މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ކާކުހޭ... އަހަރެންގެ އަތުން ކަލޭ މަރުނުވަނީސް ތެދަށް ޖަވާބުދީ؟" ޔާސިރު އަޑު މަޑުކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިވުނު ހަބަރަކުން އޭނާގެ ނަފްސަށް ވެސް ގުޑުން އަރައިފިއެވެ. ދެން އިވުނީ އެކޮޅުން ފޯނު ކަނޑާލިއަޑެވެ. އެކަމުން ޔާސިރުގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިއާއެވެ. އަނދައަނދާ ހުރި އަލިފާންގަނޑަކަށް ފެޓްރޯލް އެޅުމުންވާފަދަ ގޮތެއް ޔާސިރުއަށް ވެގެން ދިޔައެވެ.

"ފޯނަށް ބަލަން ހުރެފައި އޭނަ ފޯނުން އިތުރު މީހަކަށް ގުޅަން މަސައްކަތް ކުރިއެވެ. އެންމެ ފަހުން ގަތް ފޯނު ހަލާކުވުމުން އޭނާ ގެންގުޅެމުން ދަނީ ކުރިން ގެންގުޅުނު ބާ ފޯނެކެވެ. އޭރު ގޭން ނުކުންނަމުން އޭނާ އެ ފޯނަށް ސިމް ލެއްވީއެވެ. ފޯނުގެ ޓަޗް މައްސަލަ ޖެހިފައިވީތީ ޔާސިރުއެކަމާވެސް އަމިއްލަ ނަފްސަށް އަޑުލިޔެވެ. ފޯނެއް ގަންނަން ހިތު އަޅައިގެން ބޭރަށް ނުކުންނަން ހިނގައިގަތް އިރު ރުޅިވެރިކަންވެސް އޭނާގެ ހިތުގައި ދިޔައީ އަނދަމުންނެވެ.

ޔާސިރު އަންނަތަން ފެނި ނަވީން އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. އޭރު އޭނާގެ މޫނުމަތި ކޮންމެވެސް ވަރަކަށް ދާ ހިތްލާލައިފިއެވެ. ހިތުގައި އަދިވެސް ބިރުވެރިކަމާއި ސިހުންވެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މާހިރާ އެތަނުން ނެރުނު މީހަކު ޔާސިރު ހޯދާނޭކަން ނަވީންއަށް އެނގެއެވެ. އެހެންވެއްޖެނަމަ އޭނާގެ މުޅި ޕްލޭން ސަކަރާތްވާނެއެވެ. އިތުރަށް ލަކްޝްމެންނަށް ފައިސާ ދީގެންވެސް އެމީހުންގެ ދޫ ބަންދުކުރަން ނަވީން ހުރީ ތައްޔާރަށެވެ.

ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެފައި ނަވީން ފުރަތަމަވެސް ގުޅާލީ ލަކްޝްއަށެވެ. އެ ކަންތައް ޔާސިރުއަށް އެނގުނުގޮތަކާ ބެހޭގޮތުން އޭނާގެ ހިތުގައި އެތައް ބައިވަރު ސުވާލެއް އުފެދިފައިވެއެވެ.

"އަހަރެން އޭރުވެސް ކަލޭ ކައިރީ ބުނިން ފައިސާ ބޭނުންވެއްޖެއްޔާ އަހަރެން ގާތު ބުނަން... އިތުރު މީހަކަށް މިކަން އެނގިގެންނުވާނެކަމަށްވެސް ބުނިން... މިކަން ހިނގި ގޮތް ބަލާފަ ހަމައަކަށް އަޅުވާ... " ނަވީން ލަކްޝްއާ ވާހަކަދެއްކިއެވެ.

ނަވީން ރުޅިއައެއްކަމަކު އޭނާގެ ހިތުގައި ބޮޑަށްވަނީ ބިރުވެރިކަމެވެ. ލަކްޝްއަށް ފަހުގެ އިންޒާރެއް ދިނުމަށްފަހު އޭނާ ލަކްޝް ބޭނުންވާވަރަށް ފައިސާ ފޮނުވާނަމޭ ވެސް ބުންޏެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެކަން ސިއްރުކުރަން އޭނާ ލަކްޝްއަށް އަމުރު ކުރިއެވެ.

*****

ކެބިންގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ލަކްޝްގެ މޫނުމަތި ވަނީ މިލާފައެވެ. އޭނާގެ ސެކެޓްރީ އާ މެދު ވެވުނު ދެބަސްވުމެއްގެ ސަބަބުން ދެމީހުންގެ ދެމެދުގައި ރުޅިވެރިކަން އުފެދި އެންމެ ފަހުން އޭނާ މާހިރާ ފިލިކަންވެސް ހާމަކުރީއެވެ. ލަކްޝްގެ ނަން ކަނޑަ އެޅިގެން ނުބުނި ކަމީ ނަސީބެކެވެ. އެހެންނޫންނަމަ ޔާސިރު އޭނަ ވެސް މަރާލަފާނެއެވެ. ޔާސިރުއަކީ ރަހުމެއް ހަމްދަރުދީ އެއްނެތް މީހެކެވެ. ކޮންމެގޮތަކުން ވެސް އޭނާގެ އަމިއްލަ އެދުން ހާސިލްކުރަން އަތުކުރި އޮޅާފައިވާ މީހެކެވެ. މީހެއްގެ ފުރާނައަކަށްވެސް ބަލާލުމެއް ނޯންނާނެއެވެ. ޔާސިރު މީހަކު މަރާލަފާނަމޭ ބުނެފިނަމަ އޭނާ އެކަންވެސް ކުރާނެއެވެ. ޖެހިލުންނުވާ ހަރު ހިތެއްގެ ވެރިއެކެވެ.

ލަކްޝް ގޮނޑީގައި އިށީންނަމުން ބޮލުގައި އަތް އަޅާލިއެވެ. އޭނާގެ ބޯ ގޮވަނީއެވެ.

އެހެންއިންދާ އޭނާގެ ސެކެޓްރީ ވަދެގެން އަންނަ ތަން ފެނުނެވެ.

"އަހަރެން ކަލޭ ކައިރީ ނުބުނަންތަ މިފަހަރަ ލިބުނު ލާރިން ކަލެއަށް ތިންބައި ކުލަ އެއްބައި ދޭނަމޭ... ދެން ޖެހޭތަ ޔާސިރު ކައިރީ ބުނަން..." ލަކްޝް ހަޅޭއްލަވައިގަތެވެ.

"އަހަރެން ބޭނުންމެއްނޫން ތިންބައި ކުޅައެއްބައެއް. ދެބައި ކުޅަ އެއްބައި ދޭންޖެހޭނެ. ހަމަ ހަމަ ވާންޖެހޭނެ... އަހަރެން ހުރިހާ ވާހަކައެއް ކިޔައިނުދިނީ އަދިވެސް ކަލެއަށް ފުރުސަތެއް ދޭންވެގެން... މީ ފަހު ފުރުސަތު... އަހަރެން ބޭނުންވާ ވަރަށް ދޭން އެއްބަސްވޭ، އޭރުން މި ހިސާބުން އަހަރެން ހަނު ހުންނާނަން" ލަކްޝްގެ ސެކެޓްރީގެ ފަރަތުން ފެނުނު ހިތްވަރުން ހުދު ލަކްޝްވެސް ހުރީ ހައިރާންވެފައެވެ. ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ އެއީކަމަށްވުމާއެކު އޭނާ އެއްބަސްވިއެވެ.

*****

ނަވީން ފޯނަށް ބަލަހައްޓައިގެން އެތައް އިރަކު ހުއްޓެވެ. އެއަށްފަހު އޭނާ ބޭރަށް ނުކުންނަން ހިނގައިގަތީ އެގޭތެރޭގައި ހުރެއްޖެނަމަ އޭނާގެ ބޯ އިތުރަށް ހާސްވެދާނެތީއެވެ. މިހާރުވެސް ވެގެން މިއުޅޭކަމެއް ކުޑައެއްނޫން ވިއްޔާއެވެ. ހައްތަހާވެސް ބޯ ގޮވާ ކަންތައްތަކެވެ.

