ފަސް ހޮސްޕިޓަލަކާއި ހުޅުމާލެ ހޮސްޕިޓަލްގެ ތަރައްގީއަށް 444 މިލިއަން ރުފިޔާ

ހުޅުމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގެ އިތުރުން އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓްގައި ވަނީ 444 މިލިއަން ރުފިޔާ ހިމަނާފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓްގައި 444.5 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސަޕްލިމެންޓްރީ ބަޖެޓަށް ބޮޑު އަދަދުތަކެއް ހިމަނާފައިވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާއި ރިޔާސީ ވައުދުތައް ފުއްދުމަށް އިތުރަށް ބޭނުންވާނެ ފައިސާ ހޯދުމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަސައްކަތް މިހާރު ވެސް ފަށާފައިވައިރު އެކަމަށް އިތުރަށް ހަރަދުވާނެ ކަމަށް ލަފާކުރާ 294.5 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފަ އެވެ.

އަދި ހުޅުމާލޭ ހޮސްޕިޓަލްގައި އާސަންދަ ކުންފުނި މެދުވެރިކޮށް ފެށުމަށްފަހު، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 150 މިލިއަން ރުފިޔާ ވެސް ވަނީ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފަ އެވެ.

މިދިޔަ ސަރުކާރުގައި، ހުޅުމާލޭ ހޮސްޕިޓަލްގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެކި ފަރާތްތަކާއި ހަވާލު ކުރި ނަމަވެސް އެޑްވާންސް ފައިސާ ނަގައި އޭގެތެރެއިން ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމުގެ ޝަކުވާ އާސަންދަ ކުންފުނީގެ ފަރާތުން ވަނީ މަޖިލީހުގެ ސްޓޭޓް އޯވްންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީގައި ކޮށްފަ އެވެ.

ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 10 ހޮސްޕިޓަލަކަށް ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި މީގެ ކުރިން ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް ބޭނުންވާ އިމާރާތުގެ ބީއޯކިޔު ހެދުމާއި، އިމާރާތް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ވެސް ކޮށްފައެވެ.

comment ކޮމެންޓް