ގައުމީ ޗެސް އެކެޑެމީއެއް އުފެދިފައި އޮންނަތާ 12 އަހަރަށް ފަހު ރާޒުވާ ކުޅުންތެރިނަށް ރާޒުވާ ކުޅޭނެ ތަނެއް ނެތުމުގެ މައްސަލަ އަށް ހައްލެއް ގެނެސް، ރާޒުވާ ކުޅުމަށް ހާއްސަ ޗެސް އާކޭޑްއެއް މިއަދު ހުޅުމާލޭގައި ހުޅުވައިފި އެވެ.
މިއަދު ހުޅުވިގެން ދިޔަ ގައުމީ ޗެސް އާކޭޑް ހުޅުއްވައިދެއްވީ އެކަމަށް ޓަކއި މިއަދު ހަވީރު ހުޅުމާލޭގެ މިނީ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ. މިއީ ދާދި ފަހުން ތުއްތު ކުދިންނަށް ހާއްސަކޮށް ބޭއްވިގެން ދިޔަ ޗެސް މުބާރާތެއްގައި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގަތުމަށް ފަހު މި ކުޅިވަރު ކުޅޭނެ ހާއްސަ ތަނެއް ރާޒުވާ ކުޅޭ ފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުން ރައީސް ގާތުން އެދިވަޑައިގަތުމުން ހަމަޖެހިގެން ދިޔަ އާކެޑެކެވެ.
ޗެސް އާކޭޑް މިއަދު ހުޅުވިއިރު، ވަނީ ރާޒުވާ ކުޅުމުގެ ގައުމީ މުބާރަތެއް ވެސް އެ އާކެޑުގައި ފަށައިފަ އެވެ. އެ މުބާރާތް ފެށުމުގެ ގޮތުން ރައީސްގެ އިތުރުން މިނިސްޓަރ މަހުލޫފް ވެސް ވަނީ ތުއްތު ކުދިންނާ އެކު ރާޒުވާ ކުޅުއްވައިފަ އެވެ.
ރާޒުވާ ކުޅުމުގެ ގައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ރާޒުވާ އެސޯސިއޭޝަނެއް އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި އެކަމަކު އެ އެސޯސިއޭޝަނުން ރާޒުވާގެ ހަރަކާތްތައް މިވީތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ތަންތަން ކުއްޔަށް ނަގައިގެން ކަމަށެވެ. އެހެންކަމުން ރާޒުވާ ކުޅޭނެ ތަނެއް ހަމަޖެހިގެންދިޔުމަކީ ރާއްޖޭގެ ކުޅިވަރަށް ވެސް ލިބުނު އުފާވެރި ޚަބަރެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"ރާޒުވާ ރާއްޖޭގައި ކުޅެމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ, މިއަދު މިވަނީ ރާޒުވާ ކުޅޭ ތަނެއް މިހާރު ރާޒުވާ ކުޅޭ ކުދިންނަށް މިހާރު ހަމަޖެހިފައި،" މަހުލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން މި ޖަލްސާގައި ރާޒުވާ އެސޯސިއޭޝަނުގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވީ 2008 އިން ފެށިގެން ރާޒުވާ އެސޯސިއޭޝަނުގެ ކަންކަން ކުރިއަށްދާއިރު، އެ އެސޯސިއޭޝަނަށް ދިމާވި އެންމެ ބޮޑު ގެންޖެހުމަކީ ކުރިއަށްދެވޭނެ ފުރުސަތުތައް ނެތުން ކަމަށެވެ.
އޭގެ ބަދަލުގައި މި ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެމުން އަންނަ ކަމަށާއި މިއަހަރު އެކަނި ވެސް ރާޒުވާ އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.