ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި

ފަނޑިޔާރު އަބްދުﷲ ދީދީ: ފަނޑިޔާރު ކަމުން ދީދީ ވަކި ކުރުމަށް ފެންނަ ކަމަށް ޖުޑީޝަރީ ކޮމެޓީން މިރޭ ވަނީ ފާސްކޮށްފައި ----ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކޮށްދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައިގައި، އޭނާ ވަކިކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހަށް ހުށަހެޅުނު އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ މިރޭ ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގަ އެވެ. އަދި ފަނޑިޔާރުކަމުން ދީދީ ވަކި ކުރަން ފެންނަ ކަމަށް ނިންމާފައިވަނީ ވެސް މިރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށާފައި ވަނީ ފުލުހުން ދީދީގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ. ޖޭއެސްސީ ރިޕޯޓުގައި ވާގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒް މަންފާތަކެއް ހޯދި" ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.

ފުލުހުންގެ ސިޓީއާ ގުޅިގެން ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލައެއް ބަލައި މިއަދު ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައިވާގިތުން ފަނޑިޔާރު ދީދީ ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ހިލާފުވެފަ އެވެ.

ހުރިހާ ކަމަކަށް ބަލާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް