ޓައިނީ ހާޓްސްއަށް 10 އަހަރު ފުރުން ފާހަގަކުރަން ކުލަ ގަދަ ހަރަކާތެއް

ރިކޯޑެއް ހެދުމަށް ޓައިނީ ހާޓްސް އިން ހިންގި ހަރަކާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

އުފެދުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމްއިއްޔާ، ޓައިނީ ހާޓްސް މޯލްޑިވްސްއަށް މިއަހަރު 10 އަހަރު ފުރޭތީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.

ޓައިނީ ހާޓްސްއަށް 10 އަަހަރު ފުރޭނީ އަންނަ މަހު 24 ވަނަ ދުވަހުއެވެ.

ޓައިނީ ހާޓްސްގެ އެކްޒެކިއުޓިވް މެނޭޖަރު މުހައްމަދު ނިމާލް "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ ޓައިނީ ހާޓްސްއަށް 10 އަހަރު ފުރޭތީ އަންނަ ހޯމަ ދުވަހުގެ ރޭ ހާއްސަ ޗެރިޓީ ނައިޓްއެއް ދަރުބާރު ގޭގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.

"އާންމުންނަށްވެސް ހުޅުވާލައިގެން މި ޑިނާ ނައިޓް ބާއްވަނީ. ޓިކެޓް މިއުޅެނީ 500 ރުފިޔާއަށް. 250 ސީޓްސް އިންނާނީ މުޅިއެކު، އިވެންޓްގައި ޓައިނީ ހާޓްސްއަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޑޮނޭޓްވެސް ކުރެވޭނެ." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ އެ ޑިނާ ނައިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގަންނަވޭނެއެވެ،

އެ ޑިނާ ނައިޓްގައި އެ ޖަމިއްޔާއިން ފާއިތުވި 10 އަހަރު ތެރޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކާ ބެހޭގޮތުން ސެޝަނެއް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ޓައިނީ ހާޓްސްއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ކެއާ ފޯ ޓައިނީ ހާޓްސް، ސޭވް ޓައިނީ ހާޓްސް އަދި ހެލްތީ ހާޓް ޕްރޮގްރާމް ހިމެެނެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ޓައިނީ ހާޓްސްއަށް ވަނީ ވޯލްޑް ހާޓް ފެޑެރޭޝަންގެ މެމްބަރުކަންވެސް ލިބިފައެވެެ.

comment ކޮމެންޓް