ދުނިޔޭގެ ތާރީޚު ދުށް އެންމެ ބޮޑު އެއް ކަނޑުމަތީ ކާރިސާ ކަމަށްވާ ޓައިޓެނިކް ބޯޓު ބިޔަ ގަނޑުފެންގަނޑެއްގައި ޖެހި ބަންޑުންޖަހާލިތާ ޤަރުނަކަށްވުރެ ގިނަ ދުވަސް ފަހުން، އެ ބޯޓު އެއްކޮށް ގެއްލިއްޖެ ޙާލަތެއްގައި ބަދަލު ދިނުމަށް އެކުލަވާލި ފަސް މިލިއަން ޑޮލަރުގެ ތާރީޚީ އިންޝުއަރެންސް ސެޓްފިކެޓް އަލުން ފެނި، ޢާންމު ނީލަމެއްގައި ވިއްކާލުމަށް ތައްޔާރުވެއްޖެއެވެ.
ޓައިޓެނިކްގެ ހަނދާނީ ތަކެތި ނީލަންކިޔުމުގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ އެންމެ ފުންނާބުއުސް އެއް މަރުކަޒު ކަމަށްވާ "ހެންރީ އޯލްޑްރިޖް އެންޑް ސަން"އިން ހާމަކުރި ގޮތުގައި، މިއީ އެ ބޯޓުގެ އިންޝުއަރެންސާ ގުޅޭގޮތުން މިހާރު ދުނިޔޭގައި އޮތް ހަމައެކަނި ރަސްމީ ލިޔުމެވެ. އިނގިރޭސިވިލާތުގެ ޑިވައިޒަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ނީލަމުގައި ވިއްކާލާ މި ލިޔުމަކީ ބަލާބެލުމަށް އާދައިގެ އޭ4 ސައިޒުގެ ކަރުދާސްކޮޅެއް ނަމަވެސް، މިއަދުގެ އަގުތަކުން ބަލާއިރު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބަދަލު ދިނުމުގެ މައިގަނޑު އަސާސެވެ.
އިނގިރޭސިވިލާތުގެ ސައުތުހެމްޕްޓަނުން ފުރައިގެން އެމެރިކާގެ ނިއުޔޯކަށް ދިއުމަށް 1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ފެށި މި ދަތުރަކީ އޭރު މުޅި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ދަތުރެވެ. ދުވަހަކުވެސް އަޑިއަށް ނުދާނެ ފަދަ ވަރުގަދަ އުޅަނދެއްގެ ގޮތުގައި މީހުން ޤަބޫލުކުރި މި ބޯޓު، ދަތުރު ފެށިތާ އެންމެ ހަތަރު ދުވަސް ފަހުން އައިސްބާގެއްގައި ޖެހި، ޖެހިގެން އައި ދުވަހުގެ ހެނދުނު ވަނީ އެޓްލާންޓިކް ކަނޑުގެ އަޑިއަށް ޣަރަޤުވެފައެވެ.
މި ހިތާމަވެރި ހާދިސާގައި 1،500 އަށްވުރެ ގިނަ ފުރާނަ ގެއްލިގެންދިޔައިރު، އެ ކާރިސާއިން ސަލާމަތްވި މީހުންގެ ހަނދާންތަކުން ސިފަކޮށްދެނީ، މަރުގެ ތުންފަތްމަތީގައި ތިބި މީހުންގެ ކެކުޅުމާއި ރުއިމުގެ އަޑުތައް، ފަލިޖަހަމުންދިޔަ ލައިފްބޯޓުތަކުގެ އަޑުތަކުގެ ތެރެއަށް ގެނބިގެންދިޔަ ބިރުވެރި ވަގުތުކޮޅެވެ.
ނީލަމަށް ހުށަހަޅާފައިވާ ޓައިޓެނިކް ބޯޓުގެ އިންޝުއަރެންސް ލިޔުން އަދި އެ ބޯޓުގެ ފޮޓޯއެއް--ފޮޓޯ/ޕީޕްލްނީލަމަށް ހުށަހަޅާފައިވާ މި ލިޔުމަކީ ބޯޓު ފެތުމުގެ އެންމެ ދެ ހަފުތާ ކުރިން، ޓައިޓެނިކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ "އޯޝަނިކް ސްޓީމް ނެވިގޭޝަން ކޮމްޕެނީ"އިން ގިނަ އިންޝުއަރެންސް ކުންފުނިތަކެއް ގުޅިގެން ނަގާފައިވާ ޚާއްޞަ ޕޮލިސީއެކެވެ. ބޯޓު އެއްކޮށް ގެއްލިއްޖެ ހާލަތެއްގައި ފަސް މިލިއަން ޑޮލަރު ދޭން ޝަރުތުކޮށްފައިވާ މި ޕޮލިސީގެ ދަށުން، ހާދިސާ ހިނގިތާ އެންމެ 30 ދުވަހުގެ ތެރޭގައި ފުރިހަމަ ބަދަލު ވަނީ ކުންފުންޏަށް ދީ ނިންމާފައެވެ. މިއަދުގެ ފައިސާގެ ނިސްބަތުން ބަލާއިރު މިއީ ގާތްގަނޑަކަށް 173 މިލިއަން ޑޮލަރެވެ. މަރުވި މީހުންގެ ޖަނާޒާގެ ކަންކަން ނިމުނުތަނާހެން އެހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ބަދަލެއް ދިނުމަކީ ޒަމާނީ ދުނިޔޭގައި އާދަޔާޚިލާފު އަވަސް މުއްދަތެކެވެ.
މި ޕޮލިސީގައި ބައިވެރިވި 77 އިންޝުއަރެންސް ކުންފުނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އެޅި "އެޓްލާންޓިކް މިއުޗުއަލް"އިން އެކަނިވެސް އެއްލައްކަ ޑޮލަރު ދެއްކިއެވެ. އެ ކުންފުނި 2011 ވަނަ އަހަރު އުވާލުމާ ގުޅިގެން، އޭގެ ތާރީޚީ އަރުޝީފު ނިއުޔޯކުގެ މައުރަޒެއްގައި ދައްކާލުމުން، ވިޔަފާރިވެރިއަކު މި ލިޔުން ގަނެ ރައްކާކުރީއެވެ. މި މަހުގެ ފަހުކޮޅު ބާއްވާ ނީލަމުގައި މި ލިޔުން 40،000 އާއި 67،000 ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ލަފާކުރެވޭއިރު، މީގެ އިތުރުން ޓައިޓެނިކް ބަނުމުގައި ބޭނުންކުރި އަސްލު ޗާޓެއްވެސް މި ނީލަމުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ހާދިސާ މިއަދުގެ ޒަމާނެއްގައި ހިނގިނަމަ، ޤާނޫނީ ގޮތުން ނިމިގެންދާނީ މުޅިން ތަފާތު ގޮތަކަށް ކަމަށް މާހިރުން ފާހަގަކުރެއެވެ. އެގޮތުން، ބޯޓުގެ ވެރިންނަށް މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަ ބަދަލު ލިބުނުއިރު، މަރުވި މީހުންގެ ޢާއިލާތަކަށް އެންމެ 663،000 ޑޮލަރުގެ ކުޑަ ބަދަލެއް ލިބުނީ ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. ނަމަވެސް މިއަދުގެ ހާލަތުގައި މިފަދަ ބޮޑު އިހުމާލެއް ހިނގައިފިނަމަ، ބޯޓުގެ ވެރިންގެ މައްޗަށް މީހުން މެރުމުގެ ޖިނާއީ ދަޢުވާ އުފުލި، ގެއްލުން ލިބުނު ފަރާތްތަކަށް އެތައް މިލިއަން ޕައުންޑެއްގެ ބަދަލު ދޭން ލާޒިމުވާނެއެވެ.