ބަވަތި ރިވިއު: ބެލުންތެރިންގެ އުންމީދަށް ވާސިލްވި މޮޅު ފިލްމެއް

"ބަވަތި"ގެ 3ޑީ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

މުޅި ފިލްމީ ދާއިރާއަށް އަލަށް ފެޅި ކުރި އެއްކަމަށްވާ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާކޮށްފައެވެ.

މުޅިން އާ ޑައިރެކްޓަރަކާ ޕްރޮޑިއުސަރަކާ ތަރިންތަކަކާއެކީ އުފެއްދި ސައިކޮލޮޖިކަލް ތްރިލާ "ބަވަތި" ވެގެން ގޮސްފައިވަނީ މިއަހަރު ސިނަމާ އެންމެ ގަދައަށް ގުގުމާލި ފިލްމަށެވެ.

އާސިމް އަލީ އަދި އަހްމަދު ވަހީދު ޕްރޮޑިއުސްކޮށް އުފައްދާފައިވާ އެ ފިލްމު ޑައިރެކްޓްކުރީ އިލްޔާސް ވަހީދެވެ. މި ފިލްމު ސިނަމާއަށް ގެނެއުމާއެކު ޑައިރެކްޓަރު އިލްޔާސްގެ 20 އަހަރު ދުވަސްވީ ހުވަފެނެއްގައި ކުލަޖެހިގެން ދިޔައެވެ.

ހިތް އަވަސްވެ ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެން ދިޔަ އެ ފިލްމު ނިމެންދެންވެސް ބެލުންތެރިން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ތަރިން

ނުޒުހަތު ޝުއައިބު (ޝެހެނާޒް)، އަހްމަދު އިފްނާޒް ފިރާގު (އިބޫ)، ފާތިމަތު ލަތީފާ، މުހައްމަދު ރަޝީދު، އިބްރާހިމް ފައިރޫޒް.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

މިއީ އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު ނަމަވެސް ބެލުންތެރިން ހައިރާންކުރުވާހާ ފުރިހަމަ ފިލްމެކެވެ. ދާއިރާގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރުންނާ ފައިތިލަ ހަމަކުރެވޭނެކަން އިލްޔާސް ވަނީ ހަމަ ރަނގަޅަށްވެސް ސާބިތުކޮށްދީފައެވެ.

ފިލްމުގައި ޝެހެނާޒް ދިރިއުޅެމުން ދަނީ އޭނާގެ ރަށުގައެވެ. ވަޒީފާ އަދާކުރަމުންދަނީ ރަށު ސްކޫލުގައެވެ. އެރަށަށް އިބޫ ދަނީ އެ ރަށުގައި ފިޓްނަސް ކްލާސްތަކެއް ހިންގުމަށެވެ. އެ ރަށަށް އެރުމާއެކު ކަހަލަ ގޮތަކަށް އިބޫއަށް ޝެހެނާޒް ފެނުނެވެ. އަދި ވާހަކަދައްކަން ހިތްއެދުނެވެ.

ރަށުތެރޭގައި ޝެހެނާޒްއޭ ކިޔައިގެން އެކި ފާޑުފާޑުގެ ވާހަކަތައް ދައްކައެވެ. އޭނާއަކީ ފޮނި، ބޮޑާ އަދި މޮޔަ ކުއްޖެއް ކަމަށްވެސް ރަށުތެރޭ ވާހަކަ ފެތުރުނެވެ. ނަމަވެސް އެ ވާހަކަތަކަށް ބީރު ކަންފަތެއް ދީ އިބޫ ޝެހެނާޒްއާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އަދި ކާމިޔާބު ކުރިވެސް މެއެވެ.

އަދި ޝެހެނާޒަށް ލޯބި ހުށައަޅައި ކައިވެނިކޮށް މާލެ ބަދަލުވެއެވެ. މައްސަލަތައް ދިމާވަނީ އެ ހިސާބުންނެވެ. ޝެހެނާޒަށް ކޮންމެ ރެއަކު އާދަޔާ ހިލާފު ގޮތްތަކެއްވެ ދުވާލު ގަޑީގައިވެސް އެތައް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެކަމަށް ހައްލެއް ހޯދުމަށް އިބޫ ބުރަ މަސައްކަތް ކުރެއެވެ.

ވަރަށް މަސައްކަތުން އެކަމަށް ހައްލެއް ފެނުނުނެވެ. ޝެހެނާޒަށް ދިމާވަމުންދާ ކަންތައްތަކުގެ ހަގީގަތްތައް މުޅިން ތިލަވެއެވެ.

ސަސްޕެންސް އެންމެ ފުރިހަމަ މިންވަރެއްގައި ހިފެހެއްޓިފައިވާއިރު އެ ފިލްމަކީ ނޭވާ ހިފަހައްޓާލަންޖެހޭ ސީޓުގައި ހިފަހައްޓައިގެން ބަލަން އިންނަންޖެހުނު މޮޅު ފިލްމެކެވެ.

އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ އެ ފިލްމުގެ ޓްވިސްޓް އައީ އެންމެ ހީނުކުރި ގޮތަށެވެ.

ނުޒުހަތު ޝުއައިބަށް ސާބަސް!

