުރި ޖެހިލުންވުން މިފަހަރުވެސް ނަވީން ދެނެގަތެވެ. ހަމައެއާއެކު އަދިވެސް އިބާ ހަމައަކަށް ނޭޅޭކަންވެސް ނަވީން ދެނެގަތެވެ. އިތުރަށް އެ ވާހަކަ މި ގަޑީގައި ދެއްކުމުގެ ބޭނުމެއް ނެތްކަން އެނގުމާއެކު ނަވީން ގަސްތުކުރީ ފަހުން އެ ވާހަކަ އިބާ އާ ދައްކާށެވެ. އޭރުން ފަހަރުގައި އިބާ އޭނާގެ ހިތުގައި އުފެދިގެން އުޅޭ ސުވާލުތަކުގެ ޖަވާބުވެސް ދީފާނެއެވެ.

ކާރު ދުއްވާލި ނަވީންގެ ސިކުނޑީގައ އަދިވެސް ކުރެހެމުން ދިޔައީ އިބާގެ ބިރުގަނެފައިވާ ސޫރައެވެ. އިބާގެ ފަރާތުން އޭނާއަށް ފެނުނު އަސަރުތަކެވެ. އެއަސަރުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކީކޭކަމެއް ނަވީންއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އިބާ އެހާ ކަންބޮޑުވާނީ ކޮންމެވެސް ބޮޑުކަމަކާ ގުޅިގެންކަމެވެ. އެ ސަބަބު އެނގެން ކިތަންމެ ބޭނުންވިނަމަވެސް ހާލަތުގެ ގޮތުން މި ފަހަރުވެސް ކެތްތެރިކަން ނަވީން އިސްކުރިއެވެ.

ގެއަށް ގޮސް އިބާ ފުރަތަމަވެސް ޖައްސައިލީ ސޯފާގައެވެ. ލީ ފުންނޭވާއާއެކު އޭނާއަށް ސޯފާގައި ލެނގިގަނެވުނެވެ. ނަވީން އައިސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނެވެ. ވީ ކިހިނެތްކަމާ ބެހޭގޮތުން ސުވާލުކުރުން ނަވީން ލަސްކޮށްލީ އެވަގުތު ނަރުސްކުއްޖާ ނުކުމެ ވާހަކަ ދެއްކުމުންނެވެ.

*****

ރޭގަނޑެއްގެ ވަގުތެވެ. ހަވީރު ވާރޭވެހިފައި ހުއްޓާލާފައި އޮތަކަސް އަދިވެސް ކޮންމެވެސް ވަރަކަށް ތެތްފިނިކަމުގެ އަސަރު ފަޒާގައި ވެއެވެ. ބެލްކަނީގައި މަޑުކޮށްލައިގެން އިބާ ހުއްޓާ ނަވީން ނުކުތެވެ. އިރުކޮޅަކު ރެއިލިންގައި އަތް އަޅުވާލައިގެން ހުރެފައި ނަވީން އިބާއަށް ބަލާލިއެވެ.

"އިބާ.... އިބާއަށް އެނގޭތަ؟ އަހަރެން މަންމައަށް ދިމާވި ކަންތަކުގެ ކުޑަވެސް މިންވަރެއް....." ނަވީން ވާހަކަ ދައްކަން ފެށިއެވެ. މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިބާއާއި ނަވީންގެ ގުޅުންވެސް ފުދޭވަރަކަށް ގާތްވެފައި ވެއެވެ.

"މަންމަ.... މަންމަ ކިޑްނެޕްކޮށްގެން ގެންގުޅިފައި އެންމެ ފަހުން ކަނޑު ބޯޓަކަށް ލާފައި މަންމަ ލަންކާއަށް ފޮނުވާލީ... އެވެސް އެންމެނަށް ސިއްރުން... ބޮޑެތި މީހުންނާ ގުޅިގެން އެކަން ސިއްރު ކުރީ... ކޮރަޕްޝަންގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އެމީހުން ހިފީ... އިބާއަށް އެނގޭތަ.... ކާކުކަން އެކަމުގެ އެންމެ އަޑީގައި ހުރީ....؟؟" ނަވީން ސުވާލުކޮށްލިއެވެ. އިބާ ދެފަރާތަށް ބޯ ހޫރާލީއެވެ.

"ނޭނގެ... " މަޑު މަޑުން އިބާ ބުނެލއެވެ.

"އިބާ އެއްފަހަރުގައި އަހަރެންނާ ސުވާލުކުރި ހަނދާންވޭތަ އަހަރެން އާއިލާ އާ ވަކިން މަންމަ ގެންގުޅެނީ ކީއްވެހޭ؟ އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އަހަރެންގެ ބައްޕަ ކަމުގައި ވީތީ..." ނަވީން ދުރުބަލާލިއެވެ.

"ނަވީންގެ ބައްޕައޭ...." އިބާއަށް އަހާލެވުނެވެ.

"އާނ... އަހަރެންގެ ބައްޕަ.... އެމީހުން މަންމަ ގެންގުޅުނީ ބައްޕަގެ އިމާރާތެއްގެ ތެރޭގަ... ބަންދުކޮށްގެން... އެއަށްފަހު އެމީހުން ބޭނުންވާ ކަންތައް ވީމަ މަންމަ ފޮނުވާލީ.... މަންމަ މަރުވިކަމަށް ނިންމީ އެމީހުން ކުޅުނު ޑްރާމާއިން ލިބުނު ހެކި ތަކެއްގެ އެހީގައިކަން އަހަންނަށް ޔަގީން... އެނޫނީ ކީއްވެ މަންމަގެ ހަށިގަނޑު މާލޭ ފަޅުތެރެއިން ފުލުހުންނަށް ފެންނަންވީ... އޭގެ މާނައަކީ އެމީހުން އިތުރު މީހަކުވެސް މަރާލިޔޭ.... " ނަވީން ވާހަކަދެއްކިއެވެ. އިތުރު ވާހަކަތަކެއްވެސް ނަވީން ކިޔައިދިނެވެ.

އިބާގެ ހަނދާނަށް މީގެ ކުރިން އޭނާއަށް ފެނުނު މަންޒަރުތައް އައީ ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެތް ހިނގައިގަތެވެ.

"އޭރު ފެނުނު މީހާ އާއި ނަވީންގެ ބައްޕައާ އޮތީ ކޮން ގުޅުމެއްތަ؟" އިބާ އަހާލިއެވެ.

"އަހަރެންގެ ބައްޕައާއެކު ކުންފުނީގައި މަސައްކަތް ކުރި މީހެކޭ ޝަކީބު އަކީ... އޭރު އޭނާއަކީ ކުންފުނީގެ ސެކެޓްރީ...ފަހުން ޖެހުނު މައްސަލައެއްގަ ޝަކީބު އެމީހުން ބައްޕަމެން ކުންފުންޏަށް ޖޮއިންވީ... " ނަވީން އިބާގެ ސުވާލުގެ ޖަވާބުދިނެވެ.

"ނަވީން... ފަހަރުގައި މަންމަ ހައްޔަރު ކޮށްގެން ގެންގުޅުނު ގެއަށް ދިޔައިމަވެސް ހެއްކެތް ލިބިދާނެއެއްނު..." އިބާ ބުނެލިއެވެ. ހަޤީގަތުގައި އޭނާ ބޭނުންވީ އެއީ ކޮން އިމާރާތެއްތޯ ބަލާށެވެ. އެ އިމާރާތަކީ އޭނާ ހީކުރާ އިމާރާތަށް ވެއްޖެނަމަ އޭނާގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލުވާނެއެވެ. އެރޭ އޭނާއަށް ގޮނޑީގައި އިންދާ ފެނުނީ މާހިރާކަން ޔަގީންވާނެއެވެ. އެ ދުވަހު އޭނާއަށް މާހިރާ ފެނުނީ އަނގައިގައި ފޮތިގަނޑެއް ބަދެފައި އިންދައެވެ. މޫނުމައްޗަށް އިސްތަށިތައް ވެރިފައިވުމުން ކާކުކަން ޔަގީނެއް ނުވެއެވެ.

"އެކަމަކު މިހާ ދުވަސްވާއިރު...." ނަވީން ކުޑަކޮށް މަޑުޖެހިލިއެވެ.

"ހަމަ ފަހަރެއްގައި ކޮންމެވެސް ހެއްކެތް ލިބުން އެކަށީގެންވެއެއްނު! ބަލާލުމަކުން ގެއްލުމެއް ނެތެއްނު..." އިބާ ބުނެލިއެވެ.

ނަވީން ވިސްނާލިއެވެ. އިބާ އެބުނަނީ ރަނގަޅު ވާހަކައެކެވެ. އެގެއަށް ދާންވީއެވެ. އެތަނުން ހަމަ ފަހަރެއްގައި ކޮންމެވެސް ހެއްކެތް ފެނިދާނެއެއްނޫންހެއްޔެވެ؟ މިރޭ އިތުރުކަމެއް ނެތުމާއެކު ނަވީން އެގެއަށް ދާން ނިންމިއެވެ. މިހާ ދުވަސް ވާއިރު ހެއްކެތް ލިބޭކަމެއްވެސް ނޭނގެއެވެ. އެކަމަކު ބަލާލުމަކުން މައްސަލައެއް ނެތްތާއެވެ. ކޮންމެއަކަސް ކަންތައްތައް އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ނަވީން އިތުރަށް ވިސްނާކަށް ބޭނުމެއްނުވިއެވެ.

ނަވީން ދާން އުޅުމުން އިބާވެސް ނަވީންއާ އެކު ދާން ބޭނުންވިއެވެ. ނަވީން އާއެކު ގޮސް ކާރަށް އެރި އިރު އޭނާގެ ހިތްވެސް ދިޔައީ ނުހަނު ބާރު މިނުގައި ތެޅެމުންނެވެ. ނަވީން ބުނެލާ އެއްޗަކަށް އާނ ހޫމް ކިޔާލުން ފިޔަވާ އިތުރުކަމެއް އިބާއަކަށް ނުކުރެވެއެވެ. އޭނާއަށް މިކުރެވެނީ އަނެއްކާ ކުށް ހީ އަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟.

ނަވީން ގޮސް ކާރު މަޑުކޮށްލިއިރުވެސް އިބާއަށް އިނދެވުނީ ކޮންމެވެސް ކަމަކާ ވިސްނާށެވެ. ނަވީން އެއްފަހަރު ގޮވާލުމުންވެސް އަޑެއްނީވުނެވެ. ދެވަނަ ފަހަރު ތަންކޮޅެއް ބާރަށް ގޮވާލުމާއެކު ސިހިފައި އާއެކޭ ބުންޏެވެ. ނަވީން ފޭބުމާއެކު އޭނާވެސް ފޭބިއެވެ. ދެމީހުން އެކީގައި ގޮސް މަގު ހުރަސްކުރިއެވެ. އެއާއެކު އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ނަވީން ވަންނަން ފެށީ ހަމަ އެގެއަށެވެ. ޝައްކު ޔަޤީނަށް ބަދަލުވުމާއެކު އިބާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ހަމަ އެއާއެކު އެރޭގެ ހަނދާންތަކެއް އަނެއްކާވެސް އިބާގެ ސިކުނޑިއަށް ވެރިވެގަތެވެ.