މަންމަ އަކީ ސްކިޓްޒޮފްރޭނިއާ އަދި ސައިކޮލޮޖިކަލް މައްސަލަ ހުރި މީހަކަށްވުމާއެކު ކޮންމެކޮންމެ ގޮތަކަށް ނުވެސް ގެންގުޅެވޭނެއެވެ. އަނެއްކޮޅުން ޔާސިރުއަށް ހަޤީގަތް އެއްގިއްޖެނަމަ މަންމައަށް ފަރުވާކުރަން ލާރި ލިބެން އޮތް ހުރިހާ މަގެއް ބަންދުވާނެއެވެ. އެހެންވެއްޖެނަމަ އަނެއްކާވެސް މަންމަގެ ހާލަތު އިތުރަށް ގޯސް ވެގެންދާނެއެވެ. އެ ދުވަހުގެ މަންޒަރުތައް ލޮލުން ދެކެ އަތުން ހިފި މީހަކު ދުނިޔޭގައި ހުންނާނެނަމަ ހާދަ ރަނގަޅުވީހެވެ. އޭރުން ޔާސިރުގެ ހުރިހާ ހަޑިހުތުރު އަމަލުތަކެއް އޭނާއަށް ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭނެއެވެ.

ޖެހިގެން އައި ދުވަހު އޮފީސް ނިންމާލާފައި ޔާސިރުއާއި ނަވީންއާއި ނުކުތީ އެކު އެކީގައެވެ. ޔާސިރުއަށް ފޯނެއް އައުމާއެކު އޭނާ ނަވީންއާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ފޯނު ބޭއްވިއިރު އޭނާގެ މޫނުމަތިން ފެނުނީ ހިންހަމަޖެހިފައިވާފަދަ އަސަރުތަކެކެވެ. އެކޮޅުން ބުނީ މާހިރާ އޭ ބުނެވުނީ އޮޅިގެން ކަމަށާއި މާހިރާ އަދިވެސް އެތަނުގައި އެބަހުރިކަމަށެވެ. އެހެންނަމަވެސް ޔާސިރުގެ ހިތުގައި އަދިވެސް ކޮންމެވެސް ވަރެއްގެ ޝައްކަތް ވިއެވެ. އޭނާ ދެން ލަންކާއަށް ގޮސްފައި އެތަނުގައި މާހިރާ ހުރިތޯ ބަލަން ދާނެއެވެ. އެއީ އެތަނުގައި އުޅޭ އެއްވެސް މީހަކަށް ނޭނގިއެވެ އެމީހުން ދޮގު ހަދައިފިނަމަ އެމީހުންވެސް ޖެހޭނީ މަރުވާށެވެ. އެއީ އޭނާގެ އަމުރާއި ހިލާފުވާ ކޮންމެ މީހެއްގެ އަދަބެވެ.

ޔާސިރުގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފެނި ނަވީންއަށް އޭނާގެ ބުމަ އަރުވާލެވުނެވެ. ޔާސިރު މަންމަ އެފަދަ ތަނެއްގައި ބަންދުކޮށްގެން ގެންގުޅުނު ބޮޑު ސަބަބެއް އޮންނާނެއެވެ. ނަވީންގެ މަގްސަދަކީ އެ ސަބަބު ހޯދުމެވެ. އެ ސަބަބު ހޯދެން އަންނަނީ ޔާސިރު އާއި ޝަކީބު ވެގެން ފަސްއަޅާ ފޮރުވާލާފައިވާ ހަޤީގަތް ހާމަވުމުންނެވެ.

ޝަކީބުގެ ފަރާތުން އެނގުނު ހަޤީގަތްތަކުގައި ކޮންމެވެސް ވަރެއްގެ ތެދެއްވިނަމަވެސް ނަވީން ފުރިހަމައަކަށް ޝަކީބަކަށް އިތުބާރެއްނުކުރެއެވެ. ޝަކީބުވެސް އޭނާއަށް އެބަ ކޮންމެވެސް ކަމެއް ސިއްރުކުރެއެވެ. އަނެއްކާ ޝަކީބު އެ އަމަލު ހިންގުމުގައި ޔާސިރުއާއެކު ބައިވެރިއެއް ނުވޭބާއެވެ. ނަވީން ހިޔާލުތަކުގައި ބެހެމުން ދަނިކޮށް ހަމަހޭވެރިކަން ވީ ޔާސިރު ގޮވާލުމާއެކުގައެވެ. އޭނާ ޔާސިރުއަށް ބަލާލަމުން ފާޑަކަށް ހިނިތުންވެލިއެވެ.

"ހާދަ ކަންބޮޑުވެފަ؟" ޔާސިރު އަހާލިއެވެ. ނަވީން ދެފަރާތައް ބޯ ހޫރާލުން ނޫން ކަމެއް ނުކުރެއެވެ. ދެމީހުން އެކުއެކީގައި ގޮސް ކާރަށް އެރިއެވެ. ނަވީންގެ ކަންބޮޑުވުންވެސް ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. އޭނާ ލާރި ޖަމާކުރީ މިއަދުއެވެ. ޖަމާކުރުމާއެކު އެކޮޅުން އޭނާ ބުނި ގޮތަކަށް ކަންތައްތައް ނިންމާލައިފިއެވެ. އެހެންނަމަވެސް އެހިތުގައި ނުތަނަވަސްކަންވީ ޔާސިރު އެހާ ފަސޭހައިން އެމީހުންގެ ވާހަކަ ޤަބޫލު ނުކޮށްފާނެހެން ހީވާތީއެވެ. ކޮންމެއަކަސް ޔާސިރު އަކީ ވިސްނުންތެރިކަމާއެކު ކަންކުރާ މީހެކެވެ. އެހާ ހުޝިއާރުވެ ނަވީން ހުންނަން ޖެހެނީ އެހެންވެއެވެ.

ނަވީން ދެން ދިޔައީ މަންމަ ކައިރިއަށެވެ.

ގެއަށް ދިޔަތާ މާގިނަ އިރެއްނުވެ މާހިރާ ސަކަރާތްވިއެވެ. ނިދާ ހޭލިގޮތަށް އެންމެ ފުރަތަމަ ލާންފެށީ ފުންނޭވާތަކެކެވެ. ހީވަނީ ބިރުވެރި ހުވަފެނެއް ފެނުނީ ހެންނެވެ. އެހާ ރަނގަޅަށް ހުރެފައި ކުއްލިއަކަށް މާހިރާއަށް އެހެންވުމުން ނަވީންއާއި އިބާވެސް ކަންބޮޑުވިއެވެ. އެނދުގެ އެއްފަރާތުގައި އށީނދެގެން ކަކުލުގައި ބޯ އަޅާލައިގެން އިންއިރު މާހިރާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދެއެވެ. ބިރާ ސިހުމުން މުޅި އޭނާގެ ނަފްސު ހަރުކަށިކޮށްލިއިރު ކަންފަތުގައި މީހަކު އެތަކެއް ބައިވަރު އެއްޗެހިތަކެއް ކިޔަމުން ގެންދާހެން ހީވެއެވެ. އެކަކު އެއްކަމެއް ކުރަން ބުނާއިރު އަނެއްފަރާތުން އެހެންކަމެއް ކުރަން ބުނަމުން ދިޔައެވެ. މާހިރާއަށް އެ އަޑުތައް އިވެނީ އެހާ ސާފުކޮށެވެ. މާހިރާ ދެކަންފަތުގައި އަތް އަޅާލުމުން ވީގޮތް ނަވީންއަށް އެނގުނެވެ. އާއްމުކޮށް ސްކިޓްޒޮފްރޭނިއާ ހުންނަ މީހުންނަށް އޮޑިޓޮރީ ހެލޮސިނޭޝަންސް އަންނާނެއެވެ. އެފަދަ މީހުންނަށް ނީވޭ އަޑުތައްވެސް ވަރަށް ސާފުކޮށް އިވެއެވެ. ހަނދާނުގެ ބައެއް މައްސަލަތަކާ ކުރިމަތިވެއެވެ. މަންމަގެ ހާލުގެ ޒިންމާ ނަގަންޖެހޭނީ ބައްޕައެވެ. ނަވީންގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ. މަޑުމަޑުން މާހިރާ ގާތަށް ޖެހިލާ މާހިރާގެ އަތް ކަންފަތާ ދުރުކޮށްލަންއުޅުނު ނަވީން މާހިރާއަށް ގޮވާލިއެވެ.