ފިލްމުގައި ނުޒޫ ކުޅެފައިވާ ރޯލަކީ އޭނާއަށް އެންމެ އެކަށޭނެ ރޯލުކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. ބަވަތިއިން އޭނާ ވަނީ ބެލުންތެރިންގެ ލޯބި ކުރިއަށް ވުރެ ބޮޑަށް ހޯދާފައެވެ. ތަފާތު ރޯލުތަކުން ނުޒޫ މީގެ ކުރިން ފެނުނު ނަމަވެސް މި ފިލްމުގައި ނުޒޫ ކުޅުނު ރޯލަކީ މިހާތަނަށް އަހަރެންނަށް އެންމެ ކަމުދިޔަ ރޯލެވެ. އެ ކެރެކްޓާއަށް ނުޒޫ ވަރަށް ގުޅެއެވެ. ފިލްމުގެ ކޮންމެ މަންޒަރެއްވެސް އޭނާ ކުޅެފައިވަނީ ކުޅޭ ހިތުންކަން އެނގެއެވެ؛ ފިލްމު ބޮޑު ހިޓަކަށް ހެދުމަށެވެ. އެކަން ރަނގަޅަށްވެސް އޭނާ ކާމިޔާބުކޮށްފިއެވެ.

އިފްނާޒްގެ ފަރާތުން އަޖައިބު!

އަހްމަދު އިފްނާޒް ފިރާގަކީ މި ދާއިރާއަށް މުޅިން އާ މޫނެކެވެ. އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ. ނަމަވެސް މިހާރުގެ ތަރިންނަށް ވަކި ދޫނުކުރާނެ ކަން އޭނާ ވަނީ މި ފިލްމުން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ. ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ހަމަ ސަތޭކައެވެ. އާ ފަންނާނެކޭ ބުނެވޭ ވަރުގެ އެއްވެސް ޖާގައެއް ނެތެވެ. އޭނާގެ އެ ހުނަރުގެ ސަބަބުން އެންމެން އޭނާގެ ޖާދޫގައި ވަނީ ޖައްސާލާފައެވެ. ބުނެލި ބަސްތަކާއި ކޮށްލި ސަމާސާއިން އިފްނާޒް، ބެލުންތެރިން އަޖައިބުކޮށްލައިފިއެވެ.

ޖުމްލަކޮށް ފިލްމުން ފެނިގެންދިޔަ ހުރިހާ ތަރިންތަކެއްގެ އެކްޓިންވެސް ރަނގަޅެވެ. ނުޒޫއާއި ދަރާ ރަޝީދު ފިޔަވާ ދެން ފެނުނު ހުރިހާ ތަރިންނަކީ އާ ތަރިންނެވެ. ފިލްމުގެ ޑައިރެކްޝަނާއި ޕްރޮޑަކްޝަނު ޓީމުވެސް އަލެވެ. ޑައިރެކްޓަރު އިލްޔާސްގެ 20 އަހަރުވީ ހުފަވެން އޭނާ ކުލަކޮށްލީ މާ ބޮޑަށްވެސް ފުރިހަމައަށެވެ.

ދިވެހި ސިނަމާ މި ފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އިލްޔާސް އާއި އާސިމް ވަނީ އެފަދަ ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައެވެ.

ފިލްމުން ފެންނަ މަންޒަރުތަކަކީ ރީތި ހިތްގައިމު މަންޒަރުތަކެވެ. ކާށިދޫގެ ހިތްގައިމު މާހައުލާއި ޑްރޯންގެ މަންޒަރުތައް ވެސް ވަރަށް ފުރިހަމައެވެ. ކެމެރާގެ މަސައްކަތާ ވިޝުއަލް އިފެކްޓްސް އަދި ސިނަމެޓޮގްރަފީވެސް ވަރަށް ހިތްގައިމެވެ. ވިޝުއަލް އިފެކްޓްސް އެންމެ ފުރިހަމަ ފިލްމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްކުރީ އޯކޭޒް އިންކްގެ ސާމީއެވެ. އަދި ކެމެރާކުރީ ގައުމީ އެވޯޑު ހޯދާފައިވާ ކަނޑިއެވެ. ހުރިހާ މަންޒަރެއްވެސް ގެނެސްދީފައިވާ ގޮތް ކަމުދިޔައެވެ. މޫދު މަންޒަރުތަކަކީ ބަލައިލަން އެންމެ ހިތްގައިމުވި މަންޒަރެވެ.

"ބަވަތި"ގައި ހިމަނާފައިވާ ލަވަތަކަކީ ފިލްމާ ގުޅޭ އެންމެ ފައްކާ ލަވަތަކެކެވެ. ބައެއްގެ ބުރަ މަސައްކަތެވެ. އައްސަރިބަހާ ސާބަހެވެ.

ދިވެހި ސިނަމާ ދުށް އެންމެ މޮޅު އެއް ފިލްމަށް މި ފިލްމު ވެގެންދާނެކަން ގިނަ ބަޔަކު އިއްތިފާގުވެއެވެ. އާ ޓީމަކާއެކީ ކުރި މަސައްކަތް ބެލުންތެރިން ބަލައިގެންފިއެވެ. ބެލުންތެރިންގެ އުންމީދަށް ވާސިލުވެއްޖެއެވެ.

comment ކޮމެންޓް