*****

މަންމައާއި ބައްޕަގެ ވަކިވުމަށްފަހު އިބާ ދިރިއުޅެމުން ދިޔައީ ތިމާގެ މީހެއްގެ ގާތުގައެވެ. އެމީހުންގެ އަނިޔާވެރިކަމުގެ ވަކިތަކުގެ ސަބަބުން ކޮންމެ ދުވަހަކު އޭނާގެ ހަށިގަނޑުގައި އެތަކެއް ވޭނެއް އަޅައެވެ. އެއީ ރޭގަނޑެކެވެ. ގޭން އޭނާ ނުކުންނަން ޖެހުނީ ކެތް ނުވާވަރު ވުމުންނެވެ. އިލޮށިފަތިން އިބާގެ ގައިގައި ތެޅުމަށްފަހު އެންމެން ނިދަން ވަތް ވަގުތު އޭނާގެ ބޭބެ އޭނާ ނިދާ ކުޑަ ކޮޓަރި ގަނޑަށް ވަނީއެވެ. އޭނާގެ ގައިގައި އަތްލަން މަސައްކަތް ކުރުމުން ކުޑަޔަސް އެއީ ގޯސްކަމެއްކަން އިބާއަށް ވިސްނުނީއެވެ. އިބާގެ ކޮލުގައި ހިފައިގެން ހުރެ އެއްވެސް މީހެއް ގާތު އެވާހަކަ ނުބުނަން އަމުރު ކުރުމުން ބިރުންހުރެވެސް އިބާ އޭނާގެ އަތުގައި ދަތް އަޅާގަނެފައި ދުއްވައިގަތީއެވެ. ބިރުން ހުރެ ދުވަމުން ދިޔަ އިބާގެ ފަހަތުން އަންނަމުން ދިޔަ އޭނާގެ ބޭބެއަށް ފިލަންވެގެން އިބާއަށް ވަދެވުނީ އެއްފަރާތުގައި ހުރި އިމާރާތަކަށެވެ. އޭރު ކޮންމެވެސް މީހަކު ކޮއްކޯ އޭ ކިޔާ ގޮވާލިހެންވެސް އޭނާއަށް ހީވިއެވެ. އެހެންނަމަވެސް އެކަމަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ބޮޑަށް އޭރު އިބާ ހުރި ބިރުގެންފައެވެ. އޭރު މި ވަދެވުނީ ކޮންފަދަ ހާއްޔަކަށް ކަމެއް އިބާއަކަށް ނޭނގުނެވެ. އޭނާ ވަތް އިރު ވެސް ކޮންމެވެސް ވަރެއްގެ ގިސްލުމެއްގެ އަޑު އިވެއެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރު ލޮލުގައި އަޅައިގަތެވެ. ކޮންމެވެސް ބައެއް އެތަނުގައި ތިބިތަން ފެނުނުނަމަވެސް އޭނާ ބިރުގަނެފައި ހުރިވަރުން ޖެހިގެން ހުރި ސިޑިން ވެސް މައްޗަށް އެރީއެވެ. މައްޗަށް އަރާ އެތަނުގައި ހުރި ގާތަކެއްގެ ފުރަގަހުގައި އިށީނދެގެން އިބާ އިނީއެވެ. އެހެން އިންދާ އަނދިރިކަން އޭނާގެ ލޯ މައްޗަށް ވެރިވެގެން ދިޔައެވެ. ކުޑަކޮށް ނިދިޖެހޭގޮތްވީއެވެ.

ދެން ހޭލެވުނީ ކޮންމެވެސް ދެމީހަކު ވެގެން އަންހެނަކު އެތަނަށް އަރުވާ އަޑަށެވެ. އޭރުވެސް އެ އަންހެންމީހާ ހަޅޭއްލަވަމުން ދިޔައެވެ. އަނގަމަތީގައ ވަނީ ފޮތިގަނޑެއް އައްސާފައެވެ. އެމީހާ އަރުވާފައި އެތަނުގައި ބެހެއްޓުމަށްފަހު ދެން ވެސް އިތުރު މީހަކު އެރުވިއެވެ. ދެން ހިނގައިދިޔަ ކަންތައްތަކަކީ އޭނާގެ ހަޔާތުގައިވެސް ފެނުނު އެންމެ ބިރުވެރި ކަންތައްތަކެވެ.

ނަވީން އާއެކު އޭނާ އެ އިމާރާތުގެ ތެރެއަށް ވަނުމާއެކު އަނެއްކާވެސް އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އިބާ ސިޑިން މައްޗަށް އަރަން ފެށުމުން ނަވީން ގޮވާވެސް ލިޔެވެ. އެހެންނަމަވެސް އެ ގޮވާލުމަށް އިބާ ސަމާލުކަމެއް ނުދިނެވެ. އޭނާ ބޭނުންވާ ހިސާބަށް އަރާފައި މަޑުޖެހިލިއެވެ. ނަވީން ވެސް ފަހަތުން އައިސް އިބާ ގާތުގައި ހުއްޓުނެވެ. ހިރަފުހާ ހެދި އިބާއަށް ދެފަހަރަކު ކިނބިއްސެއްވެސް އަޅާލެވުނެވެ.

"އިބާ.... މިތަނުން އެއްވެސް އެއްޗެއް ފެންނާނެހެނެއް ހިޔެއްނުވޭ.... ހިނގާ ދާން..." ނަވީން އިބާގެ އަތުގައި ހިފިއެވެ.

"ނޫން.... ނަވީން" އިބާ އޭނާގެ ތުރު ތުރު އަޅަމުން ދިޔަ އަތުން ނަވީންގެ އަތުގައި ހިފައްޓާލިއެވެ. އެއަށްފަހު ކަރުނަވީ ދެލޮލުން ނަވީންއަށް ބަލާލިއެވެ. ދެމީހުން ދިއްލައިގެން ތިބި ފޯނުގެ އަލި ނޫން އައްޔެއް އެތާކު ނުވެއެވެ.

"އިބާ ކިހިނެތްވީ؟" ނަވީން ހާސްވިއެވެ.

"ނަވީން... މިތާ.... މިތާ..... " އިބާއަށް ވާހަކައެއް ނުދެއްކުނެވެ. އެ ހާދިސާގެ ވާހަކަ އަދި އަދަށް ދާންދެންވެސް އިބާ ވަނީ އޭނާގެ ހިތުގެތެރޭ ގައި ފޮރުވާލާފައެވެ. މިރޭ އެ ހާދިސާ ހިނގާ ދިޔަ ގޮތް ކިޔައިދޭން އުޅުނަސް އޭނާގެ ދުލުގައި އެޅުވިފައިވާ ތަޅާހެދި އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

"އިބާ ކިހިނެތްވީ؟" ނަވީން ދެވަނަ ފަހަރު ސުވާލުކޮށްލިއެވެ. ނަވީންގެ އަތުގައި ހިފައިގެން ހުރެ ކުޑަ ކޮށް ކުރިއަށްޖެހިލާ އިބާ ދައްކާލީ ފާރެވެ. އެ ފާރުގެ މެދާ ހިސާބުގައި ރީތިކޮށް ނުރާނާ ގާ އަތުރާފައި ވިތަނަށް އިޝާރާތް ކުރިއެވެ. އޭރުވެސް ބައެއް ގާތައް ވެރިފައި ހުއްޓެވެ. ނަވީން އިބާގާތު ކޯންޗެއްހޭ އަހާލިއެވެ. އިބާއަށް އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. އިބާ ގާތު މަޑުކުރަން ބުނެފައި އެތަނަށް ގޮސް ނަވީން އެ ގާތަށް އެއްފަރާތް ކޮށްލިއެވެ. އެތެރެއަށް އަލި ކޮށްލުމުގެ ކުރިން އޭނާ އިބާއަށް ބަލާލިއެވެ. އިބާ ކުޑަކޮށް އިސް ޖަހާލިތަން ފެނުނެވެ. ނަވީން ފުން ނޭވާއެއް ދޫކޮށްލަމުން އެތެރޭގައި އޮތީ ކޯންޗެއްތޯ ބަލާލިއެވެ. ފޯނުގެ ލައިޓް އެ ދިމާލަށް އަމާޒު ކޮށްލުމާއެކު ނަވީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއަށްފަހު އޭނާއަށް ބަލާލެވުނީ އިބާއާ ދިމާލަށެވެ. އިބާ ދެލޯ މަރާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އެއައި ގޮތަށް އައިސް އޭނާ އިބާގެ އަތުގައި ހިފިއެވެ. އެއަށްފަހު ސީދާ އިބާގެ ދެލޮލާ ލޯ އަމާޒުކޮށްލިއެވެ. އިބާގެ ދެލޮލުން އޭނާ އަށް ފެނުނު ޖެހިލުންވުމުގެ އަސަރުން އޭނާގެ ހަށިގަނޑަށްވެސް ގުޑުން އެރިއެވެ. އެ ހިނދު ޝަކީބު ފެނިގެން އިބާގެ މޫނުމައްޗަށް ވެގެން ދިޔަ ގޮތް ލޯ މައްޗަށް ސިފަވިއެވެ.

"އިބާ... ކިހިނެތްވީ؟ އިބާ އާ މިތަނާ ކޮން ގުޅުމެއް؟" ހާސްވެފައި ހުރިވަރުން ނަވީންއަށް ސުވާލުވެސް ކުރެވުނީ ކަންކޮޅެއް ބާރަށެވެ. އެ އަޑަށް އިބާ ސިހުނުކަންވެސް ނަވީން ދެނެގަތެވެ. އެހެންނަމަވެސް ޖެހުނު ޖަޒުބާތުގެ އަސަރުގައި އޭނާއަށް ބާރަށް ވާހަކަ ދެއްކުނީއެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް ހަމަޖެހެވޭގޮތެއް ނުވިއެވެ.

"އިބާ އާ މިތަނާ ކޮން ގުޅުމެއްހޭ! ޝަކީބު ފެނިގެން އިބާ އެހާ ބިރުގަތީ ކީއްވެހޭ؟... އަދި... އެ... އެ ކަތިވަޅި އެތަނުގައި އޮތްކަން އިބާއަށް އެނގުނީ ކިހިނެތް؟" ނަވީންއަށް ހަޅޭއްލަވައިގަނެވުނެވެ. އިބާގެ ހިތުގައި ހިނގަމުންދިޔަ ހައިޖާނުގަނޑަށްވެސް ވިސްނާލުމެއްނެތި ނަވީންއަށް އޭނާގެ ސުވާލުތަކުގެ ޖަވާބު ހޯދަން އަވަސްވެގަނެވުނެވެ. އިބާއަށް އެނގެނީ ކޯންޗެއްހެއްޔެވެ؟

"އިބާ ޖަވާބު ދީ!" ފަހަރަކަށް ވުރެ ފަހަރެއް އިބާގެ ކޮނޑުމައްޗަށް ބާރުވަމުން ދިޔައެވެ. ތަދުވަމުން ދިޔައެވެ. ނަވީންގެ އަތް ދިޔައީ ބާރުވަމުންނެވެ. ނަވީން ހަޅޭއްލަވައިގަތުމުން އިބާގެ ދެލޮލުން ވަގުތުން ކަރުނަތައް ކޯތާފަތް މައްޗަށް ދެމިގަތެވެ. އެ ހިނދު އޭނާއަށް ފެނުނު މަންޒަރު ނަވީންއަށް ކިޔައިދޭން ހިތްތެޅި ފޮޅެމުން ދިޔަނަމަވެސް އޭނާގެ ހަށިގަނޑުގައި އުފެދުނު ޖަޒުބާތާ ބިރުވެރިކަން އެކަމަށް ތަނެއް ނުދިނެވެ.

"ނަވީން ތަދުވެޔޭ!" އިބާއަށް ބުނެވުނެވެ. ރޮމުންނެވެ. ގިސްލަމުންނެވެ.

