ރާއްޖެއަށް ދޭ އެހީ އިތުރުކުރަން އޭޑީބީ އިން ނިންމައިފި

އޭޑީބީގެ ރައީސް ނަކާއޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ދޭ އެހީ އިތުރުކުރަން ނިންމާފައިވާކަމަށް އޭޑީބީގެ ރައީސް ޓަކިހީކޯ ނަކާއޯ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ނަކާއޯ އިއްޔެ ވިދާޅުވީ އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އާއި ކުނި މެނޭޖުކުރުމުގެ ދާއިރާ އިން އޭޑީބީގެ އެހީ ރާއްޖެއަށް އިތުރު ކުރަން ނިންމަވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ދެ ދާއިރާ އަށް ކޮންސެޝަނަލް ލޯނުގެ ގޮތުގައި 70 މިލިއަން ޑޮލަރު ދޭނެ ކަމަށް ނަކާއޯ ވިދާޅުވިއެވެ.

ނަކާއޯ ވިދާޅުވީ އިއާދަ ކުރުވަނިވި ހަކަައިގެ ދާއިރާ ކުރި އެރުވުމަށް 10 މިލިއަން ޑޮލަރު އަދި ކުނި މެނޭޖުކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް 60 މިލިއަން ޑޮލަރި ދޭން އޭޑީބީ އިން ނިންމާފައިވާ ކަމަަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އޭޑީބީ އިން ރާއްޖެއަށް ލޯނު އެހީ ދޭން ނިންމާފައިވާކަމަށް އެ ބޭންކުގެ ރައީސް ވިދާޅުވިއެވެ.

އޭޑީބީ އިން ކޮންސެޝަނަލް ލޯނު ދެނީ އެއް ޕަސެންޓް އިންޓްރެސްޓުގައެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީބީގެ ރައީސް ވިދާާޅުވީ ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފިނޭންސް މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާތައް ކުރެއްވި ކަމަށެވެ.

ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި އޭޑީބީ އިން މިހާތަނަށް 277 މިލިއަން ޑޮލަރު ރާއްޖެއަށް ދީފައިވާއިރު މިހާރު އެބޭންކުގެ އެހީ ރާއްޖެއަށް އެންމެ ބޮޑަށް ލިބެނީ އިއާދަކުރުވަނިވި ހަކަތައާއި ކުނިމެނޭޖު ކުރުމުގެ ދާއިރާއިންނެވެ.

comment ކޮމެންޓް