"ބާސެލޯނާ ނޫން ކުލަބަކަށް ދިއުމުގެ ފުރުސަތު ނޭމާއަކަށް ނެތް"

ނޭމާ ޕީއެސްޖީ ޖޯޒީގައި-- ފޮޓޯ: އޭޕީ

މީގެ ދެ އަހަރު ކުރިން ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ބަދަލުވި ބަދަލުވުމަކީ އޭނާގެ ފުޓުބޯޅައިގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް ކަމަށާއ،ި އޭނާއަށް އަދިވެސް ފުރުސަތު އޮތީ ބާސެލޯނާގައި ކަމަށް ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރިވާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ ރެކޯޑު އަގަކަށް ނޭމާ ޕީއެސްޖީއަށް ބަދަލުވީއްސުރެ އެ ކުލަބާ މެދު އޭނާގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ގިނަބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި އެކި އެކި ސަބަބުތަކާ ހުރެ އޭނާގެ އެންމެ ރަނގަޅު ކުޅުން އެ ކުލަބުގައި ދެއްކިފައި ނުވާ އިރު، ނޭމާގެ ކުރީގެ ކުލަބު ކަމަށްވާ ބާސެލޯނާއަށް އޭނާ ދާން ބޭނުންވާ ވާހަކައަކީ ފުޓުބޯޅައިގެ ބޮޑު ސުރުހީތަކުގައި ފަހަކަށް އައިސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭ 00:00 ގައި ޓްރާންސްފާ މާކެޓް ބަންދުވާ އިރު ނޭމާ ބާސެލޯނާއަށް އަންނަން ބޭނުންވާނަމަ ކަންކަން އަވަސްކުރުމަށް ބާސެލޯނާއާއި ޕީއެސްޖީގެ ބޯޑު ބައެއް މެންބަރުންވެސް ނޭމާ ގާތުން މީގެ ކުރިން ވަނީ އެދިފައެވެ. އަދި ބާސެލޯނާގެ ޑެލިގޭޝަން ޓީމެއްވެސް ވަނީ މި ހަފްތާ ތެރޭ ޕެރިހަށް ގޮސް ނޭމާގެ އެޖެންޓާއި ބައްދަލުކޮށްފައެވެ. ބާސެލޯނާގެ މި ޓީމުން ވަނީ ޕީއެސްޖީގެ ބޮޑެތި ބައެއް ބޭފުޅުންނާވެސް ބައްދަލުކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބާސެލޯނާގެ އިތުރުން އެ ކުލަބާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑުންވެސް އަންނަނީ ނޭމާގެ ސޮއި ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ނޭމާ ކުލަބަކަށް ބަދަލުވާނެނަމަ ބަދަލުވާން ޖެހޭނީ ހަމައެކަނި ބާސެލޯނާއަށް ކަމަށް ބްރެޒިލް އަދި ބާސެލޯނާއަށްވެސް ކުރިން ކުޅެފައިވާ ރިވާލްޑޯ ބުނެއެވެ.

"އެންމެންނަަށްވެސް އެނގޭނެ ނޭމާއަށް ކަންތައް ވީ ގޮތް،" ރިވާލްޑޯ ބުންޏެވެ. "ނޭމާ ބާސެލޯނާ ދޫކޮށްލުމަކީ އޭނައަށް ހެދުނު ބޮޑު ގޯހެއް. އެއީ އޭނާގެ ފުޓުބޯޅަ ހަޔާތަށް ގެނެވުނު ނުރަނގަޅު ބަދަލެއް،"

ރިވާލްޑޯ ބުނީ ދުނިޔޭގެ އެންމެ ބޮޑު ކުލަބުގެ ގޮތުގައި މިވަގުތު އޮތް ބާސެލޯނާ ދޫކޮށްލެވުމުން ނޭމާ އެކަމާ ހިތާމަކުރާ ކަމަށާއި އޭނާ ބޭނުން ވަނީ އަނބުރާ އައުމަށް ކަމަށެވެ.

"އަހަރެން އުންމީދު ކުރަނީ ޕީއެސްޖީގެ ރައީސާއި އެ ކުލަބުގެ ބޯޑުންވެސް އެކަން ގަބޫލުކޮށް އެހެން ކުލަބަކަށް އޭނާ ދިއުމުގެ ފުރުސަތު ބަންދުކުރުން. އޭނާއަށް ފުރުސަތު އޮތީ ހަމައެކަނި ބާސެލޯނާގައި،" ރިވާލްޑޯ ބުންޏެވެ.

comment ކޮމެންޓް