ހިތުގެ އުމުރު ބަލާ ކަލްކިއުލޭޓާ، ޓައިނީ ހާޓްސް އިން ތައާރަފުކޮށްފި

ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށް 'ހާޓް އޭޖް ކަލްކިއުލޭޓަ' ތައާރަފުކުރުމަށް ޓައިނީ ހާޓްސް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ޓައިނީ ހާޓްސް

ހިތުގެ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން 'ހާޓް އޭޖް ކަލްކިއުލޭޓަ' ގެ ނަމުގައި ޚާއްސަ ވަސީލަތެއް ތައާރަފުކޮށްފިއެވެ.

ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ މި ވަސީލަތަކީ އާންމުންގެ ހިތުގެ ސިއްހަތު ހުރި މިންވަރު ދެނެގަތުމަށް އެހީތެރިވެދޭނެ ވަސީލަތެކެވެ. ޓައިނީ ހާޓްސްގެ ވެބްސައިޓަށް ވަދެ ޚާއްސަ ކޮށްފައިވާ ލިންކަށް ވަނުމުން ހިތުގެ އުމުރު ބަލާލެވޭނެއެވެ.

މި ކަލްކިއުލޭޓަރުން މީހެއްގެ 'ހިތުގެ އުމުރު' އަންދާޒާކޮށްދެނީ އުމުރު، ޖިންސު، ލޭގެ ޕްރެޝަރު، ކޮލެސްޓްރޯލް، ދުންފަތުގެ އިސްތިއުމާލުކުރުން، ހަކުރުބަލި، އިސްކޮޅު އަދި ބަރުދަން ފަދަ މުހިންމު ކަންކަމަށް ބަލައިގެންނެވެ.

މެޑިކަލް ނަންބަރުތަކުގެ ބަދަލުގައި، މި ވަސީލަތުން ހިތުގެ ނުރައްކާ ހުރި މިންވަރު އުމުރަކުން ދައްކައިދިނުމުން، އަމިއްލަ ސިއްހަތަށް ބަދަލު ގެނައުމަށް މީހުންނަށް އިތުރު ހިތްވަރަކަށް ވެގެންދާނެއެވެ.

ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށް 'ހާޓް އޭޖް ކަލްކިއުލޭޓަ' ތައާރަފުކުރުމަށް ޓައިނީ ހާޓްސް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ޓައިނީ ހާޓްސް

މި ޓޫލް ބިނާކޮށްފައިވަނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފްރޭމިންގްހަމް ކާޑިއޯވެސްކިއުލާ ރިސްކް ފްރޭމްވޯކްގެ މައްޗަށެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ބަލިތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ސައިންޓިފިކް މިންގަނޑެކެވެ.

ޓައިނީ ހާޓްސް އިން ވަނީ މި ވަސީލަތް ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ފަރުމާކޮށްފައެވެ. މީގެ އިތުރުން، މި ޓޫލް މެދުވެރިކޮށް ރަށްރަށާއި އަތޮޅު ފެންވަރުގައި ހިތުގެ ބަލިތަކުގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް އެނޮނިމަސް ޑޭޓާ އެއްކުރެވޭނެއެވެ.

ޓައިނީ ހާޓްސް އިން ފާހަގަކުރާ ގޮތުގައި މިއީ ބަލި ދެނެގަންނަ ޑައިގްނޯސްޓިކް ޓޫލްއެއް ނޫނެވެ. އަދި މިއީ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްވެސް ނޫނެވެ. މީގެ އަސްލު ބޭނުމަކީ، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ފަދަ ކަންކަމުން ހިތަށް ކުރާ އަސަރު އަމިއްލައަށް ދެނެގަނެ، ސިއްހީ މާހިރުންނާ ސުވާލުކުރުމަށް މަގުފަހިކޮށްދިނުމެވެ.

ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށް 'ހާޓް އޭޖް ކަލްކިއުލޭޓަ' ތައާރަފުކުރުމަށް ޓައިނީ ހާޓްސް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ޓައިނީ ހާޓްސް

ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބަކީ ހިތުގެ ބަލިތަކެވެ. މި ކަލްކިއުލޭޓަރުގެ ސަބަބުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ސަގާފަތެއް އުފެދިގެންދާނެ ކަމަށް އެ ޖަމިއްޔާއިން އުންމީދު ކުރެވެއެވެ.

މި ޓޫލް ބޭނުންކުރާއިރު އެއްވެސް މީހެއްގެ ނަމެއް، ފޯނު ނަންބަރެއް ނުވަތަ އައިޕީ އެޑްރެހެއް ފަދަ އަމިއްލަ މައުލޫމާތެއް އެއް ނުކުރެއެވެ. އެއްކުރެވޭ އާންމު މައުލޫމާތުތަކަކީ ކުރިއަށް އޮތްތަނުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރޭވުމަށް ބޭނުންކުރެވޭނެ މައުލޫމާތެވެ.

ޓައިނީ ހާޓްސްގެ އަމާޒަކީ އާއިލާތަކާއި، މަސައްކަތުގެ މާހައުލުތަކުގައި ހިތުގެ ސިއްހަތާ މެދު ވާހަކަދެކެވި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބާރުއެޅުމެވެ.

comment ކޮމެންޓް