ރާއްޖެ އޮތީ ކޮމަންވެލްތާ ގުޅެން ތައްޔާރަށް: އެސެސްމަންޓް ޓީމް

ދިވެހިރާއްޖެ އިން ޑިއު ޕްރޮސެސް އާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، އަދި މިހާރު ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އެސެސްމެންޓް ޓީމުން ބުނެފި އެވެ.

ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެ އައިސްފައި ވަނީ ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ހުށަހަޅާފައި ވާތީ، ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް، ކަމާ ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރުމަށެވެ.

މިއަދު އެ ޓީމުން ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތު އެސެސްމަންޓް ޓީމްގެ ފަރާތުން ވަނީ ދިވެހިރާއްޖެ އިން ކޮމަންވެލްތާ ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ.

އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ބައްދަލުކުރެވުނު ފަރާތްތަކުގެ ފަރާތުން އެނގިގެން ދިޔަކަން އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ކޮމަންވެލްތާ އަނބުރާ ގުޅުމަށް ދިވެހިރާއްޖެ އިން މިހާރު ކުރަމުންދާ މަސައްކަތުން ޑިއު ޕްރޮސެސް ފުރިހަމަކޮށް، އެޖަމިއްޔާގެ މެމްބަރުކަން ދިވެހިރާއްޖެއަށް އަނެއްކާ ވެސް ލިބޭނެކަމުގެ ޔަގީންކަން އެ ޓީމުން ވަނީ ދީފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ގަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރަސީ އާއި ހެޔޮވެރިކަން ގާއިމުކުރުމާއި، އިންސާނީ ހައްގުތަކާއި ޖަވާބުދާރީވުމުގެ ނިޒާމްތައް ހަރުދަނާކުރުން ހިމެނެ އެވެ.

މިނިސްޓަރުގެ ވާހަކައިގައި މިސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

އަދި އެސެސްމަންޓް މިޝަންއިން ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ކުރާ މަސައްކަތަށް ބާރު ލިބޭނެ ރެކޮމެންޑޭޝަނެއް ސެކްރެޓަރީ ޖެނެރަލްއަށް އަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިއީ ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް މި އަހަރު ރާއްޖެއަށް ކުރާ ދެވަނަ ދަތުރެވެ. ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް އައީ އެޖަމާއަތުގެ މެމްބަރުކަން އަލުން ދިވެހިރާއްޖެއަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމެއްވެސް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވައިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާ ވެސް ވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް