ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ފުޓްސަލްގެ ބޮޑު އީދު އަންނަ މަހު 15 ގައި ފަށަނީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފައިނަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ “ގޯލްޑެން ފުޓްސަލް ޗެލެންޖް" މިފަހަރު 66 ޓީމާ އެކު އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފުގަ އެވެ. އެ ދެ ދަނޑަކީ މިފަހަރުގެ ކުލަބު މޯލްޑިވްސް ކަޕު ވެސް ކުޅެވިގެން ދިޔަ ދެ ދަނޑެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖަކީ އެންމެ ގިނަ ޓީމުތަކުން ބައިވެރިވާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ވާދަވެރި ގިނަ މެޗުތަކެއް ކުޅެވިގެންދާ މި މުބާރާތުގެ ކުޅުން އަންނަ މަހުގެ 15 ވާ އާދީއްތަ ދުވަހުގެ ރޭ ފަށާއިރު ފުރަތަމަ ރޭ ކުޅޭނީ މ، ހދ، އަދި ގއ. އަތޮޅުން މުބާރާތުގައި ބައިވެރިވި ބައެއް ރަށްތަކުގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފައިނަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި މުބާރާތަކީ ވަކިވަކި ރަށްރަށާއި އަތޮޅުތަކުގެ ވާދަވެރިކަން އިތުރު ކުރުމަށް ބޭއްވޭ މުބާރާތަކަށް ވާ އިރު އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް ފުރަތަމަ ކުޅޭނީ އަތޮޅު ބުރެވެ.

އެގޮތުން ހަ ޓީމަށް ވުރެ ގިނައިން ބައިވެރިވެފައިވާ އަތޮޅުތަކުގެ މެދުގައި މުބާރާތް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެނޫން އަތޮޅުތަކުގެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ދެ ގުރޫޕަށް ބަހާލައިގެން ކުޅޭ ކޮންމެ އަތޮޅަކުން ފައިނަލަށްދާ ދެޓީމު ޒޯން ބުރަށް ކޮލިފައިވާނެ އެވެ. ނަމަވެސް ބާކީ އަތޮޅުތަކުގެ ތެރެއިން ޒޯން ބުރަށް ކޮލިފައިވާނީ ޗެމްޕިއަންކަން ހޯދާ ޓީމެވެ.

މީގެ އިތުރުން ޒޯން ބުރުގައި ކޮންމެ ޒޯނަކުން ވެސް ފައިނަލަށް ދާ ދެޓީމު ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. ގަވާއިދުގައި މިގޮތަށް އޮތް ނަމަވެސް މިފަހަރުގެ މުބާރާތުގައި ފުވައްމަލަކު ސިޓީން އެއްވެސް ޓީމެއް ބައިވެރިވެފައި ނުވާތީ އައްޑޫ ސިޓީއާ އެކު އެ ޒޯނުން ފައިނަލް ބުރަށް ދަތުރު ކުރާނީ އެންމެ ޓީމެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފައިނަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެހެން ކަމުން މި އަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި 15 ޓީމަކުން ވާދަކުރާއިރު އެއް ޓީމަށް އޮޓަމެޓިކުން ކުއާޓާ ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއީ މެދުކެނޑުމެއްނެތި އެ މުބާރާތް ބާއްވާ ފަސްވަނަ އަހަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވި ޓީމުތައް:

ޒޯން (1)
ހއ. އަތޮޅު އިހަވަންދޫ، ވަށަފަރު، ތުރާކުރުނު، ކެލާ، މާރަންދޫ.
ހދ. އަތޮޅު ކުޅުއްދުއްފުށި، ކުމުންދޫ، ނެއްލައިދޫ، ނާވައިދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ، މަކުނުދޫ.
ށ. އަތޮޅު – ބިލެއްފަހި، މަރޮށި، ފީވަށް، ގޮއިދޫ


ޒޯން (2)
ނ. އަތޮޅު – ހޮޅުދޫ، މާފަރު.
ރ. އަތޮޅު – އަލިފުށި، މާކުރަތު، އިނގުރައިދޫ، ދުވާފަރު.
ބ. އަތޮޅު – އޭދަފުށި، ހިތާދޫ، ތުޅާދޫ.


ޒޯން (3)
ޅ. އަތޮޅު – ހިންނަވަރު.
ކ. އަތޮޅު – ގާފަރު، ކާށިދޫ، މާފުށި، ގުރައިދޫ.
އއ. އަތޮޅު – ބޮޑުފުޅަދޫ، ފެރިދޫ، މަތިވެރި.


ޒޯން (4)
އދ. އަތޮޅު – ކުނބުރުދޫ، އޮމަދޫ، ދަނގެތި.
މ. އަތޮޅު – މުލި، މުލަކު، ކޮޅުފުށި، މަޑުއްވަރީ، ދިއްގަރު، ނާލާފުށި.


ޒޯން (5)
ފ. އަތޮޅު – ނިލަންދޫ، ބިލެއްދޫ.
ދ. އަތޮޅު – ކުޑަހުވަދޫ.
ތ. އަތޮޅު – ތިމަރަފުށި.


ޒޯން (5)
ލ. އަތޮޅު – ގަން، އިސްދޫ، މާމެންދޫ، ދަނބިދޫ.
ގއ. އަތޮޅު – ދާންދޫ، ގެމަނަފުށި، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ، ކަނޑުހުޅުދޫ، ވިލިނގިލި.
ގދ. އަތޮޅު – ތިނަދޫ، މަޑަވެލި، ވާދޫ، ގައްދޫ.


ޒޯން (7)
އައްޑޫ ސިޓީ – ފޭދޫ، މަރަދޫ.


ޒޯން (8)
މާލޭ ސިޓީ – މާފަންނު، ހެންވޭރު، ވިލިމާލެ، ހުޅުމާލެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް