ޕްރައިމަރީ ޓީޗަރުންނަށް ގިނަ ދިވެހިން ތަމްރީން ކުރަން އެބަ ރާވަން: ރައީސް

ތ.ބުރުނީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ގޮތްތަކެއް ރާވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ.ބުރުނީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ރައީސް ވިދާޅުވީ، އެންމެ ޅަފަތުގެ ތައުލީމު ދޭއިރު، އެބައެއްގެ މާދަރީ ބަހުން ވާހަކަ ދައްކާ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެކަން އެހެން އޮތް އިރު ޕްރައިމަރީ ޓީޗަރުންގެ ގޮތުގައި ދިވެހިން ނުލިބުމުގެ މައްސަލަ މިހާރު ރާއްޖޭގައި އެބަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޕްރައިމަރީ ޓީޗަރުންގެ އަދަދު ގިނަ ކުރަން އިތުރު ޓީޗަރުން ތަމްރީނު ކުރުމާ ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުން ރާވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންކަމުން، ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުން،" ރައީސް ވިދާޅުވި އެވެ.

ޕްރައިމަރީ ގްރޭޑުތަކުގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނެތިގެން މި އަހަރު އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައި ވަނީ އެ ގްރޭޑުތަކުގައި ކިޔަވައިދޭނެ ބޭރު ޓީޗަރުން ގެނައުމަށެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ދާދި ފަހުން ވިދާޅުވެފައި ވަނީ ޕްރައިމަރީ ޓީޗަރުން މަދުވުމުން، ރާއްޖޭގެ ސްކޫލްތަކުގައި ތަމްރީން ނެތް 634 ރިލީފް ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކުގައި މިހާރުވެސް ކިޔަވައިދެމުންދާ ކަމަށެވެ.

ރޭ ބުރުނީ ސްކޫލުގެ ދަރިވަރުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، މަދަރުސާއަކީ، ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމުގައި ދަރިވަރުން ދެކިގެން ނުވާނެ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔެވުމަށް އެމަނިކުފާނު ނަސޭހަތްތެރިވި އެވެ.

"އެހެންވީމާ، އިންޓަރނެޓްވެސް އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހެން ވަސީލަތްތައްވެސް، ތިޔަ ކުދިން ބޭނުންކުރަންވީ ކިޔެވުމުގެ ކަންކަމަށް. އޭރުން މިހާރަށްވުރެ، މާ ގިނަ އޭ ސްޓާތައް ލިބެން ފަށާނެ. އަޅުގަނޑު އުންމީދުކުރަން، މިރެއިން ފެށިގެން ތިޔަ ކުދިން އެކަމަށް ސަމާލުކަން ދޭނެ ކަމަށް. މިއީ ބެލެނިވެރިން ވެސް ވިސްނެވުން ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަދު ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި، އޭ ސްޓާ ސެޓިފިކެޓު ހޯދާ ކުދިން ނޫން ކަމަށެވެ. އަމަލީ މައިދާނުގައިވެސް އޭ ސްޓާ ހޯދާ ކުދިން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ މަންހަޖު މުރާޖާ ކުރުމާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.

"ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތައުލީމީ ހަޔާތް ބިނާވެގެންދަނީ، ގައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށް. އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެ ތިބޭ، ގައުމިއްޔަތުގެ ރޫހު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަނގަޅު ޖީލެއް އުފެއްދޭނީ ގައުމީ މަންހަޖު ބަދަލުކޮށްގެންނެވެ. ގައުމީ މަންހަޖު މުރާޖައާކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ.

ގައުއުމުގެ އިޖްތިމާއީ ހާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިއާޔަތްކޮށް، ގައުމީ މަންހަޖު މުރާޖައާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް، ކޮންމެވެސް ޤާބިލްކަމެއް ނުވަތަ ހުނަރެއް ހުންނާނެ އެވެ. އެކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ތިމާގެ ދަރިއަކީ، ގައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް އެއް ވާޖިބެވެ.

"ކޮންމެ ބެލެނިވެރިއަކީ، މިދެންނެވި އަމާޒަށް މަސައްކަތްކުރާ މީހަކަށްވާނަމަ، އަޅުގަނޑުމެން މި އެދޭފަދަ ތައުލީމީ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ ދަތިކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެ، އަޅުގަނޑުމެން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް