ކަޝްމީރުގެ ހާއްސަ އިމްތިޔާޒުތައް އުވާލި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް

އިންޑިއާގެ ނިންމުމާ ދެކޮޅަށް ކަޝްމީރުގައި ކުރި މުޒާހަރާއެއް -- ފޮޓޯ: އާބީދު ބާތު

ދިއްލީ (އޮގަސްޓް 28): އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލި މައްސަލައިގައި އެގައުމުގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންތައް ބަލައިގަނެފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ބުނި ގޮތުގައި ކަޝްމީރުގެ މައްސަލައިގައި ހުށަހަޅާފައިވާ 14 ޕެޓިޝަން އަންނަ އޮކްޓޯބަރު މަހުން ފެށިގެން، ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާނެ އެވެ. އަދި އެ ޕެޓިޝަންތަކަށް ފެޑެރަލް ސަރުކާރުން ޖަވާބު ދިނުމަށާއި ކަޝްމީރުގައި މީޑިއާއަށް އަޅާފައިވާ ހުރަސްތަކާ ބެހޭ ގޮތުން ކޯޓަށް މައުލޫމާތު ދިނުމަށް ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ.

މީގެ އިތުރުން އެކޯޓުން ވަނީ ކަޝްމީރަށް ދާން މީހަކު ބޭނުންވާ ނަމަ އެމީހަކު ހުއްޓުވައިގެން ނުވާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ކަޝްމީރަށް ދަތުރު ނުކުރެވޭ މައްސަލާގައި ޕެޓިޝަނެއް ހުށަހެޅި މީހަކަށް، އެސަރަހައްދަށް ދިޔުމަށް ހުއްދަ ދީފަ އެވެ.

މިދިޔަ މަހުގެ ފަހެއްގައި އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، އެސަރަހައްދު މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައި ފަހުން ކަޝްމީރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި އެސަރަހައްދުގައި ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާލުމުގެ ސަބަބުން ކަޝްމީރުގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ވަނީ ދަތިވެފަ އެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ކަޝްމީރު އޮތީ އާއްމު ހާލަތުގަ އެވެ. އަދި އެސަރަހައްދުގައި ހާއްސަ ފިޔަވަޅުތައް އަޅާފައި ވަނީ ކަޝްމީރުގައި ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށެވެ.

comment ކޮމެންޓް