އަންހެން ފަނޑިޔާރުން އައްޔަންކުރުމާ މެދު ދެބަސްވާކަށް ނުޖެހޭ: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ މެދު ބަހުސްކޮށް، ދެބަސްވުންތަކެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިއަދު "ސަން" އަށް ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަކީ އަންހެނުންގެ ކުރިއެރުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދުންޔާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ނަން ހުށަހަޅުއްވަފައިފައިވާ ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދުއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ދުންޔާ ވިދާޅުވީ އިސްލާމް ދީނުގައި، ޝަރުއީ ދާއިރާގެ ތެރެއިން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ހައްގުތަކެއް ލިބިދީފައިވާ ކަން ގިނަ އިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ކަމަށާއި، މެލޭޝިޔާ، އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާން ފަދަ މުސްލިމް ގައުމުތަކުގައި ވެސް ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކޮށްފައިވާ ކަމަށެވެ.

"ރަނގަޅު އިންސާފުވެރި ނިންމުންތައް ނިންމެނީ ވަކި ޖިންސަކަށް ވީތީއެއް ނޫން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާގެ ބައްޕާފުޅު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ރައީސް ސޯލިހުގެ ނިންމެވުމަށް ތާއީދު ކުރައްވައި ޓުވީޓެއް ކުރައްވައިފަ އެވެ.

މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އަންހެނުން ފަނޑުޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް ކުރީގެ ބައެއް އިލްމުވެރިންނާއި މިހާރު ބައެއް އިލްމުވެރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ ރައީސް މައުމޫނަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެ ވެސް ބަލައިގަންނަ ދީނީ އިލްމުވެރިއެއް ކަމަށާއި ރައީސް މައުމޫން އެފަދަ އެއްޗެއް ވިދާޅުވާނީ ވަރަށް ބޮޑަށް ބައްލަވައިފައި ކަމަށެވެ.

"އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބަ އޮތް ބައްޕައަށް. ވަރަށް ޔަގީން އެ ވިދާޅުވަނީ ވަރަށް އޮއްޓަރު ހުރި ބަސްފުޅެއް ކަން،" ދުންޔާ ވިދާޅުވި އެވެ.

ހަމަ އެއާއެކު ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށް ވެފައި، ރާއްޖޭގެ ގާނޫނު އަސާސީ ބިނާވެފައި ވަނީ އިސްލާމް ދީނުގެ މައްޗަށް ކަމަށް ވާއިރު، އެފަދަ ނިންމުމެއް ސަރުކާރުން ވެސް ނިންމާނީ ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ބަހުސްތަކަކާއި ދެބަސްވުންތަކެއް އޮންނަން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން. މިއީ ވަރަށް ރަނގަޅު އަދި މުހިންމު ފިޔަވަޅެއް. ސަރުކާރުން މި ނިންމެވުމާ އެކު ކުރިއަށް ވަޑައިގަންނަވާތަން ބަލަން ބޭނުންވަނީ،" ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީ ވެސް ރައީސް މައުމޫންގެ ވެރިކަމުގައި، 2007 ވަނަ އަހަރު އެވެ.

ދުންޔާ ވިދާޅުވީ މިފަދަ ކަންކަމުގައި ހިޔާލު ތަފާތުވުން އުޅޭނެ ކަމަށާއި މަޝްވަރާކޮށް އެފަދަ ކަންކަން ހައްލު ކުރުމަކީ ޑިމޮކްރަސީގެ އުސޫލު ކަމަށެވެ.

އެގޮތުން 2007 ވަނަ އަހަރު ވެސް ކޮންމެސް ވަރަކަށް އެކަމާ ހިޔާލު ތަފާތުވުން އުފެދުނު ނަމަވެސް، މިއަދާ ހަމައަށް ވެސް އަންހެން ގާޒީން ކޯޓުތަކުގައި މަސައްކަތް ކުރައްވަމުން އައިސްފައި ވަނީ އެއީ ގިނަ ދިވެހިން ބަލައިގެންފައިވާ ކަމަކަށް ވާތީ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މިއަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް އެ ދާއިރާއިން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ދީނީ އިލްމުވެރިން ކަމުގައިވާ އަލީ ޒައިދު އަދިި ޝައިހު ހަސަން މޫސާ ފިކުރީ ވިދާޅުވީ، އެއީ ގުރުއާނާއި ސުންނަތާ ހިލާފު މުންކަރާތެއް ކަމަށެވެ.

އޭގެ އިތުރުން ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫން، ހަރާމް ކަމެއް ކަމުގައި ބުނެފަ އެވެ.

comment ކޮމެންޓް