"މަންމާ... ނަވީންއޭ!" ނަވީންގެ އަޑު މަޑެވެ. އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ވިއެވެ. އެތައް އިރަކު އޭނާ މާހިރާއާ ވާހަކަދެއްކިއެވެ. މާހިރާ ހަމައަކަށް އަޅުވަން އުޅުމުގެ ތެރޭގައި ނަވީންއަށް ހަމަ ރަނގަޅަށްވެސް ރޮވެން ފެށުނެވެ. މަންމަ ގެނެސް މޭގައި ޖައްސާލާ މަންމައަށް ހިމާޔަތް ދެމުން ގެންދިޔައިރު ޔާސިރުއާ މެދު ހިތުގައި ރޯވެފައިވާ ނަފްރަތުގެ ހުޅުގަނޑު އިތުރަށް ބޮޑުވަމުން ރޯވަމުން ދިޔައެވެ. މާހިރާ ހަމައަކަށް އެޅުވުން ފަސޭހަކަމަށް ނުވިއެވެ. ކުޑަކޮށް ހަމަޖެހުމާއެކު އިބާ ފެންތައްޓެއް ގެނެސް މާހިރާއަށް ދިއްކޮށްލިއެވެ. މާހިރާ ފެންތަށީގައި ހިފަން އުޅުމުން އިބާވެސް މާހިރާގެ އަތަށް ފެންތަށި ލައިދޭން މަސައްކަތް ކުރިއެވެ. އެވަގުތު މާހިރާގެ އަތުގައި އުފެދުނު ތުރު ތުރު އެޅުމާއެކު ތަށި ނުހިފެއްޓުނެވެ. މަޑުމަޑުން ނަވީން ފެންތަށީގައި ހިފަމުން މާހިރާގެ ތުމުގައި ޖެއްސިއެވެ. ނަވީންގެ އެދުމަށް ކޯވަރެއް ދަމާލަމުން މާހިރާ ނަވީންއަށް ބަލާލިއެވެ. ނަވީން ފެނުމުން މިފަހަރު އާދަޔާ ހިލާފް ރައްކާތެރިކަމެއް މާހިރާއަށްވެސް އިޙްސާސްކުރެވުނެވެ. އެއީ މާހިރާއަށް ގެއްލުން ދޭނޭ ބައެއް ނޫންކަން އޭނާގެ ސިކުނޑިއަށްވެސް ނަގައިގަނެވުނީ ކަންނޭގެއެވެ. މާހިރާގެ އަތުގައި ހިފަމުން ނަވީން މާހިރާ ކޮޅަށް ނެގިއެވެ. އެނދުގައި ބޭންދުމަށްފަހު ނަވީން ޓައިލްސްތަކުމަތީގައި ކަކޫ ޖައްސާލިއެވެ. އެއަށްފަހު މަންމަގެ ކަކުލުގައި އަތް ޖައްސާލާ ހަމަޖެހިލިއެވެ.

"މަންމާ" ނަވީން ގޮވާލިއެވެ. އެއަޑުގައިވަނީ ކުރިންވެސް މަންމައަށް ގޮވާލާއިރު އެ ހުންނަ ވޭނާ ހިތްދަތިކަމެވެ. ދެ ދެމީހުންނަށް ބަލާލާފައި އިބާ ނުކުންނަން ހިނގައިގަތީ މަންމައާއި ދަރިފުޅަށް އެކަނި ވަގުތުކޮޅެއް ދޭށެވެ. ނަވީން ފެނިގެން އެއްވެސް ވަރެއްގެ ބިރުވެރިކަމެއްނެތް އާދަޔާހިލާފް އަސަރުތަކެއް މާހިރާގެ މޫނުމަތިން އިބާވެސް ދުށީ އަލަށެވެ. ބުނެދޭން ނޭނގޭފަދަ އަސަރުތަކަކާއި ވިދުމެއް މާހިރާގެ މޫނުމަތިން އިބާއަށްވެސް މިރޭ ފާހަގަކުރެވިއްޖެއެވެ.

މަޑުމަޑުން ނުކުމެ ދޮރު ލައްޕާލުމާއެކު އިބާގޮސް ސޯފާގައި ޖައްސާލިއެވެ. ނަވީންދެން ނުކުންނާނީ މާހިރާ ނިދީމަކަން އިބާއަށް އެނގެއެވެ. އެހެންކަމުން އޭނާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ކުޑަކޮށް ސޯފާގައި އޮށޯވެލިއެވެ.

މާހިރާގެ އަތުގައި ހިފާލައިގެން އެތައް އިރަކު ނަވީން އިނެވެ. އެ މަންމަގެ ހައްގުގައި އޭނާ ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ. މަންމަ ރަނގަޅަށް ހުރިނަމައެވެ. އޭރުން ބައްޕަ ކުރިކަންތައް ތަފްސީލުކޮށް މަންމައަށް ކިޔައިދެވުނީހެވެ. ޔާސިރުގެ އަމަލުތަކަށް ނަވީން ދުވަހަކު މާފެއް ނުދޭނެއެވެ.

"އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ... އަހަންނަށް މާފުކުރޭ މަންމަގާތަށް މިހާ ލަހުން އާދެވުނީތީ... " ނަވީން މާފަށް އެދުނެވެ. މާހިރާ އިން ގޮތަށް އިނީއެވެ. ނަވީން ކިޔާ އެއްޗެއް އޭނާއަށް މާބޮޑަށް އަޑު އިވޭހެނެއް ހިޔެއްނުވެއެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާއަށް ސިފަވަމުން ދަނީ ކޮންމެވެސް މީހަކު ބޫޓު ކިބައަކުން އޭނާގެ މޫނުގައި ޖަހަން އުޅޭފަދަ މަންޒަރެކެވެ. ދެފަހަރަކު އަތް ވެސް މޫނާ ދިމާލަށް ދިއްކޮށްލާ އެ ހަމަލާއަށް މާހިރާ ހުރަސް އަޅައިފިއެވެ. މާހިރާގެ އަމަލުތަކަށް ސަމާލުކަން ދީގެންއިން ނަވީން ކުއްލިއަކަށް މާހިރާގެ އަތުގައި ހިފެއްޓުމަށްފަހު އެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ.

"ޖަހާފާނެ..." މާހިރާ ފުރަތަމަ ބުނިއެއްޗެއް ނަވީންއަކަށް ފަހުމެއް ނުވިއެވެ.

"ބޫޓުން އެމީހާ ޖަހާފާނެ" އަތް މަޅާލުމާއެކު ކުޑަކޮށް ހަޅޭއްލަވައިގަނެފައި މާހިރާ މޫނު އަނބުރާލިއެވެ. އެއާއެކު އޭނާގެ ހަށިގަނޑަށް އަނެއްކާވެސް ތުރުތުރު އެޅުމެއް ވެރިވިއެވެ. މާހިރާއަށް ވީ ގޮތް ނަވީންއަށް ނަގައިގަނެވުނެވެ. އޭނާ މާހިރާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލެވޭތޯ މަސައްކަތް ކުރިއެވެ. ކޮންމެއަކަސް މާހިރާގެ ހާލަތު ރަނގަޅަށް ދެނެގެންނޫނީ އިތުރު ކަމެއްވެސް ނުކުރެވޭނެތާއެވެ. ހަމައެއާއެކު މާހިރާ ބޫޓު ދެކެ ބިރުގަންނަ ސަބަބުވެސް ނަވީންއަށް ލަފާކޮށްލެވުނެވެ. ކޮންމެވެސް މީހަކު މާހިރާއަށް ބޫޓަކުން އަނިޔާ ކުރީއެވެ. އެހާވަރު ވާނީ ގައިމު ކިހާވަރަކަށް އަނިޔާ ކުރީމާހެއްޔެވެ؟ މާހިރާގެ އަތުގެ އިތުރުން ފައިގަވެސް ގިނަ ލަކުނުތަކެއްވެއެވެ. އަދިވެސް އެމޫނުމަތިން ޒުވާންކަމުގެ އަސަރުތައް ފެނެއެވެ. މޫނުމަތީގައި ކަނާއަތުގެ ކޮލުގައި ކޮންމެވެސް ފަނޑު ލަކުނެއް އިނެއްކަމަކު އެމޫނުމަތީގެ އުޖާލާކަމަކަށް ބަދަލެއް ނާދެއެވެ. އަދިވެސް އެހާ ސާދާ މޫނެކެވެ. ޒުވާން އިރުގެ މަންމަގެ ތަސްވީރުތަކާ މާބޮޑު ތަފާތެއްނެތަސް އެއިރާ ބަލާއިރު ދެކޯތާފަތް ވަޅުޖެހިފައިވެއެވެ. އެހާ ހިއްކެވެ. ގެނައި އިރާ ބަލާފައި މަންމަގެ ހަށގަނޑު ރަނގަޅު ނަމަވެސް އަދިވެސް މަންމަގެ ހަށިގަނޑު ބަލިކައްޓެވެ. ގިނައިރު ކޮޅަކަށް ނުހުރެވެއެވެ. އިށީދެއެއް ނީނދެވެއެވެ. އެމީހުން މަންމައަށް ދިން އަނިޔާތަކުގެ ސަބަބުން މައިބަދައަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައި ވެއެވެ.

