ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަނީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މި އަހަރު، ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާންގެ ވަދާއީ މެޗަށް ރާއްޖެ އައި ރެއާލް މެޑްރިޑްގެ ލެޖެންޑު މިޝެލް ސެލްގާޑޯއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ފެށޭ އާ އަހަރުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަކީ ރައީސް ސޯލިހުގެ އަމާޒެއް ކަމަށާއި، އެކަން ކުރުމަށް ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

މީގެ ކުރިން ކުޅިވަރުގެ ލެޖެންޑުން ރާއްޖެ އަންނަނީ ޗުއްޓީ ހޭދަ ކުރަން އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، މިހާރު އަމާޒު ހިފާފައި ވަނީ މަދުވެގެން އަހަރަކު އެއްފަހަރު ބޭރުގެ ވަރުގަދަ ޓީމެއް ރާއްޖެ ގެނެސްގެން ނުސީދާކޮށް ނަމަވެސް ރާއްޖެ ޕްރޮމޯޓު ކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން އަހަރަކު ރަނގަޅު ޓީމެއް ގެނެވޭ ވަރަށް މަސައްކަތް ކުރަން. ކަމުން އިންޑައިރެކްޓް އަދި ޑައިރެކްޓް މާކެޓިން ލިބިގެންދާނެ،"

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެ ޕްރޮމޯޓު ކުރުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި ކްލަބުތަކުގެ ސްޕޮންސަރުންނަށް ވުމާ ހިސާބަށް ވިޒިޓް މޯލްޑިވްސް ގެންނަން ބޭނުންވާ ކަމަށެވެ.

"ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކްލަބުތަކުގެ ސްޕޮންސާޝިޕާ ހިސާބަށް ވިޒިޓް މޯލްޑިވްސް ގެންދިޔުން އަޅުގަނޑުމެންގެ އަމާޒަކީ،"

"ވަކި ފުޓުބޯޅަ އެކަންޏެއް ނޫން، އަޅުގަނޑުމެން އަމާޒު މި ހިފަނީ ރާއްޖޭގެ އެކި ކުޅިވަރުތައް ޓޫރިޒަމްގެ ތެރެއަށް އިންކޯޕަރޭޓްކޮށްގެން އަޅުގަނޑުމެންގެ ލޯކަލްސް އިންނަށްވެސް ފައިދާވާ ގޮތަށް އަދި ދިވެހި ރާއްޖޭގެ ނަން ދުނިޔޭގައި މިހާރަށް ވުރެ ވަރުގަދަވާ ގޮތަށް ގެންދަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ސެލްގާޑޯއާ އެކު، ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

comment ކޮމެންޓް