"އިބާއަށް އެނގޭ ހުރިހާ އެއްޗެއް ކިޔައިދޭށޭ... މަންމަ މިތަނުގައި ގެންގުޅުމުގެ ފަހަތުގައި ޝަކީބުގެ އަތެއް ވޭ ހެއްޔޭ؟ އިބާއަށް އެނގެނީ ކޯންޗެއްހޭ؟ ކިހިނެތް އިބާއަށް އެ ވަޅި އޮތްކަން އެނގުނީ؟" ނަވީން އޭނާގެ ސުވާލުތައް އެތައް ފަހަރަކު އެތައް ގޮތަކަށް ތަކުރާރު ކުރިއެވެ. އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ދޭނެގޮތެއް އިބާއަކަށް ނޭނގުނެވެ. އެހާ ގާތްކޮށް އުޅެފައި ނަވީން އޭނާދެކެ ރުޅިއައުމުން ހުދު އިބާވެސް ހުރީ ހަދާނެގޮތް ހުސްވެފައެވެ. އެވާހަކަތައް ކިޔައިދޭން އޭނާ ނުކުޅެދިފައިވާކަން ހާމަކުރާނީ ކިހިނެތްހެއްޔެވެ؟ އެ ހާދިސާއަކީ އަދި އަދަށް ދާންދެންވެސް އޭނާއަށް އުނދަގޫ ކުރާ ހާދިސާއެއްކަމާ އެރޭގެ މަންޒަރުތައް އޭނާއަށް ފެނުނުކަމީ އިއްތިފާގެއްކަން އޭނާ ނަވީން ގާތު ބުނަން ހާދަ ބޭނުމެވެ. އެހެންނަމަވެސް ދެރައީ އެވާހަކަ ކިޔައިދޭން އޭނާގެ ދޫ ހަރަކާތް ނުކުރާތީއެވެ. އަދިވެސް އެ މަންޒަރުން އޭނާގެ ހަށިގަނޑު ގަނޑުކޮށްލައެވެ. އެ ބިރުވެރި މަންޒަރު ކިޔައިދޭން ވެއްޖެނަމަ އޭނަ މޮޔަވެދާނެއެވެ.

"ނަވީން... އަހަރެން... އަހަރެން ދައްކާ ވާހަކަ އަޑު އަހާ...." އިބާއަށް ބުނެވުނެވެ.

"އަހަރެން އިބާ ގާތު ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދީ!" ނަވީން ދެންވެސް ހަޅޭއްލަވައިގަތެވެ.

ތަކުރާރުކޮށް ނަވީން އަނެއްކާވެސް ސުވާލުކުރަން ފެށުމާއެކު އިބާއަށް ދެ އަތުން ކަންފަތުގައި އަތް އަޅާލެވުނެވެ.

"އައި ސޯ ހިމް ކިލިންގް ސަމްވަން..." އެ ހުރި ގޮތަށް ހުރެ އިބާއަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އެ ހިނދު ނަވީންއަށް އިބާގެ އަތުން އަތް ދޫކޮށްލެވުނެވެ. ފަހަތަށް ފިޔަވަޅެއްވެސް އަޅާލެވުނެވެ.

"ވިތް ދެޓް...." އަތުން އެ ކަތިވަޅި އޮތް ދިމާލަށް އިޝާރާތް ކޮށްލަމުން އިބާ ބުނެލިއެވެ.

"އޭނަ އޭގެން މީހަކު މަރާލިތަން ފެނުނީ.... ނަވީން... އަހަންނަށް... އަހަންނަށް އެރޭ މިތަނަށް އާދެވުނީ އިއްތިފާގަކުންނޭ.... އަހަރެން...." އިބާއަށް ވާހަކަދެއްކޭ ގޮތެއްނުވިއެވެ. ބޮލަށް އެނބުރުން އަރާ މީހާ އަރި އަޅާލިއެވެ. ނަވީން ކުރިއަށް ޖެހިލާ އިބާގެ ގައިގައި ނުހިފެއްޓިނަމަ އިބާ ވެއްޓުނީހެވެ.

އޭނަ.... މީހަކު މަރާލީ.... އޭރު އަދި އިތުރު މީހަކު....." ލޯ މައްޗަށް އަނދިރިވެ ހަބަރު ހުސްވުމުގެ ކުރިން އިބާގެ ދުލުން ބޭރުވީ އެންމެ ބަހެކެވެ. ނަވީންގެ ހަމަހޭވެރިކަން އަނބުރާ އައީ އެވަގުތެވެ. އިބާއާ ދިމާލަށް ހަޅޭއްލެވުނީތީ އޭނާ އަމިއްލަ ނަފްސަށް އަޑުލިޔެވެ.

އިބާ އޭނާގެ އަތް ދަނޑި މައްޗަށް އުފުލާލައިގެން ބޭރަށް ނުކުތްއިރު ކޮންމެވެސް ވަރަކަށް ހިމަ ފޮދު ވާރޭ ވެހެމުން ދިޔައެވެ. ކާރުގެ ސީޓަށް އިބާ އެރުވުމަށްފަހު އޭނާއައިސް އަނެއްފަރާތަށް އަރާ ހަމަޖެހިލިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އިބާ ގޮވައިގެން ނަވީން ދިޔައީ ހޮސްޕިޓަލަށެވެ. އިބާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ.

ނަރުސް ކުއްޖާއަށް ގުލާލުމަށްފަހު މިރޭ ގެއަށް ދެވޭނީ ތަންކޮޅެއް ލަހުން ކަމަށާއި އޭނާ ދަންދެން މަންމަ ގާތުގައި މަޑުކުރަން ބުންޏެވެ.

އިބާގެ މެރިފައިވާ އެސްފިޔަތަކަށް ނަޒަރު ހުއްޓާލައިގެން ނަވީން އިނެވެ. އެ މޫނުމަތިން އޭނާއަށް އުދާސްކަން އޭރުވެސް ފެންނަމުން ދިޔައެވެ.

"އެރޭ... އިއްތިފާގަކުން އެތަނަށް ދެވުނީ... ނަވީން" އިބާގެ ދޫ މަޑުމަޑުން ހަރަކާތް ކުރިއެވެ. ނަވީން އިބާއާ ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ. ގުދުވެލީ ނިދީގައި އިބާ ކިޔާ އެއްޗެއް ނޭނގޭތީއެވެ. ދެވަނަ ފަހަރުވެސް އިބާ ދެންމެ އެބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ. އެއަޑު އިވުމާއެކި ނަވީންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ދެފަހަރަކު ބުމަގާތް ކޮށްލުމަށްފަހު އިބާ އަނެއްކާވެސް ހަމަޖެހުނެވެ.

އިބާއަށް ގުޅާފައިވާ އައިވީއަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ނަވީން ދެކޮޅަށް ހިނގަންފެށިއެވެ. ދެން އިތުރަށް ކަމެއް އެނގޭނީ އިބާ ހޭލުމުންނެވެ. މިހާރުއްސުރެ އެވަގުތަކަށް އިންތިޒާރުކުރެވެން ފެށިއެވެ.