ސޯފާގައި އޮއްވާ މާގިނައިރެއްނުވެ އިބާއަށްވެސް ނިދިއްޖެއެވެ. މާހިރާ ނިދުމުން އިބާގާތު ބުނަން އައި ނަވީންގެ ލޮލުގައި އިބާ ނިދާފައި އޮތްތަން އަޅައިގަތުމާއެކު އޭނާ އަނެއްސޯފާގައި އިށީނދެ އިބާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެމޫނުމަތީގައިވި އަސަރުތަކުން ނަވީންއަށް ހިންހަމަޖެހުން ލިބުނެވެ. މަޑުމަޑުން އައިސް ކަކޫ ޓައިލްސްތަކު މަތީގައި ޖައްސާލާ ވަރަށް ފުންކޮށް އިބާގެ މޫނަށް ބަލާލިއެވެ. މަޑުމަޑުން އެމޫނުމަތީގެ އަސަރުތައް ބަދަލުވަމުން ދާތީ ނަވީން އިބާއަށް ގޮވާލަން ވެސް އުޅުނެވެ. އެހެންނަމަވެސް އޭނާ މަޑުކޮށްލީއެވެ. އިބާގެ ބުމަ މަޑުމަޑުން ގާތްވެގެން ދިޔައެވެ. ނިދީގައި އޮވެ ހޭލަން މަސައްކަތް ކުރަމުން ދާހެންވެސް ހީވިއެވެ.

*****

އެ ފަޅު އިމާރާތުގެ ތެރޭގައި ވަނީ އާދަޔާހިލާފް ހަމަހިމޭންކަމެކެވެ. އެ ހަމަހިމޭންކަން ފޫ ދުއްވާލަމުން ދިޔައީ އިވެމުންދިޔަ ވޭނީ ގިސްލުމުގެ އަޑާ އެކުވެގެން އަންނަ ހަޅޭކުގެ އަޑުންނެވެ. ބައެއްފަހަރު އެ ހަޅޭކުގެ އަޑު ގަދަވެގެން ދާހެންހީވެއެވެ. އަނެއްބައި ފަހަރު އަޑު ހިނދިގެން ދެއެވެ. އަޑު ހިނދިގެން ދާހެން ހީނުވެ އެއަށްވުރެ ބާރަށް އެ ވޭނީ ހަޅޭކުގެ އަޑު އިވެއެވެ. ބަހައްޓާފައި ހުރި ގާތަކުގެ ފުރަގަހުގައި ފިލާ ހުރި ކުޑަ ކުއްޖާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ނޭވާ އަވަސްވެގެން ދިޔުމާއެކު އެ އަޑު އިތުރު މީހަކަށް އިވިދާނެތީ ނޭފަތާ އަނގަޔާ އެއްކޮށް ދެ އަތް އަޅާ ބާރުކޮށްލިއެވެ.

ފިރިހެނަކު އަންހެންމީހެއްގެ ކަރުގައި ހިފާ ބާރުކޮށްލިތަން ފެނުނެވެ. އެއާއެކު އެމީހާ ނޭވާ ނުލެވިގެން ތެޅިގަތް ތަންވެސް ފެނުނެވެ.

ފެންނަނީ ޖާނުން ވަރުގަދަ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ މޫނު ރީތިކޮށް އެ ކުއްޖާއަށް ފެނެއެވެ. އެ ތުއްތު ކުއްޖާގެ ފަޔާއި ހަށިގަނޑުގައި މަޑު ތުރުތުރު އެޅުމެއް އުފެދިގެން ދިޔުމާއެކު ކޮޅަށް ހުންނަން ދަތިވިއެވެ. މޫނުމަތި ދާހިތްލާ ކުޑަކޮށް އެނބުރުން އަރާ ގޮތްވެސްވިއެވެ. އަރިއަޅާލާހެން ހީވެ މޫނުމައްޗަށް ކުޑަ ހިނދުކޮޅަކަށް އަނދިރިކަންވެސް ވެރިވިއެވެ. އިރުކޮޅަކު ދެލޯ މަރާލައިގެން ހުރެފައި މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު އަނެއްކާވެސް އެ ބިރުވެރި މަންޒަރަށް ނަޒަރު ހުއްޓާލިއެވެ. އެތަނުން އެއް ފިރިހެނަކު ނެގި ކަތިވަޅިއާއެކު އެ ކުއްޖާއަށް ހަޅޭއްލަވައިގަންނަން އުޅެވުނެވެ. އެހެންނަމަވެސް ކުރިމަތީގައި ތިބި މީހުންދެކެ ގަންފައި ހުރި ބިރުގެ ސަބަބުން އަވަސް އަވަހަށް އެ އަޑު އަރުތެރެއަށް ހިންދާލިއެވެ. ގާތަކުގައި އަތް ޖައްސާލައިގެން ހުރެ އެމީހުން އެ ކުރާ ކަމެއް ބަލަމުން ދިޔައެވެ. ކަތި ވަޅިއަށް ބަލަން ހުރުމަށްފަހު އެ މީހާ އެ ކަތިވަޅީގެ މިޔައިގައި ކުޑަކޮށް އިނގިލި ޖައްސާލިތަންވެސް ފެނުނެވެ. އެއަށްފަހު ދެން ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. އެ އަޑު އެ ގޭތެރޭގައި އެކޯވެ މުޅިތަނަށް ފެތުރިގެންދިޔައެވެ.

އެ ތުއްތު ކުއްޖާގެ ސިކުނޑީގައި އެއިން ކޮންމެ މަންޒަރެއް ރައްކާކުރެވެމުން ދިޔައެވެ. ނަފްސާނީ ގޮތުން އެތަކެއް ގެއްލުމެއް ލިބެމުން ދިޔައެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައި ވެއެވެ. އަންހެން މީހާގެ އަތް ފުރަގަހަށް ގެންގޮސް ހައްޔަރު ކޮށްލައިގެން ހުރި ފިރިހެންމީހާ އެ އަންހެން މީހާގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެއް ސިއްރުން ބުނެލިއެވެ. އެއާއެކު އެމީހާ ތެޅިގަތެވެ. ދެން ފެނުނު މަންޒަރަކީ އެ ތުއްތު ކުއްޖާގެ ފުރާނައަށްވެސް ގުޑުން އަރައިގެން ދިޔަފަދަ ކަމެކެވެ. ކަތި ވަޅީގެ މިޔައިގެ ހަމަލާ އެންމެ ފުރަތަމަ އަމާޒުކޮށްލީ އެ އަންހެން މީހާގެ ބަނޑަށެވެ. ކަތިވަޅި ނައްޓާލުމަށްފަހު ދެވަނަ ހަމަލާވެސް ބަނޑަށް އަމާޒުކޮށްލިއެވެ. އެއާއެކު އެމީހާގެ އަނގައިން ލޭތައް ތަޅުގަނޑަށް ފައިބައިގެން ދިޔައެވެ. ތިންވަނަ ހަމަލާ އަމާޒުވެގެން ދިޔައީ އެމީހާގެ މެއަށެވެ. އެއާއެކު ދެލޮލުގެ ކަޅި މައްޗަށް އުފުލިގެން ދިޔައެވެ. ހަށިގަނޑުގެ ބާރު ދޫވެ ހިފައްޓާލައިގެން ހުރި މީހާގެ އަތުގެ ތެރެއިން ދެމިގަނެ ތިރިއަށް ދާން ފެށުމުން އެ ދެމީހުން އެ ހަށިގަނޑު ތަޅުންގަނޑު މަތީގައި ބާއްވާލިއެވެ. ތަންކޮޅެއް ދުރުގައި އިތުރު މީހަކު އެ މަންޒަރު ބަލަން ބައިންދާފައި އިންތަން ވެސް އެ ކުއްޖާގެ ލޮލުގައި އަޅައިގަތެވެ. ގޮނޑިއަކާއެކު އައްސާފައިވާރު އަނގަމަތީގައި ވަނީ ވަރުގަދައަށް ޓޭޕްއަޅާފައެވެ.

