އެމްޑީޕީ ފްލެގްމެން ހޯދުމުގެ މަސައްކަތް ޖެންޑާއިން ފަށައިފި

އެމްޑީޕީގެ މުޒާހަރާ ތަކުގައި ދިދަ އުފުލާލި ފްލެގް މޭން، މާރުކޭޓު ސަރަހައްދުގައި އަޅާލާނެ މީހަކު ނެތިފައި ---

އެމްޑީޕީގެ މުޒާހަރާތަކާއި އެއްވުންތަކުގައި ބޮޑު ދިދަ ހޫރުވާ "ފްލެގް މޭން" ހޯދުމުގެ މަސައްކަތް ޖެންޑަ މިނިސްޓްރީއިން ފަށައިފި އެވެ.

ފްލެގް މެންއަށް އަޅާލާނެ މީހަކު މާރުކޭޓު ސަރަހައްދުގައި ގޮނޑިއެއްގައި އިންދައި ބަޔަކު ވަނީ ސޯޝިއަލް މީޑިއާގައި ފޮޓޯ އާންމުކޮށް އެމްޑީޕީއަށް ވަރަށ ބޮޑަށް ފާޑު ކިޔާފަ އެވެ. އެމްޑީޕީއަށްޓަކައި ގުރުބާންވި ނަމަވެސް ފްލެގް މޭންއަށް އަޅާ ނުލި ކަމަށް ބުނެ އެވެ.

މީހަކު ކުރި ޓްވީޓަކަށް ޖެންޑަ މިނިސްޓްރީއިން ކުރި ރިޕްލައިއެއްގައި ބުނެފައިވަނީ ފްލެގް މެން ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީއިން ކުރަމުން ދާ ކަމަށެވެ. އަދި އޭނާ ހޯދުމުގައި އާންމުންގެ އެހީތެރި ކަމަށް ޖެންޑަ މިނިސްޓްރީއިން ވަނީ އެދިފަ އެވެ. އޭނާގެ މައުލޫމާތު އެނގޭ ފަރާތްތަކުން 1412 އަށް ގުޅުއްވުމަށް އެދިލެއްވި އެވެ.

އެމްޑީޕީއިން މަގުމަތީގައި މުޒާހަރާކުރި އިރު އަބަދުވެސް އެންމެ ކުރީސަފުގައި ބޮޑު ދިދަ ހިފައިގެން ހުންނަނީ ފްލެގް މޭން އެވެ. އޭނާއަށް ފްލެގް މޭންއޭ ކިޔުނީވެސް އެހެންވެ އެވެ. އެމްޑީޕީގެ މުޒާހަރާތަކުގެ ތެރެއިން ވަރަށް ގިނަ ފަހަރު އޭނާ ހައްޔަރުވެސް ކުރެވުނެވެ.

މީހުންގެ ފާޑު ކިޔުން އެމްޑީޕީއަށް އަމާޒުވެފައިވަނީ އެމްޑީޕީއަށް ޓަކައި ގުރުބާންވީ ފްލެގްމޭން އެމްޑީޕީގެ ވެރިކަމެއްގައި ހާލުގައި އުޅެން ޖެހުމުންނެވެ.

"އެ ބިރުވެރި އަނިޔާވެރި މުލައްދަނޑީގެ ބާރުހިނގާ އަނިޔާ ދެމުން ދިޔަ އިރު ޕާޓީގެ ދިދަ ވިހުރުވާލަމުން ދިޔަ ފްލެގްމޭން ވަނީ ވެރިކަން ލިބުނު ދުވަހު މަގުމަތިވެފައި." މީހަކު ޓްވިޓާގައި ލިޔެފައިވެ އެވެ.

މާރުކޭޓު ސަރަހައްދުގައި ފްލެގް މޭން އިނީ އަޅާލާނެ މީހެއް ނެތިފައި ކަމަށް މީހުން ބުނެ އެވެ.

comment ކޮމެންޓް