އެނބުރި ގޮސް ގޮނޑީގައި އިށީނދެފައި އިބާގެ އިސްތަށިތައް އެއްފަރާތުން ކަންފަތް ދޮށަށް ލައްވައިދިނެވެ. އެއަށްފަހު އަނެއްކާވެސް އެމޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އިބާގެ މައުސޫމް މޫނުން އެއްޗެއް ދޭހަކުރެވޭތޯ އޭނާ އުޅުނެވެ.

*****

އެސްފިޔަތައް ދެފަހަރަކު ތަޅުވާލާފައި އިބާ ލޯ ހުޅުވާލިއެވެ. ފުރަތަމަވެސް އަޅައިގަތީ ހުދު ސީލިންގެވެ. ވަށައިގެން ނަޒަރު ހުއްޓާލުމާއެކު އޭނާއަށް މި އޮވެވުނީ ހޮސްޕިޓަލުގެ ކޮޓަރިއެއްގައި ކަން ދެނެގަނެވުނެވެ. މަޑުމަޑުން ތެދުވަން އުޅުނު އިބާގެ ލޮލުގައި އެއްފަރާތުގައި ބޯ ޖައްސާލައިގެން ނިދިފައި އޮތް ނަވީން އަޅައިގަތެވެ. ސިކުނޑިއަށް ކުޑަކޮށް ބާރުލުމާއެކު ވީގޮތް އިބާގެ ހަނދާނަށް އައެވެ. ނަވީންގެ މޫނު އެހާ ގާތުން ފެނުމުން މި ފަހަރު އިބާއަށް ވެސް އާދަޔާ ހިލާފް ގޮތެއްވެގެން ދިޔައެވެ. މޭގައި އަތް ޖައްސާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ނޫން" އަމިއްލަ ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އިބާއަށް ބުނެވުނެވެ.. އެކަނި އިނދެ އެއީ ކިހިނެތްވެގެން ވާ ކަމެއްތޯ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.

"އެކަނި އިނދެ ކޮން ވާހަކައެއް ތި ދައްކަނީ އިބާ؟" ނަވީންގެ އަޑާއެކު އިބާ ސިހިފައި ނަވީންއާ ދިމާލަށް ބަލާލިއެވެ. އޭރު ނަވީން ބޯ ހިއްލާލަނީއެވެ.

"ކިހިނެތްތަ؟" ނަވީން ސުވާލުކޮށްލީ ނިކަން ހަމަޖެހިލިފާއެވެ.

"ނަވީން އައި އެމް ސޮރީ..." އިބާ ބުންޏެވެ.

"ކޮންކަމަކާ؟" ނަވީން ބުމަ އަރުވާލިއެވެ.

"އެރޭ... އަހަރެން..." އިބާ ވާހަކަ ދައްކަން އުޅުނެވެ. ދެއަތް ދެއަތާ މޮޑެން ފެށުމުން ނަވީން އިބާގެ އަތުގައި ހިފައްޓާލިއެވެ. އަދި ބޯ ޖަހާލިއެވެ.

މަޑުމަޑުން އިބާ އެރޭ ކަންތައް ވީ ގޮތް ނަވީންއަށް ކިޔައިދޭން ފެށިއެވެ. އޭނާއަށް ފެނުނު މަންޒަރުތައް ކިޔައިދެމުން ދިޔައިރު އިބާގެ އަޑަށްވެސް މަޑު ތުރު ތުރު އެޅުމެއް ވެރިވަމުން ދިޔައެވެ. ނަވީންވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ކުޑަ އިރު އެފަދަ މަންޒަރެއް ފެނުމުން އިބާއަށް ކުރިމަތިވެދާނެ ނަފްސާނީ ގެއްލުމަކާ މެދުވެސް ވިސްނާލެވުނެވެ. އިބާ މޮޔަނުވިކަން ނަސީބެކެވެ.

ބައެއްފަހަރު އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ނުކިޔައިދެވޭ ހާލަތަށްވެސް އާދެއެވެ. އިބާގެ ނޭވާ އަވަސްވެއެވެ. ހާސްވެއެވެ. ހޮޑުލަވާ މޭނުބައި ކުރާ ގޮތްވެސް ވެއެވެ.

އެހުރިހާ ވާހަކައެއް އޭނާ ކިޔައިދިނީ ނަވީންގެ ހައްގުގައެވެ. ނަވީންގެ މަންމައަށް އިންސާފު ލިބޭނޭ ހަމައެކަނި ގޮތަކީ އެއީއެވެ. ކަންތައް ތައް ނަވީންއަށް ހޯދޭނީވެސް އޭނާއަށް އެނގޭ ވަރަކުން ކިޔައިދީގެންނެވެ. މާހިރާއަށް އިބާގެ ހިތުންވެސް ވަނީ ވަރަށް ހާއްސަ ޖާގައެއް ދެވިފައެވެ. މަޑުމަޑުން ގޮނޑިން ތެދުވެ އިބާގެ ގައިގައި ބައްދާލި ނަވީން އިބާއަށް ހިތްވަރުދިނެވެ. ރޮމުންދިޔަ އިބާ ހަމައަކަށް އަޅުވަން ނަވީން އެތަކެއް ވާހަކައެއް ދެއްކިއެވެ. ނަވީންގެ އެ ގާތްކަމުން އިބާއަށް ވެސް ރައްކާތެރިކަން އިޙްސާސްވިއެވެ. އޭނާގެ ހިމާޔަތުގައި ހަޤީގަތުގައި ވެސް ނަވީން ހުރި އިޙްސާސްކުރެވުނެވެ. ނަވީންއަށްޓަކައި އެ ހިތުގައި މިރޭ ހަމަގައިމުވެސް ހުޅުކޮޅެއް ދިއްލިގެން ހިނގައްޖެއެވެ. ބުނެދޭން ނޭނގޭ އާދަޔާ ހިލާފު ޖަޒުބާތެއް ހޭލައިގެންފިއެވެ.