އެ މީހާ ބޭއްވުމާއެކު އެކަކު އަނެކަކަށް ބަލާލުމަށްފަހު ޖަހާލި ނުލަފާ ހިނިގަނޑާއެކު ދެން ބަލާލީ ގޮނޑީގައި އިން އަންހެން މީހާއަށެވެ. އެމީހާ ބިރުން ތެޅިގަތެވެ.

"ހާސްނުވޭ.... އަހަރެމެން ނޫޅެމޭ ކަލޭ މަރާލާކަށް. އެ އަމުރެއް އަދި ނާދޭ!" އެކަކު ބުނެލިއެވެ.

އެއަށްފަހު އެ ދެމީހުން އެނބުރުނީ މަރުވެފައި އޮތް އަންހެން މީހާއާ ދިމާލަށެވެ. ކަތުވަޅިން އެމީހާގެ މޫނުމަތީގައި އަޅާލުމާއެކު ލޭތައް އަނެއްކާވެސް އޮހިގަތެވެ. އޭރު މުޅި އެތަނުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. އެގޮތަށް ދެތިން ފަހަރަކު ހެދުމަށްފަހު ދެން ނެގީ ފާޑެއްގެ ދިޔާ އެއްޗެއް ހުރި ބިއްލޫރި ފުޅިއެކެވެ. އަތުގައި ހުރި ލޭތައް ފޮތިގަނޑަކުން ފުހެލުމަށްފަހު އަތަށް ލައްވާލި އަންގިޔަކާއެކު އެކަކު އެ ފުޅީގައި ހުރި އެއްޗެހި އެމީހާގެ މޫނަށް އަޅާލިއެވެ. އެ މަންޒަރު ފެނުނު އެ ކުއްޖާ ހުރީ ފަރާތަކަށް ހިރިލަންވެސް ބިރުގެންފައެވެ. އެ މަންޒަރު ފެނުނުކަން އެމީހުންނަށް ޔަގީންވާނަމަ އޭނާގެ ފުރާނަވެސް ޖަހައިގަންނަން އެމީހުން ޖެހިލުން ނުވާނެކަން އެނގުނީ ކަންނޭނގެއެވެ.

ފަހަތަށް އެނބުރިލަން ބޭނުންވިޔަސް އެކުއްޖާއަކަށް އެކަމެއް ނުކުރެވުނެވެ. ހީވަނީ ދެލޮލުގެ ކަޅި އެދިމާލަށް ނޫން އެހެން ދިމާލަކަށް ދަތުރު ނުކުރާ ހެންނެވެ. ފަހަތަށް ފިޔަވަޅެއް ނޭޅުނެވެ. މީހާ ގާވެފައި ހުރިހެންހީވެއެވެ. ސިކުނޑީގެ މަސައްކަތްތައްވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލީއެވެ.

އެއަށްފަހު އެމީހުން އެމީހާގެ ޖީބަށް ކޮންމެވެސް އެއްޗެއްލިޔެވެ. އަދި ކަރުގައި ހާރެއް އެޅުވިއެވެ. އަތުގައި ވެސް ފާޑެއްގެ ގަހަނާއެއް އެޅުވިއެވެ.

އެމީހުން އެކުރި ކަމެއް ކޮށްފައި ތެދުވެފައި އެމީހުންގެ މޫނުމަތީގައި ހޭކިފައި ހުރި ލޭތައް ފުހެލިއެވެ. އެއަށްފަހު ކަތިވަޅި ފާރުގައި ހުރި ފާޑެއްގެ ގޮޅިއެއް ފަދަ ތަނަކަށް ލިއެވެ. އެތަން ބައްދަން ގާ ޖަހާފައި ފިލާގަނޑެއް ހަރުކޮށްލިއެވެ. ހަށިގަނޑު ނަގާ އެތަނުގައި އޮތް ބޮޑު ގޯންޏަކަށް ލުމަށްފަހު ފޮއްޓަކަށް ލާފައި މަތި ޖަހާ ލައްޕާލިއެވެ.

*****

ސިއްސައިގެން ގޮސް ހޭލި އިބާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަބަދާ އަބަދު އޭނާގެ ނަފްސު ހަރުކަށިކޮށްލާ އެ ހިތުގެ ހަމަޖެހުން ނަގާލަމުން ދާ ބިރުވެރި ހުވަފެން އޭނާއަށް މިރޭވެސް ފެނުނީއެވެ. ހޭލެވުނު އިރު މުޅި މިހާ ދާހިތްލާ ފޯވެފައިވެއެވެ. މީހާ ތުރުތުރު އަޅަމުން ދިޔައީ ކެތް ނުވާ ވަރަށެވެ. ހީވަނީ އަދިވެސް އެ މަންޒަރު ލޮލުގެ ކުރިމައްޗަށް ފެންނަމުން ދިޔަހެންނެވެ. ނޭވާ ނުލެވުނު އިބާ ދެފަރާތަށް ތެޅިގަތުމާއެކު ގާތުގައި އިން ނަވީން އިބާއަށް ގޮވާލިއެވެ. އެއާއެކު އިބާއަށް ހަޅޭއްލަވައިގަނެފައި އަތް ފޮޅުވާލެވުނެވެ. ހުވަފެނުގައި ފެނުނު މަންޒަރުތަކާހުރެ ގާތުގައި ނަވީން އިންތަންވެސް އޭނާއަށް ނުފެނުނީއެވެ. ނަވީން ފެނުމާއެކު އޭނާ ނަވީންގެ ގައިގައި އޮޅުލައިގަތެވެ. ބާރަށް ރޮމުންދިޔަ އިބާގެ ސަބަބުން ނަވީން ވެސް ކަންބޮޑުވިއެވެ. އިބާގެ ގައިގައި އަތް ޖައްސާލަން ނުކެރި އިރުކޮޅަކު އިނދެފައި މަޑުމަޑުން ބުރަކަށީގައި އަތް އަޅުވާލަމުން އޭނާގެ ހިމާޔަތް އިބާއަށް ދިނެވެ. އިބާގެ ގިސްލުމުގެ އަޑު އެތައް އިރެއް ވީއިރުވެސް މެދު ނުކެނޑެއެވެ. އެކަމުން ނަވީން ހާސްވެސް ވިއެވެ. އިބާގާތު ވީ ކީއްހޭ ދެފަހަރަކު އަހާވެސް ލައިފިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު މާ އެދެވޭ ޖަވާބެއް ނުދެއެވެ. އެހެނެއްކަމަކު އެހެން އަހާ ކޮންމެ ފަހަރަކު ނަވީންގެ ބުރަކަށީގައި ޖައްސާލެވިފައިވާ އިބާގެ އަތުން ގަމީހަށް ބާރުވެގެން ދެއެވެ. މަރާލާފައިވާ ދެލޯ އިތުރަށް ތަގުޅި ކޮށްލައެވެ. މަޑުމަޑުން އިބާ ގަޔާ ދުރުކޮށްލަން އުޅުނުނަމަވެސް ނަވީންއަށް އެކަން ކާމިޔާބެއް ނުވިއެވެ.

