މަޑުއްވަރީ އާއި އިހަވަންދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

ރ. މަޑުއްވަރީ އަދި ހއ. އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.

ދެެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.

މަޑުއްވަރީ ބަނދަރު:

މަޑުއްވަރީ ބަނދަރުގެ މަސައްކަތް ނިންމާ ހަވާލު ކުރަން އެއްބަސްވެފައި ވަނީ 590 ދުވަހުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ އަގަކީ 68,665,360.81 ރުފިޔާ އެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 566 މީޓަރުގެ އެއްގަމު ތޮށި ލުމާއި 411 މީޓަރުގެ ޗެނަލް ބްރޭކް ވޯޓާ ހަރުކުރުމާއި 135 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ރޭމްޕެއް ހެދުމާއި ބަނދަރުގައި ބައްތި ހަރުކުރުމާއި، ދެ ނެރު ބައްތި ޖެހުން ހިމެނެ އެވެ.

އިހަވަންދޫ ބަނދަރު:

އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 51،725،810.09 ރުފިޔާ އަށް، 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 284 މީޓަރުގެ ބޭރުތޮށި ލުމާއި، 178 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 95 މީޓަރުގެ އެއްގަމު ތޮށި ލުމާއި ބަނދަރުގައި ރޭމްޕެއް ހެދުމާއި އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓު ޖެހުމުގެ އިތުރުން ނެރު ބައްތި ޖެހައި، ބަނދަރު ސަރަހައްދުގައި 27 ލައިޓު ޖަހައި، 20 މޫރިން ބްލޮކް ހަރުކުރުމެވެ.

މި މަހުގެ ކުރީކޮޅު ލ. މާބައިދޫ އަދި ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް