ކަލްޗްރަލް، ސްޕޯޓްސް އަދި މައިސް ޓޫރިޒަމް ޕްރޮމޯޓު ކުރަނީ

އެމްއެމްޕީީއާރުސީ ގެ މެނޭޖިން ޑިރެކްޓަރު އޮއްޔިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާއިރު ކަލްޗްރަލް ޓޫރިޒަމް އަދި ސްޕޯޓްސް ޓޫރިޒަމް އާއި މައިސް ޓޫރިޒަމް ވަކިވަކިން މާކެޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އަންނަ އަހަރު ތިން ކަމަކަށް ތައްޔާރުވާނެ ކަމަށެވެ.

"އެއްކަމަކީ ކަލްޗްރަލް ޓޫރިޒަމް. އަނެއް ކަމަކީ ސްޕޯޓްސް އިންކްލޫޑިން ވޯޓާ ސްޕޯޓްސް އަދި މައިސް ޓޫރިޒަމް،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތިން ސެގްމެންޓް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީ އިން މަސައްކަތް ކުރަނީ ރަނގަޅު ޕްލޭނެއް ނެތި މި ތިން ސެގްމެންޓް ޕްރޮމޯޓު ކުރުމުގެ ސަބަބުން ނިކުންނަ ނަތީޖާ އެންމެ ރަނގަޅު ނުވާނެތީ ކަމަށެވެ.

https://sun.mv/113514

"ރަނގަޅަށް މިކަމާ ވިސްނާނުލާ، ޕްލޭނެއް ނެތި މިކަން ކުރަން ފަށައިފިކަމަށް ވަންޏާ، އެކި ފަހަރު އެކި ގޮތަށް މިދަނީ. އެއްބަޔަކު ބުނެފާނެ ސަގާފީ ކަމެއް އެބަ ކުރިއަރުވަންޖެހެއޭ، ދެން އެވީ ސަގާފީ ކަމެއް ލާން. އަނެއް ބަޔަކު ބުނެފާނެ މިވެނި ވައްތަރުގެ ކުޅިވަރެއް އިޝްތިހާރު ކުރަން އެބަ ޖެހެޔޭ. އޭގެ ބަދަލުގައި މިނިސްޓްރީތަކާ، ކަމާ ގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކާ، ސްޓެރެޓެޖީ އެކުލަވާލާ އަންނަ އަހަރަށް މަސައްކަތް ކުރާނީ،" ތޮއްޔިބު ވިދާޅުވި އެވެ.

އެގޮތުން ޑެސްޓިނޭޝަން ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ތަޖުރިބާކާރަކާއެކު މަސައްކަތް ކުރަން ވިސްނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިހާރު ލޯކަލް ކޮންސަލްޓެންޓަކާއެކު މަަސައްކަތް ފެށިފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

"ލަފާކުރެވެނީ ރަނގަޅު އެއްޗެއް ނެރެވޭނެ ކަމަށް،" ތޮއްޔިބު ވިދާޅުވިއެވެ.

"ތިން ސެގްމެންޓެއްގެވާހަމަ މި ދެއްކީ، ރާއްޖެ ހަމައެކަނި ސަން ސޭންޑް އެންޑް ސީ ގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ބަދަލުގައި އިތުރު ކަންތައްތަނެއް ކުރަން ޖެހޭތީ،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ރިސާޗުތަކަށް ބަލާއިރު، ފަތުރުވެރިން ބޭނުންވަނީ ހަމައެކަނި ބީޗުގައި އޮށޯވެލަން ނޫން ކަމަށާއި އިތުރު ތަޖުރިބާތައް ކުރަން އެމީހުން ބޭނުންވާކަން ފާހަގަވެފައިވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

"ހަމައެކަނި އައިސް އޮށޯވެލައިގެން އަވިދަށުގައި އޮތުމެއް ނޫން. ދިވެހިންގެ އާދަކާދަ ތަކާއި ސަގާފަތާ، މި ހުރިހާކަމެއްގެ ތެރޭގައި އުޅެން ބޭނުންވާ ފަތުރުވެރިން ވަރަށް ގިނަވޭ އެބަ. އެމީހުންގެ ބޭނުންތައް ފުއްދުމަށް މިކަންތައް އިޝްތިހާރު ކުރުމަށް މި ތިން ކަންތަކަށް ރިސާޗުކޮށް މަސައްކަތް މި ފަށަނީ،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އއ އުކުޅަހުގައި ދާދިފަހުން ހުޅުވިގެން ދިޔަ ކޮންވެންޝަން ސެންޓަރަކީވެސް ފެށުމެއް ކަމަށެވެ.

"އެފޯޑަބަލް މައިސް އެއްގެ ފެށުމެކޭވެސް ދެންނެވިދާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

comment ކޮމެންޓް