ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯއަކަށް ތާއީދު ލިބޭނެ: ނަޝީދު

ސައުތު އޭޝިއަން ސްޕީކާސް ސަމިޓްގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހިމެނޭ ގޮތަށް، ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ހިމަނައިގެން އެކުލަވާލާ މެނިފެސްޓޯއަކަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓް އިފްތިތާހު ކޮށްދެއްވައި ނަޝީދު ދެއްކެވި ވާހަކާގައި ވިދާޅުވީ ސަރުކާރެއް އިންތިހާބު ވަނީ، ޕާޓީގެ ވައުދުތައް ރައްޔިތުން ބަލައިގަނެ، އަދި ޕާޓީއަކަށް ރައްޔިތުން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގެ ބޮޑު ބަޔަކަށް ވަނީ އަޅުގަނޑުމެންގެ ވައުދުތައް. އަޅުގަނޑުމެން އިންތިހާބުވެ ސަރުކާރު އުފައްދަނީ ރައްޔިތުން އަޅުގަނޑުމެންގެ މެނިފެސްޓޯ ގަބޫލު ކުރުމުން. އަދި އެ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދެނީ ޕާލިމެންޓުގެ އެޖެންޑާ އާއި ސަރުކާރުގެ އެކްޝަން ޕްލޭންތަކުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މެނިފެސްޓޯތަކުގައި ހިމެނިދާނެ ސިޔާސަތުތަކެއް ފާހަގަ ކުރައްވައިފަ އެވެ. އެއީ އިޔާދަ ކުރުވަނިވި ހަކަތަ އާއި ދަތުރުފަތުރާއި ދަނޑުވެރިކަމާ ގުޅުން ހުރި ސިޔާސަތުތަކެކެވެ.

އެގޮތުން އިޔާދަ ކުރުވަނިވި ހަކަތައިގެ ދާއިރާއިން އެތައް ހާސް ވަޒީފާ އުފެއްފުމުގެ ވައުދާއި، ވައި ސާފު ކުރުމަށް އިޔާދަ ނުކުރެވޭ ހަކަތަ ބޭނުން ކުރާ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލުމަށާއި، ޖަންގަލިތައް ރައްކާތެރި ކުރުން ފަދަ ވައުދުތަކަކީ ގިނަ އަދަދެއްގެ މީހުންގެ ތާއިދު ލިބޭނެ ސިޔާސަތުތަކެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން، ވަޒީފާ އުފައްދައި ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖެހޭ މައްސަލަތައް ހައްލުކުރުމަށް ސިޔާސަތުތަކުގައި ހިމަނައިފި ނަމަ އެ މެނިފެސްޓޯއަކަށް ތާއިދު ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އިގުތިސާދު ކުރިއަރުވަމުން، ސިޔާސީ ގޮތުން ހައްދުފަހަނައަޅައި ނުދާނެކަން ކަށަވަރު ކުރުމާ އެކު މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވާނެ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވަށައިގެންވާ ވެށި ހަލާކު ނުކޮށް ތަރައްގީ ގެނެވޭނެ ގޮތްތައް ހޯދުން މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސައުތު އޭޝިއަން ސްޕީކާސް ސަމިޓްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންނާ އެކު ދެ ދުވަހަށް ކުރިއަށްދާ މި ސަމިޓުގެ ބޭނުމަކީ ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމާ ގުޅޭ މަޝްވަރާތަކާ އެކު ކުރިއަށްގެންދިއުމެވެ.

ނަޝީދު ވިދާޅުވީ މި ސަމިޓުގެ ސަބަބުން ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށް، އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް