އަހަރެންނަކީ ނައިފަރު މީހެކޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ލިބޭ ރައްދަކީ "ތިޔައީ ސޭ ބޯއެއް ދޯއޭ"އެވެ. ނުވަތަ "ޗަކޮއެ" ކިޔާފައި އަހަރެންނަށް ގޮވާލަފާނެއެވެ. ރަށުގެ ވާހަކަދެއްކުމުގެ ރާގުން އުފެދިގެން އައިސްފައިވާ ބަސްތަކެވެ. މިއީ ޒަމާނުއްސުރެ ނައިފަރާ ގުޅުވައި މީހުން ކިޔާ އެއްޗެއްސެވެ.
ސޭ ބުއިމާއި ޗަކޮއިއެކޭ އެއްގޮތަށް ނައިފަރަށް ހާއްސަ އެހެން ކަމެއްވެސް އެބައޮތެވެ. ފަހަރުގައި އެހެން ރަށްރަށުގައިވެސް މިޔާ އެއްގޮތްކަމެއް ހުރެދާނެއެވެ. އެކަމަކު ރަށަށް ދާ ކޮންމެ މީހަކުވެސް ބުނާ ވާހަކައަކީ މިއީއެވެ: "ނައިފަރުގެ މަގުތައް ހާދަހާ ހަނި އޭ"އެވެ. "ގޯޅިން ގޯޅިން ގޮސް ގެޔެއްގެ ބަދިގެއަކަށްވެސް ވަދެވިދާނެއޭ"އެވެ.
ނައިފަރުގެ އެންމެ މައި މަގުތައް ފިޔަވައި ދެން ހުންނަ މަގުތަކަކީ ނިސްބަތުން ހަނި މަގުތަކެކެވެ. ބައެއް ހިސާބުތަކުގައި ހުންނަ ގޯޅިތަކުގެ ފުޅާމިނުގައި ތިން ފޫޓު ހަމަވަނީ ކިރިޔާ އެވެ.
ނައިފަރުގައި ހަނި ގޯޅިތައް ގިނައީ ކީއްވެތޯ ރަށުގެ ދުވަސްވީ މީހުންނާ ސުވާލުކޮށްލީމެވެ. އަހަރެންނަށް ލިބުނު ހުރިހާ ޖަވާބެއްވެސް ގާތްގަނޑަކަށް އެއްގޮތެވެ:
"ކުރީޒަމާނުގައި ރަށުގެ ގޭގޭގެ ފުރާޅާއި ބިތްތަކުގައި ހުންނަނީ ފަން ޖަހާފައި. ދެގެ ދޭތެރޭ އޮންނާނި ހުސްކޮށް ކުޑަ ތަންކޮޅެއް، ފަން ބަދަލުކުރަން ވަންނަން. ދެ ގޭގެ މީހުންވެސް ފުރާޅުގައި ހުންނަ ފަނާ ބިތްތަކުގައި ހުންނަ ފަން ބަދަލުކުރަން ވަންނާނީ މި ގޯޅިއަށް،"
މިއީ ވަކި ގެޔެއްގެ ބަޔަކަށް އޮންނަ ގޯޅިއެއް ނޫނެވެ.
"އަނެއްކާ އޭރު މިރަށުގައި ގެޔާއި ބަދިގެ ހުންނާނީ ވަކިން. ގޭގެ ކުރިމަތީ ބަދިގެ ހުންނާނީ. ގެ ފައްޗަކާ ބަދިގެ ފައްޗެއް. އެހެންވެ ގެޔާ ބަދިގެޔާ ދެމެދު އޮންނަ މަގުވެސް އެހާ ފުޅަލެއް ނުވާނެ،" މިއީވެސް އެއްވެސް ގެޔަކަށް ނިސްބަތްނުވާ ސަރަހައްދެކެވެ.
އޭރު ފަނުން ގެ ހަދާފައި ހުރި ނަމަވެސް، ފަހުން ގެދޮރު ރާނައިގެން ހަދައިން ފެށުމާއެކު ހިމ ގޯޅިތަކުގެ މައްސަލަ ވަރަށް ބޮޑުވެގެން ދިޔައެވެ. އެ ގޯޅި ލިބޭނީ ކޮން ގޯއްޗަކަށްތޯ ބަލަން އަވަށްޓެރިންގެ މެދުގައި ބޮޑެތި މައްސަލައާއި ޒުވާބުތައް ހިނގިއެވެ.
މި މައްސަލަ ބޮޑު ކަންތައްގަނޑަކަށް ވެ، އަވަށްޓެރިން އެކަކު އަނެކަކާ މޫނު ކެނޑޭ ހިސާބަށްވެސް ދިޔައެވެ. ނަމަވެސް މަސްލަހަތަށްޓަކައި ބައެއް މީހުން ގޯޅިތަކާ ނުތޮޅެއެވެ؛ އެއްވެސް ގޮތަކަށް އެ ތަންކޮޅާ މެދު އަރައިރުން ނުވާ ތަންތަނުގެ ގޮތުގައެވެ.
މި ތަންތަން މިއަދު ހުރީ މައި މަގުތަކާ ގުޅިގެން ދާ ހަނި ގޯޅިތަކެއްގެ ގޮތުގައެވެ.
ނައިފަރުގެ މި ހަނި މަގުތަކުން ހިނގާއިރު ހީވަނީ "މޭޒް"އެއްގެ ތެރޭ އުޅެވޭހެންނެވެ. ބޮޑު މަގުގެ ގޮތުގައި ބަލާ މައި ދެ މަގެއް ރަށުގައި އޮންނައިރު ދެން ރަށުތެރެއަށް ދެވެން ހުންނަ މަގުތަކުގައި ހުންނަނީ ހައެއްކަ ފޫޓެވެ. އެ މަގުތަކުން ދާއިރު ދެން މިފެންނަނީ ދެ ފޫޓު ތިންފޫޓުގެ ހަނި ގޯޅިތަކެވެ. ފޮޓޯއެއް ނަގާލަން ހުއްޓިލަންވެސް ވަރަށް ހިތްގައިމު ވާނެއެވެ.
ހެޔޮ، މަޖާ ރައްޔިތެއް ދިރިއުޅޭ ނައިފަރުގެ ހަނި މަގުތައް ބަލާލައި، މަގުތަކުގައި ހިނގާލަން އެ ރަށަށް ގޮސްލުން ކިހިނެއް ވާނެހެއްޔެވެ؟