"އިބާ ކިހިނެތްވީތަ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ؟" އިބާގެ އިސްތަށިގަނޑުގައި އަތް ޖައްސާލަމުން މަޑުމަޑުން ނަވީން ސުވާލުކޮށްލިއެވެ. އިބާގެ ފަރާތުން މި ފަހަރުވެސް ޖަވާބެއް ނުލިބުނެވެ. އެހެން އެތައް އިރަކު އިނުމަށްފަހު އިބާ މަޑުމަޑުން ގަޔާ ދުރުކޮށްލިއެވެ. ސޯފާގައި އިބާ ބައިންދާފައި ނަވީން އިބާގެ ދެލޮލަށް ބަލާލިއެވެ. އެތަނުގައި ހުރި ބިއްލޫރު މޭޒު ގެނެސް އޭގައި އިށީންނަމުން އިބާގެ އަތުގައި ހިފައްޓާލިއެވެ. އެއަތަށް ބާރުކޮށްލަމުން އިބާގެ ދެލޮލަށް ބަލާލުމާއެކު އޭނާއަށް އިތުބާރުކުރަން ބުންޏެވެ. އިބާ ހިންދިރުވާލިއެވެ. އެ ވާހަކަ އޭނާ ކިޔައިދޭނީ ކިހިނެތްހެއްޔެވެ؟ މީހަކަށް އަނިޔާކޮށް މަރާލި އެ ބިރުވެރި ހާދިސާ އަދިއަދަށް ދާންދެންވެސް ހުވަފެންތަކުގެ ސިފައިގައި އޭނާއަށް އުނދަގޫ ކުރަމުންދެއެވެ. އެ ފެނުނު މަންޒަރުގެ ވާހަކަ ކިތަންމެ ކިޔައިދޭން ބޭނުންވިނަމަވެސް އޭނާގެ ދުލުގައި ވަނީ ތަޅެއްލެވިފައެވެ. އެ ވާހަކަ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު ދޫ ހަރަކާތެއްނުކުރެއެވެ. އޭރު ލިބުނު ނަފްސާނީ އަނިޔާތަކުގެ ސަބަބުން އަދި އަދަށް ދާންދެންވެސް އިބާއަށް އެ ބިރުވެރި އިޙްސާސުން ސަލާމަތް ވެވޭގޮތެއްނުވެއެވެ. އަދިވެސް ހީވަނީ ލޮލުގެ ކުރިމައްޗަށް އެ މަންޒަރު ސިފަވާހެންނެވެ.

އިބާ ހަމައަކަށް އެޅުމާއެކު ނަވީންވެސް ހިންދެމިލިއެވެ. އިބާގާތު ސުވާލުކުރަން ބޭނުންވިނަމަވެސް އެއިން އެއްވެސް ސުވާލެއްކުރަން ނަވީން ފަސްޖެހުނެވެ. އިބާއާމެދު އެ ހިތުގައި އިޙްސާސްތަކެއް ވިނަމަވެސް އޭނާއާ މެދު އިބާ ދެކޭ ގޮތެއްވެސް މާ ޔަގީންކަމާއެކު ބުނާކަށް ނަވީންއަކަށް ނޭނގެއެވެ. މަޑުމަޑުން މޭޒު ދޮށުން ތެދުވެގެން ނަވީން ގޮސް ދުރުގައި މަޑުކޮށްލިއެވެ. އިބާއަށް ފުރަގަސްދިނެވެ. އެ ފުރުސަތުގެ ބޭނުން ހިފާ ކަރުނަތައް ފުހެލާ އިބާވެސް މޫނުމަތި ރީތިކޮށްލިއެވެ. އޭރު އެ ދެލޮލުގައި މަޑު ދުޅަކަމެއް ހުރިއިރު މޫނުމައްޗަށް ޖަންބުކުލައެއް ވެރިވެފައ ވެއެވެ. ނޭފަތް ރަތްވެފައި ހުރިއިރު ކޮންމެވެސް ވަރަކަށް އަދިވެސް ތުންފަތުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ކައްކާބަޔަށް ގޮސް ޒިންކު ދޮށަށް ގާތްވެފައި އަތް ގޮށިން މޫނަށް ފެން ޖެހިއެވެ.

އެނބުރުން އަރާ ގޮތްވެފައި ހުރީތީ އިބާވެސް ޓިޝޫ އަކުން މޫނު ފުހެލާފައި އައިސް އިށީނީ ސޯފާގައެވެ. ސޯފާގައި ޖައްސާލިތަނާ އިބާ ގެ މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ.

"އިބާ! އާރ ޔޫ އޯކޭ؟" ނަވީން ސުވާލުކޮށްލިއެވެ.

"އާނ... ކުޑަކޮށް އެނބުރުން އަރާ ގޮތްވަނީ..." އިބާ ބުނެލިއެވެ. އިބާ އެނބުރުން އަރާތީ އުޅޭތީ ނަވީން ބޭރުން އެއްޗެއް އޯޑަރ ކޮށްގެން ގެނެސްދިނެވެ. އެއްޗެއް ކައިގެން އިބާވެސް ދެން ވަނީ ނިދާށެވެ. ނަވީންވެސް މިރޭ ގެއަށް ދިޔައީ މާދަމާއަށް ނިންމަންޖެހޭ މަސައްކަތްތަކެއް ހުރީތީއެވެ. ކަމެއްވާނަމަ އޭނާއަށް ލަސްނުކޮށް ގުޅަން ބުނަމުންނެވެ.

*****

ޝަކީބު ހުރީ ގޭގެ ބެލްކަނީގައެވެ. މީގެ އަހަރުތަކެއް ކުރީގެ ހަނދާންތަކެއް އޭނާއަށް ހަމަ އުނދަގޫ ކުރަނީއެވެ. ޔާސިރު އަތުގައި އޮތް ވީޑިއޯ މަތިން ވެސް ހަނދާންވަނީއެވެ. އެމީހާ މަރާލި ވީޑިއޯ ޔާސިރު ނެގި ގޮތެއްވެސް އޮންނަން ވާނެތާއެވެ. ޔާސިރުއާ މެދު އިންތިހާ ނަފްރަތު އުފެދުނެވެ. ޔާސިރު އޭރުވެސް އޭނާއަށް އިތުބާރު ނުކުރާކަން ސާބިތުވެއްޖެއެވެ. ޔާސިރު އާ ދެކޮޅަށް އޭނާ ތެދުވާ ދުވަހަކުން ދެކޮޅަށް ބޭނުންކުރާނޭ ހެތްކެއްވެސް އެވަނީ މިހާ ދުވަސްވިއިރުވެސް ރައްކާކޮށްފަތާއެވެ. ޔާސިރުގެ ނުބައި އަމަލުތައް ފޮރުވަން އޭނާ ގެންގުޅެނީ މޮޅު އުކުޅުތަކެއްކަން ޔަގީންވިއެވެ.

އަހަރުތަކެއްގެ ކުރީގެ ހަނދާންތަކަކަށް ގެނބުނު ޝަކީބުގެ މޫނުމަތި އެކީ މިލައިގެން ދިޔައެވެ. ހަނދާނަށް އަންނަން ފެށީ އެމީހުން މާހިރާއަށް އަނިޔާ ކުރި ރޭގެ ހަނދާންތަކެވެ.

*****

އެހާ ދަންގަޑިއެއްގައި އެއްވެސް މީހަކު އެތަކަށް ނުވަންނާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން އޭނަވެސް ދޮރު ލައްޕާލަން އިސްކަންނުދިނީއެވެ. ދޮރު އެހެން ބަހައްޓާފައި އޭނާ އާއި ޔާސިރު އުޅުނީ މާހިރާއަށް އަނިޔާކުރުމުގައެވެ. އެ އަނިޔާތަކަށް ކެތް ނުކުރެވިގެން އެ ފަކީރު ތެޅެމުން ދިޔައިރު އެ ދެހިތަށް ކުޑަވެސް ރަހުމުގެ ކަންފުޅެއްވެސް ނުވަދެއެވެ. އެއަށްވުރެ ބޮޑަށް ޝައިތާނާގެ ވަސްވާތަކުން އެމީހުން ވަނީ ބަނދެވި ހައްޔަރުކުރެވިފައެވެ. އަމިއްލަ އެދެމުން ފޯވެފައެވެ.

