ސަޕްލިމަންޓްރީ ބަޖެޓް: ކަރަންޓާއި ވައިގެ ދަތުރުތަކުގެ އަގުހެޔޮ ކުރަން 59 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓްގައި 59.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައި --- ފައިލް ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެ ވައުދު ކަމުގައިވާ ކަރަންޓާއި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓްގައި 59.4 މިލިއަން ރުފިޔާ އިތުރު ކުރުމަށް ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިމިވަނީ މިއަހަރު އިތުރަށް ހަރަދުވާނެ ކަމަށް ލަފާކުރާ 1.7 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާއި ގުޅިގެން ލޯން އަދި ސްކޮލަޝިޕްގެ ފުރުސަތުތަކަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ ގޮތުގައި 300.0 މިލިއަން ރުފިޔާ އިތަރަށް ހިނގާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓްގައި، އެތެރޭގެ ވައިގެ ދަތުރުގެ އަގުހެޔޮކުރުމަށް އައިލެންޑް އޭވިއޭޝަނަށް 35.0 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 24.4 މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ ހިމަނާފަ އެވެ.

ރައީސް ސޯލިހުގެ އިތުރު ރިޔާސީ ވައުދެއް ކަމަށްވާ ނާސްތާ ޕްރޮގްރާމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ 81.0 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ.

ބަޖެޓް ކޮންޓިންޖަންސީގެ ގޮތުގައި އަލަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގައި ވަނީ 225.0 މިލިއަން ރުފިޔާ ހިމަނާފަ އެވެ.

މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓްގެ ޖުމްލަ ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

comment ކޮމެންޓް