ފަނޑިޔާރު ދީދީ ވަކިކުރުމުގެ މައްސަލަ މިރޭ މަޖިލީހުގައި އެޖެންޑާ ކުރަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އޭނާ ވަކި ކޮށްދިނުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅައިފި ---- ސަން ފައިލ ފޮޓޯ/ މުހައްމަދު އަފްރާހް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީ އެ މަގާމުން ވަކިކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ އިން ފޮނުވާފައިވާ މައްސަލަ މިހާރު މަޖިލީހަށް ލިބިފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަން މިރޭގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ.

ޖޭއެސްސީން މިއަދު ބުނީ، ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީން ތަހުގީގުކުރި ރިޕޯޓް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީއަށް ޖަވާބުދާރީ ވުމަށް ދިން 30 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދާރީވި ނަމަވެސް އެ ރިޕޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އެހެން ކަމުން ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގައިވާ ތައުޒީބީ ފިޔަވަޅު ކަމުގައިވާ "ފަނޑިޔާރު ވަޒީފާއިން ވަކިކުރުމަށް" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ފަނޑިޔާރު ދީދީއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގަ އެވެ.

އެގޮތުން އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ކުރަމުން އައި ހުކުމްތައް ވަކި ކޮޅަކަށް ނިންމަން ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒު ސަބަބެއް އޮތް ކަމަށް ނުބެލެވޭ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލު ކުރި ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސަސްޕެކްޓް 1ގެ އަމުރަށް ފަނޑިޔާރު ދީދީއަށް ދިވެހި ފައިސާ އާއި ޑޮލަރު ދިން ކަމަށްވެސް ވިޓްނަސް 1 ކިޔައިދީފައިވާ ކަމަށް ސިޓީގައިވެ އެވެ. އަދި ސަސްޕެކްޓް 1ގެ އިންޓަވިއުގައިވެސް ވިޓްނަސް 1 މެދުވެރިކޮށް ފަނޑިޔާރު ދީދީއަށް ފައިސާ ދިންކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުންގެ އެ ސިޓީގައި ބުނެފައި ވަނީ ޖުލައި، 12، 2017 ވަނަ ދުވަހު، ފަނޑިޔާރު ދީދީގެ ނަމުގައި އޮތް ނަމްބަރަކުން ރާއްޖެއިން ފުރަން އުޅޭ ކަމަށާއި ޑޮލަރު ކޮޅެއް ބޭނުންވާ ކަމަށް ބުނެ ސަސްޕެކްޓު 1އަށް މެސެޖުކޮށްފައިވާ ކަމަށެވެ. ސަސްޕެކްޓު 1 ފައިސާ ފޮނުވަންވީ މީހުންގެ ލިސްޓެއް ވިޓްނަސް 1 އަށް ފޮނުވި އިރު އެ ލިސްޓުގައި ފަނޑިޔާރު ދީދީގެ ނަންވެސް އޮތް ކަމަށް ސިޓީގައި ބުނެ އެވެ.

ފުލުހުންގެ ސިޓީގައި ބުނެފައި ވަނީ ސަސްޕެކްޓް 1ގެ ފޯނުގައި ހުރި ޗެޓުލޮގުތައް ބެލި ބެލުމުން، ފަނޑިޔާރު ދީދީއާއި ސަސްޕެކްޓު އެކެއް ބައްދަލުކޮށްފައިވާ ކަން އެނގޭ މެސެޖުތަކެއް ފެނިފައިވާ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އިން ބެލި ސުލޫކީ މައްސަލައާ ގުޅިގެން އޭނާ ވަނީ އެ ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ޖޭއެސްސީއަށް ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހެޅި ޖަވާބުގެ ތަފްސީލް އާންމުކޮށްފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީއިން އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

comment ކޮމެންޓް