ބާރު އެއްޗެއް ވެއްޓުނު އަޑާއެކު އޭނާއާއި ޔާސިރު އެކަކު އަނެކަކަށް ބަލާލުމަށްފަހު ބޭރަށް ނުކުތެވެ. ވެއްޓުނީ އެތަނުގައި ހުރި ދަގަނޑު ގަނޑެކެވެ. އެއާއެކު ދެން ފެނުނީ ދުއްވައިގަތް އަންހެން މީހާއެވެ. އެމީހާގެ ފަހަތުން ކަހަލަ ގޮތަކަށް ޝަކީބު ދުއްވައިގަތެވެ. ޔާސިރުވެސް މެއެވެ. އެމީހާއަށް އެ ގޭތެރެއިން ނުނިކުމެވި އުޅެނިކޮށް ޝަކީބު ގޮސް އެމީހާގެ އަތުގައި ހިފެއްޓިއެވެ.

"އާތިކާ.... މިތަނުގަ؟" އޭނާއަށް ބުނެވުނެވެ. އާތިކާއަކީ މާހިރާގެ ވަރަށް ގާތް އެކުވެރިއެކެވެ. ޝަކީބު އާތިކާގެ އަތުގައި ހިފާ ބާރުކޮށްލަމުން އެތަނަށް އައީ ކީއްވެތޯ ސުވާލުކޮށްލިއެވެ.

"އަހަރެން ދޫކޮށްލާ... އަހަރެންނަކަށް ނޭނގެ މިތަނުގައި މާހިރާ ހައްޔަރުކޮށްފަ އިންކަމެއް.... އަހަރެން މިތަނަށް އައީ ކުޑަ ކުއްޖެއް މިތަނަށް ވަތްތަން ފެނިގެން..... ހަމަ ހުވާ މިބުނީ"

"އޭތް... މާގިނަ ވާހަކަ ނުދައްކާ... ސަލާމަތް ވާން ވެގެން އެންމެ ދޮގެއް ހެދިޔަސް ނިމުނީ" ޝަކީބު ވާހަކަދެއްކިއެވެ. އެއާއެކު އާތިކާއަށް ތެޅިގަނެވުނެވެ. ޝަކީބުގާތަށް އައިސް ހުއްޓުނު ޔާސިރު އާތިކާގެ ދަތް ދޮޅީގައި ހިފާ އުފުލާލިއެވެ. އެއަށްފަހު އޭނާއާއި ހަތަރު ކަޅި ހަމަކުރުވިއެވެ. އާތިކާގެ އަނގައިން އެއްވެސް އެއްޗެއް ބޭރެއްނުވެއެވެ. މީހާ ބިރުން ތުރުތުރު އަޅައެވެ. އާތިކާ ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ފުރަތަމަ ވަނީ މާހިރާ އޮތް ރޫމަށެވެ. ކަންތައް ކުރަންވީ ގޮތް ކިޔައިދިނުމަށްފަހު ފޯނެއް އައުމާއެކު ޔާސިރު ދުރަށް ޖެހިލިއެވެ. އަދި އިތުރު މީހަކު ފޮނުވާނަމޭ ބުނުމަށްފަހު އޭނާ އެބަ އަންނަމޭ ކިޔާ އެ އިމާރާތުން ނުކުތެވެ. ބައިގަޑިއެއް ހާއިރު ފަހުން އިތުރު މީހަކު އަތުވެއްޖެއެވެ. ޖާނުންވަރުގަދަ ފިރިހެނެކެވެ.

ދެމީހުންވެގެން އެންމެ ފުރަތަމަ މައްޗަށް އެރުވީ އާތިކާއެވެ. އާތިކާއަށްފަހު މާހިރާއެވެ. މާހިރާ ގޮނޑީގައި އައްސާފައި އެމީހުން އެނބުރުނީ އާތިކާއާ ދިމާލަށެވެ. އެމީހުން އެހެންކަންތައް ކުރަމުން ދިޔައީ ޔާސިރު ގެ އޯޑަރަށެވެ. ޔާސިރު ހުރީ ފޯނުގައެވެ. އޭނާ ކަންކުރަންވީ ގޮތް ޝަކީބުއަށް ކިޔައިދިނެވެ. އެގޮތުން ބަޔަކު ފޮއްޓަކާއި ގޯންޏެއް ހިފައިގެން ދާނެކަމާއި ތިރިން އެ އެއްޗެހި މައްޗަށް އެރުވުމަށް ބުންޏެވެ. އެއްޗެހި މައްޗަށް އަރުވާ ނިމުމަށްފަހު ޔާސިރު ބުނިގޮތަށް ކަންކުރަން އެމީހުން އަވަސްވިއެވެ. އާތިކާ މަރާލުމަށެވެ. އެވެސް މާހިރާގެ ކުރިމަތީއެވެ.

އެމީހުން އާތިކާ މަރާލުމަށްފަހު ކާކުކަން ނޭނގޭގޮތަށް ހެދިއެވެ. އެކަން ކުރަން އެމީހުން ބޭނުންކުރީ އެސިޑެވެ. މާހިރާގެ ގަހަނާ އާތިކާގެ ގައިގައި އެޅުވިއެވެ. މަޑުމަޑުން އާތިކާގެ ހަށިގަނޑު އޮތް ފޮށި ދެމީހުންވެގެން ތިރިއަށް ބޭލިއެވެ. އޭރު އެ ތަން ކުރިމަތީގައި ޔާސިރުގެ ކާރު އޮތެވެ. އެކަކަށްވެސް ނޭނގޭ ގޮތަށް ކާރަށް އެ ބޮޑު ފޮށި ލައިގެން އެމީހުންގެ މިސްރާބުހުރީ ޖެޓީ ދޮށަށެވެ. ޖެޓީ ދޮށުން އެމީހުންގެ ލޯންޗެއް ލޮލުގައި އަޅައިގަތެވެ. ޔާސިރު އެވަގުތު ގުޅާފައި އޭނާ ހުރީ އެ ލޯންޗުގައި ކަމަށް ބުނެލިއެވެ. އަދި އަވަސް ކުރުމަށް ބުންޏެވެ. ލޯންޗަށް ފޮށި ލައިގެން އެމީހުންގެ މިސްރާބުހުރީ ފަޅުން ބޭރަށެވެ. ވަކި ހިސާބަކަށް ލޯންޗު މަޑުކޮށްފައި އޮއި ހުރި ނެތް ގޮތެއް އެމީހުން ބެލިއެވެ. އެއަށްފަހު ފޮށިން އެ ހަށިގަނޑު ނަގާ މޫދަށް ދޫކޮށްލިއެވެ. ހަށިގަނޑު އޮޔާ ދަމުންދިޔަ މަންޒަރު ބަލަން އެތައް އިރަކު ތިބުމަށްފަހު އެމީހުން ލޯންޗުގައި އަނެއްކާވެސް މާލޭ ބަނދަރާ ކައިރިކުރިއެވެ.

******

ހިޔާލުތަކުން ނުކުތް ޝަކީބު ނިތްކުރިން ހިއްލާފައިވާ ދާތަކުގައި އަތް ހާކާލިއެވެ. އެއަށްފަހު ގޮސް ފާހާނާއަށް ވަނެވެ.

ޖެހިގެން އައި ދުވަހު އިބާ ހުރީ ކޮންމެވެސް ވަރަކަށް ހުންވެސް އައިސްފައެވެ. އެނބުރުން އެރުންވެސް ރަނގަޅެއްނުވެއެވެ. އޮފީސްނިންމާފައި ނަވީން އައި އިރުވެސް އިބާ އޮތީ ސޯފާގައެވެ. ކާ އެއްޗެހިވެސް މިއަދު ގެނައީ އޯޑަރު ކޮށްގެންނެވެ. ތެދުވާއިރަށް ބޮލަށް އެނބުރުން އަރަނީއެވެ.