"ކޮން އިރަކުން ދޫކޮށްލަނީ..." ނަވީން އިބާ ދުރުކޮށްލުމާއެކު އިބާ ލަދުން އިސްޖަހާލަމުން ސުވާލުކޮށްލިއެވެ.

"އައިވީ ހުސްވީމަ..." މެދާ ހިސާބަށް ގޮސްފައިވާ އައިވީ ފުޅި ދައްކާލަމުން ނަވީން ބުނެލިއެވެ.

"ހާދަ އިރެއް؟" އިބާއަށް ބުނެވުނެވެ.

"ފްރެންޑެއް އުޅޭނެ... ބުނަންވީ ދޯ ދޫކޮއްލަން!" ނަވީން ބުނެލިއެވެ. އިބާ ބޯ ޖަހާލިއެވެ. ނަވީންއަށް ހުރިހާ ވާހަކައެއް ކިޔައިދެވުމުން އިބާއަށް ވެސް ލިބިފައިވަނީ އާދަޔާ ހިލާފް ހިންޖަހެހުމެކެވެ. ބޮލުން ބޮޑު ބުރައެއް އުފުލިގެން ދިޔަކަމުގެ އިޙްސާސްކުރެވުނެވެ. ނަވީން އޭނާގެ އެކުވެރިޔާ ގާތު ބުނެގެން އިބާގެއަށް ދޫކޮށްލެވޭ ގޮތް ހަމަޖެއްސިއެވެ.

އިތުރުކަމެއް ވާނަމަ ލަސްނުކޮށް ދައްކާލަންވާނެ އިނގޭ" ޑޮކްޓަރު ނަވީން ގާތު އެދުނެވެ. ބޯ ޖަހާލުމަށްފަހު ނަވީންވެސް އިބާ ގޮވައިގެން ގޮސް ކާރަސް އެރިއެވެ.

އޭރު މެންދަމުން އަލިވެ ދެއެއްޖަހާ ބޮޑުވެއްޖެއެވެ. އާފުރިލި އިބާ ގޮނޑީގައި ހަމަޖެހިލިއެވެ. ނަވީން ހިނިތުންވެލިއެވެ. އޭނާ އިބާއަށް ބަލާލުމަށްފަހު ކާރު ދުއްވާލިއެވެ. ގެއާ ހިސާބަށް ދެވުނު އިރު އިބާއަށް އިނީ ނިދިފައެވެ. އިބާގެ ފޯނު ރިންގް ވުމާއެކު ނަވީން ކާކުތޯ ގުޅަނީ ބަލާލިއެވެ. ނޭނގޭ ނަންބަރަކަށް ވުމާއެކު އޭނަ ފޯން ސައިލެންޓަށް ލީއެވެ. ދެވަނަ ފަހަރު ގުޅުމުން އޭނާ ފޯނު ކަނޑާވެސް ލިއެވެ. އެހެންނަމަވެސް އެކޮޅުން ގުޅުން ހުއްޓައެއް ނުލިއެވެ. އެންމެ ފަހުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ހޭ އިބާ... އަހަރެން މަތިން މިސްއެއް ނުވޭތަ؟" އިވުނީ އެ ފިރިހެން މީހާގެ އަޑެވެ. ނަވީންގެ ދަތްތަކަށް ބާރުވިއެވެ. އެއްޗެއް ނުބުނެ އޭނާ މަޑުކޮށްލިއެވެ.

"މި ވީ ދުވަސްތަކުގައ އަހަރެން ބަންދުގައި ހުރީތީ ނުގުޅުނީ ޑާރލިންގް... ސޮރީ އޭ... ދެން ވާހަކަ ދްއްކަބަލަ" އެ ޒުވާނާގެ ވާހަކަ ދެއްކުން ހުރި ގޮތުން ނަވީންގެ ރުޅިގަނޑު ފަޅައިގެން ދާން އުޅުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް އޭނާ ފޯނު ކަނޑާލީއެވެ. އެއަށްފަހު އޭނާ ބަލާލީ އިބާއަށެވެ.

އިބާގެ މޫނަށް ބަލަން އެތައް އިރަކު ނަވީން އިނެވެ.

*****

ޖެހިގެން އައި ދުވަހެވެ. ނަވީން ރެޑް ލީފް ކުންފުނީގެ މައި އޮފީހަށް މިސްރާބު ޖަހާފައިވާއިރު އެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ދެބުމަ ގޮށްޖެހިފައިވާއިރު އިރު އިރުކޮޅަކާ އަތުގެ ގޮށްމުށުން ހުންގާނުގައ ޖަހާލައެވެ. ނަވީންގެ ހަރަކާތްތަކަށް ބަލަން އިން އާހިލް އިނީ ވީ ކިހިނެތްކަން ނޭނގޭތީ އެއްޗެކޭ ނުބުނަން ހިތުލައިގެންނެވެ. އެހެންނަމަވެސް ނަވީންގެ އަމަލުތައް ހުރި ގޮތުން ކެތް ނުކުރެވި އެންމެ ފަހުން އާހިލް ވާހަކަ ދެއްކިއެވެ.

"ނަވީން.... ފަހުން އަހަންނަށް ކިޔައިދޭނަމޭ ބުންޏަސް ވީ ގޮތެއް އަހަންނަކަށް ނޭނގޭނެ. ގައިމު ބޮޑުކަމެއް ވީމަ ދޯ ތިހާ ރުޅި އަންނާނީ... އަނެއްކޮޅުން ނަވީންއަށް އެނގެއެއްނު ރެޑް ލީފް ކުންފުންޏާއި ބިޒްނަސް އެކްސްޕާރޓްސްއަކީ ނުލާހިކު ވާދަވެރި ދެ ކުންފުނިކަން... ނަވީން އެމީހުންގެ އޮފީހަށް ދިޔުން ރަނގަޅެއް ނުވާނެ" އާހިލް ނަވީންއަށް ވިސްނައިދޭން އުޅުނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ނަވީން ސަމާލުކަމެއް ނުދިނެވެ. މަންމަ ކިޑްނެޕް ކޮށްގެން ގެންގުޅުމާއި ގަވައިދާ ހިލާފަށް މަންމަ ރާއްޖޭން ބޭރަށް ފޮނުވާލުމާ ލަންކާގައި ހުރި މެންޓަލް އެސައިލަމްއެއްގައި މަންމަ ބަންދުކޮށްގެން ގެންގުޅުމުގައި ޝަކީބުގެ އަތެއް އޮތްކަން ޔަގީންވި ހިސާބުން ޝަކީބާ މެދު އޭނާގެ ހިތުގައި ކުޑަވެސްރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނެތެވެ. ނަވީންގެ ހިތުގައި އޮތީ ކީކޭކަން ނޭނގޭ ހާލު ހުދު އާހިލްވެސް ވަނީ ކަންބޮޑުވެފައެވެ.

