ކުރީގެ ނައިބު ރައީސް ޖިހާދާއި އަޒްލީންވެސް މިރޭ ޖޭޕީއަށް ސޮއި ކުރަނީ

ކުރީގެ ނައިބް ރައީސް ޖިހާދާއި އާއި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން: މި ދެބޭފުޅުން މިރޭ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުވެސް މިރޭ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރަން ނިންމަވާފައިވާ ކަން "ސަން" އަށް ކަށަވަރުވެއްޖެ އެވެ.

މިދެބޭފުޅުންގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުންތަކެއް ވެސް މިރޭ ޖޭޕީއަށް ސޮއި ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

މިރޭ ޖޭޕީއަށް ސޮއި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ފަލާހު "ސަން" އަށް ވިދާޅުވީ، ޖޭޕީއަށް މިރޭ ސޮއި ކުރައްވާ ބޭފުޅުންގެ ތެރޭގައި ޖިހާދާއި އަޒްލީންވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އަޒްލީން މިރޭ ޖޭޕީއަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަން އޭނޭ ވެސް ވަނީ "ސަން" އަށް ކަށަަރުކޮށްދީފަ އެވެ.

ޖިހާދު ޖޭޕީއަށް ސޮއި ކުރެއްވުމާ ގުޅޭގޮތުން ޖިހާދު "ސަން" އަށް ވިދާޅުވީ، އެނާ އަދި މިހާތަނަށް އެއްވެސް ޕާޓީއަކަށް ސޮއި ނުކުރައްވާ ކަމަށާއި ނަމަވެސް ސޮއި ކުރައްވާ ވަގުތު ޖެހުމުން ސޮއި ކުރައްވާނެ ކަމަށެވެ.

މިރޭ ޖޭޕީއަށް ސޮއި ކުރައްވަންތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ޖިހާދު އެކަން ދޮގު ނުކުރައްވައެވެ.

"ވަގުތު ޖެހުމުން އެނގޭނެ ސޮއި ކުރުމުން....ތި ސުވާލަށް ޖަވާބެއް ނެތް" ޖިހާދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް "ސަން" އަށް ވިދާޅުވީ، މިރޭ ޖޭޕީ އަށް "ހައި ޕްރޮފައިލް" ބޭފުޅުން ސޮއި ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅުންނެއް ކަމެއް އަލީ ސޯލިހް ވިދާޅެއް ނުވެ އެވެ.

"ހައެއްކަ ބޭފުޅުން ސޮއި ކުރާނެ ހައި ޕްރޮފައިލް،" އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ، ހައި ޕްރޮފައިލް ބޭފުޅުންގެ ތެރޭގައި ގައުމުގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނާއި މިނިސްޓަރުކަން ކުރައްވާފައި ތިބި ބޭފުޅުން އަދި މެމްބަރުކަންވެސް ކުރައްވާފައި ބޭފުޅުން ސޮއިކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނިދާނެ ކަމަށެވެ.

މިރޭ ދެން ޖޭޕީއާ ގުޅިވަޑައިގަންނަވާނީ، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ހޯރަފުށީ ދައީރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު އަދި ޕީއެންސީގެ ނައިބު ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި، ޕީޕީއެމްގެ ކުރީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

މީގެ އިތުރުން އިދިކޮޅު ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲވެސް ޖޭޕީއާ ގުޅިވަޑައިގަންނަވާ އަޑުތަކެއް ވަނީ ފެތުރިފައެވެ. މިވަގުތު މެލޭޝިއާގައި ހުންނެވި، އަދުރޭ "ސަން" އަށް ވިދާޅުވީ، ސިޔާސީ މައިދާނުގައި ދެމިހުންނެވިހާ ދުވަހު އޭނާ ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކުކަމަށެވެ.

ނަމަވެސް ފަލާހު ވިދާޅުވީ، މިއަންނަ ހަފްތާގައި އަދުރޭ ޖޭޕީއަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"ރަށުން ބޭރުގައި ހުންނެވީތީ މިރޭ އަދުރޭ ސޮއި ނުކުރައްވާނެ. ނަމަވެސް އަންނަ ހަފްތާގައި އަދުރޭ ޖޭޕީ އަށް ސޮއި ކުރައްވާނެ،" އަދުރޭއާ ގާތް ގުޅުމެއް އޮންނަ ފަލާހު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއި ކުރުމަށް ބާއްވާ ޖަލްސާ އޮތީ މިރޭ 9:00 ގައި އެ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައެވެ.

comment ކޮމެންޓް