ޔޫތު ލީޑަޝިޕް ޕްރޮގްރާމް މިފަހަރު އައްޑޫގައި

ޔޫއެންޑީޕީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ މިއަހަރުގެ ޔޫތު ލީޑަރޝިޕް ޕްރޮގްރާމް އައްޑޫ ސިޓީ ހުޅުމީދޫ ގައި ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. ޔޫތު ލީޑަޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް އަމާޒުކޮށް، ސިވިކް އެޑިއުކޭޝަން އަދި ލީޑަޝިޕް ސްކިލްސް އުނގަންނައިދުނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

އައްޑޫގައި ދިރިއުޅޭ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕުގެ އަމާޒަކީ ޑިމޮކްރަސީގެ އުސޫލުތަކާއި، އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ މިފަދަ މައްސަލަތަކާއި ދެކޮޅަށް ވަކާލާތު ކުރާނެ ލީޑަރުން ތައްޔާރުކުރުން ކަމަށް ޔޫއެންޑީޕީ އިން މައުލޫމާތު ދެއެވެ.

ޔޫއެންޑީޕީން ބުނީ ޒުވާނުން ބާރުވެރިކުރުވުމަކީ އެ ޖަމިއްޔާއިން އަބަދުވެސް ވަރަށް އިސްކަންދޭ ދާއިރާއެއް ކަމަށާއި ޔޫއެންޑީޕީގެ ގަވަނަންސް ޕްރޮގްރާމްއަކީ އޮސްޓްރޭލިއާގެ ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ.

ޔޫތު ލީޑަޝިޕް ޕްރޮގްރާމަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. ޔޫއެންޑީޕީން ބުނީ އެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 150 އަށް ވުރެ ގިނަ ޒުވާން ލީޑަރުން މުޖުތަމައުއަށް ނެރެފައިވާނެ ކަމަށެވެ.

ޔޫއެންޑީޕީ އިން ރާއްޖޭގައި ހަރަކާތްތެރިވާތާ 40 އަހަރުވެފައި ވާއިރު، އެ ޖަމިއްޔާގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަންތީގެ މީހުންނާ ގުޅިގެން ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެގޮތަށް ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރުމެވެ.

comment ކޮމެންޓް