ރެޑްލީފް ކުންފުނީގެ ގަރާޖުގައި ކާރު ޕާރކު ކޮށްލުމަށްފަހު ގޮސް ނަވީން އާއި އާހިލް އެތެރެއަށް ވަނުމާއެކު އެތަނުން ގިނަ ބައެއްގެ އަމާޒުފަތްގަނޑަކަށް އެ ދެމީހުން ވެގެން ދިޔައެވެ.

"ނަވީން... ރުޅި މަޑުކޮށްފައި އިހަށް ހިނގާބަލަ ދާން... ހަމަޖެހިލައިގެން ފަހުންވެސް އާދެވިދާނެއެއްނު. ނަވީން ބައްޕައާ ހިސާބަށް މި ވާހަކަ ގޮސްފިއްޔާ މާ ރަނގަޅެއް ނުވާނެއެއްނު. އެޓްލީސްޓް ވެގެން އުޅޭ ގޮތެއް އަހަރެން ގާތު ބުނެބަލަ" އާހިލް ނަވީން ފަހަތުން ދަމުން ވާހަކަ ދެއްކިއެވެ. އެތަނުގައި އިން ރިޝެޕްޝަން ކުއްޖާ ގާތު ޝަކީބުގެ ކެބިން ކޮބާތޯ ނަވީން ސުވާލުކޮށްލިއެވެ. އެއާއެކު އެ ކުއްޖާ ޝަކީބުއަށް ގުޅާލާ ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.

"ފަސްވަނަ ފްލޯގެ ވާތް ފަރާތުން ދެވަނަ ރޫމް" ފޯނު ބާއްވަމުން އެ ކުއްޖާ ބުނެލިއެވެ. ލަސްނުކޮށް ނަވީން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. އާހިލްވެސް ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ލިފްޓުތެރޭގައި އެ ހޭދަވި މަދު ސިކުންތުކޮޅުވެސް ނަވީންއަށް އިހްސާސްވީ އެތައް ގަޑީރެއްހެންނެވެ.

ލިފްޓް ހުއްޓުމާއެކު އަވަސް އަވަހަށް ބޭރަށް ދެމިގަނެ އޭނާ ޝަކީބުގެ ކެބިންއަށް ވަނެވެ. ފަހަތުން އާހިލްވެސް ވަނެވެ.

"އަނހާ ނަވީން... ހާދަ ނުރަސްމީ ދަތުރެއް... އަވަހަށް އައިސް އިށިނދޭ.... އެކަމަކު ތިހެން މި ކުންފުނީގެ އޮފީހަށް އައުން އެހާ ރަނގަޅެއް ނުވާނެ... އަހަރެންގެ ބައްޕައަށް އެނގުނަސް ވަރަށް ރުޅި އަންނާނެ." ޝަކީބު ސޯފާތައް ދައްކާލަމުން އިށީނުމަށް އިޝާރާތް ކުރިއެވެ. ނަވީން ދޮރު ތަޅުލާފައި ޝަކީބުއާ ދިމާއަށް އެނބުރުނެވެ.

"އަހަރެން މިއައީ އިށީނދެގެން އިނދެގެން އަނގަތަޅާލާކަށް ނޫން" ނަވީން ހަރުކަށި ރާގެއްގައި ބުނެލިއެވެ.

"މައްސަލައެއް ނެތް... ނަވީން ބޭނުން ގޮތެއް. ކޮޅަށް ހުރެގެން ވާހަކަ ދައްކާލާފަ ދިޔަޔަސް އަހަންނަށް އެންމެ ރަނގަޅު." ފަޓްލޫނުގެ ޖީބަށް އަތް ޖަހާލަމުން ޝަކީބު ބުނެލިއެވެ. ހުދުކުލައިގެ ގަމީހެއްގައި ނޫ ކުލައިގެ ޓައީއެއް އަޅާލައިގެން ހުރިއިރު އޭގެ މަތިން ކަޅު ކުލައިގެ ސޫޓެއްލައިގެން ހުރުމުން ވަރަށް ރަސްމީގޮތެއް ޝަކީބުގެ ގައިގައި ހުއްޓެވެ. ނަވީން އެހުރި ގޮތަށް ހުރެ ޝަކީބު އާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ޝަކީބު ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަވީން ޝަކީބުއާ ދާދި ގާތަށް އައިސް ހުއްޓިފައި ގިރުވާނުގައި ހިފަމުން ގިރުވާން ރީތިކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ޝަކީބުވެސް ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. ނަވީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށެވެ. އޭނާ ކުއްލިއަކަށް ޝަކީބުގެ ކަރުގައި ހިފުމުން ޝަކީބުއަށް ތެޅިގަނެވުނެވެ.

"ކަލޭ ވެސް އެކަމުގެ ބައިވެރި ވީމެއްނު... އަހަރެން އޭރުވެސް ބުނިން ކަލޭ އަހަންނަށް އިތުރުކަމެއް ސިއްރުކޮށްފިއްޔާ ކަލޭ މަރުވާނެޔޭ މަގޭ އަތުން... ނުބުނެވޭތަ؟" ނަވީން ވާހަކަދެއްކިއެވެ. އާހިލް އައިސް ނަވީން ދުރުކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ނަވީން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އޭނާ ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ޝަކީބުގެ ކަރަށް ބާރުކުރަމުންނެވެ.

(ނުނިމޭ...)

https://sun.mv/123685

comment ކޮމެންޓް