"އިބާ... އަދިވެސް ރަނގަޅެއް ނުވޭދޯ!" ނަވީން ސުވާލުކޮށްލިއެވެ.

"އާނ... އަދިވެސް އެނބުރުން އެރުން ރަނގަޅެއްނުވޭ...." އިބާ ބަލިއަޑަކުން ބުނެލިއެވެ.

ނަވީންއަށް އިބާގެ ވަރުދެރަ ހަށިގަނޑު ފާހަގަވުމާއެކު ނިތުގައި އަތް ޖައްސާލިއެވެ. ހުން ހުރީތީ އޭނާ އެދުނީ ހޮސްޕިޓަލަށް ދިޔުމަށެވެ. ނާރސް ވެސް މިވަގުތު އުޅޭތީ ދާންވެސް ފަސޭހަ ވާނެތާއެވެ.

އެންމެ ފަހުން ނަވީން އާދޭސްކުރަން ފެށުމުން އިބާވެސް ހޮސްޕިޓަލަށް ދާން ނިންމިއެވެ. ދެމީހުން އެކުގައި ނައްޓާލީ ދި ގްރޭންޑް ހޮސްޕިޓަލަށް ދިޔުމަށެވެ. އިބާ ޑޮކްޓަރަށް ދައްކާހަދާފައި ބޭރަށް ނުކުތްތަނާ އެތަނުން ޝަކީބު ފެނުނެވެ.

"ނަވީން..." ޝަކީބު ގޮވާލި އަޑަށް އިބާވެސް އެ ދިމާލަށް ބަލާލިއެވެ. އެއާއެކު އޭނާއަށް ފަހަތަށް އެއް ފިޔަވަޅު އަޅާލެވުނެވެ. ކޮންމެވެސް ކަހަލަ ތަފާތުތަކެއް މޫނުމަތިން ފެނުނުނަމަވެސް އަދިވެސް އެއީ ހަމަ އެސޫރައެވެ. އެ ސޫރަ ވަކިކުރަން އިބާއަށް އެނގެއެވެ. އެރޭ އެ ގަތުލު ހިންގި މީހަކީ އެއީއެވެ. އިބާގެ މޫނުމަތިން ވަގުތުން ބިރުވެރިކަން ފެނުނެވެ. ނަވީން އެ ދިމާލަށް ފިޔަވަޅެއް އެޅުމާއެކު ބޭއިޙްތިޔާރުގައި ނަވީންގެ އަތުގައި ހިފާ އިބާއަށް ބާރުކޮށްލެވުނެވެ. އެއާއެކު ނަވީން އިބާއަށް ބަލާލިއެވެ. ބިރުން ހުރި އިބާ ފެނި އޭނާ އިބާގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުގައި އެ ތަނުގައި ހުރި ޝަކީބު ނޫން އިތުރު މީހަކު އަޅައެއް ނުގަނެއެވެ.

"ނަވީން... ހިނގާ މިތަނުން ދާން... ހިނގާ މިތަނުން ދާން... އަވަސް..." އިބާއަށް ބުނެވުނެވެ. އިބާއަށްވީ ގޮތުން ނަވީންވެސް ކަންބޮޑުވިއެވެ. ވަށައިގެން ހޯދާވެސް ލެވުނެވެ. އަނެއްކާ ކުރިން ރޭ ފެނުނު ޒުވާނާ ފެނުނީބާއެވެ. ނޫނެކެވެ. އިބާގެ ނަޒަރު ހުރީ ޝަކީބުއާ ދިމާލަށް ހުއްޓިފައެވެ. އިބާއަށްވެފައި ހުރި ގޮތުން ނަވީން ދެފަހަރު އިބާއަށް ގޮވާލާ ކަންބޮޑުނުވުމަށް ބުނެލިއެވެ.

"އޭނަ އާ ނަވީންއާ އޮތީ ކޮން ގުޅުމެއް؟" އިބާއަށް އަހާލެވުނެވެ.

"އަހަރެން ބުނީމެއްނު މަންމަ ހުރިތަން ބުނި މީހެއްގެ ވާހަކަ، އެއީ އެމީހަކީ... އިބާއަށް ކިހިނެތްވީ؟" ނަވީން އަހާލިއެވެ. އިބާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތައް ނަވީން ގާތުން ދިރާސާ ކުރިއެވެ. ޝަކީބު ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އިބާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަން އިތުރު ވަމުން ދިޔައެވެ. ނަވީންގެ އަތުގައި ހިފައްޓައިގެން ހުރި އިބާގެ އަތުގައި އުފެދުނު މަޑު ތުރުތުރު އެޅުމާއެކު ނަވީންއަށް އިތުރު ހާސްކަމެއް ލިބުނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނަވީންގެ އަތުން ދޫކޮށްލާފައި އިބާ ދުއްވައިގަތެވެ. ގާތަށް ހުއްޓުނު ޝަކީބުއަށް ބަލާލާފައި ނަވީން ވެސް އިތުރު އެއްޗެއް ނުބުނެ އިބާ ފަހަތުން ދުއްވައިގަތެވެ. އިބާ ގޮސް މަޑުކުރި ޕާރކުކޮށްފައި އޮތް ކާރު ކައިރީގައެވެ. ކާރުގައި އަތް އަޅުވާލައިގެން ގުދުވެ އޮވެ މާނޭވާ ލަމުންދިޔަ އިބާގެ ދެލޮލުން ކަރުނަ ވެސް އޮހޮރެނީއެވެ. އެވަގުތު އެތަނުން ދޔަ ދެމީހަކުވެސް ސިއްރުން އެއްޗެހި ތަކެއް ކިޔަމުން ގޮސް އޮބާލައިފިއެވެ. ނަވީން އައި އިރުވެސް އިބާ އޮތީ ކުޑަކޮށް ގުދުވެއެވެ. އޭރު އެ ހިސާބުގައި މާ ގިނަ މީހުންވެސް ފެންނާކަށްނެތެވެ. ނަވީން އައިސް އިބާ ގާތަށް ހުއްޓި އިބާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއަށްފަހު އިބާ ގާތު ވީ ގޮތާ ބެހޭގޮތުން ސުވާލުކުރަމުން އޭނާ އާ ވީ ދިމާލަށް އަނބުރުވާލާފައި ކޮނޑުގައި ހިފައްޓާލިއެވެ.

"ޖަސްޓް ރިލްކްސް... އިބާ..." ނަވީން އިބާގެ ދެލޮލަށް ބަލާލިއެވެ. މަޑުމަޑުން އިބާ ގެނެސް އެމޭގައި ޖައްސާލުމާއެކު ފުންކޮށް ދެތިން ނޭވާ ލާން ނަވީން ބުނެލިއެވެ. އިބާއަށް ވީ ގޮތުން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ނަވީންގެ ހިތް ތެޅި ފޮޅެމުން ދިޔަނަމަވެސް އޭނާ ކެތްތެރިކަން އިސްކުރިއެވެ. އިބާ ހަމައަކަށް އެޅުމުން ގަޔާ ދުރުކޮށްލަމުން ގެންގޮސް ކާރަށް އަރުވާފައި އޭނާވެސް އައިސް އަނެއްފަރާތުގައި އިށިނެވެ.

ނަވީން ގޮނޑީގައި ހަމަޖެހިލަމުން އިބާއަށް ބަލާލިއެވެ. އޭރުވެސް އެ އަތުގައި މަޑު ތުރު ތުރު އެޅުމެއް ހުއްޓެވެ. ނަވީންގެ ވާ އަތް ގެންގޮސް އިބާގެ ކަނާއަތް މަތީގައ ބާއްވާލާ އެ އަތަށް ބާރުކޮށްލިއެވެ.

"ޓްރަސްޓް މީ އިބާ..." ނަވީން ބުމަ އަރުވާލިއެވެ. އިބާ މަޑުމަޑުން ބޯ ޖަހާލިއެވެ.

"ޝަކީބު ފެނިގެން އިބާ އެހާ ބިރުގަތީ ކީއްވެ؟" ނަވީން ސުވާލުކޮށްލިއެވެ.

(ނުނިމޭ...)

https://sun.mv/123499

comment ކޮމެންޓް