އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން: އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހާރޫން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ، މަޖިލިސް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 70 މެމްބަރުންގެ ވޯޓާ އެކުއެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު މިހާރު އޮންނަ ގޮތުން އެންސްޕާ ބަލަހައްޓަމުން އަދި ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

ހާރޫން ހުށަހެޅުއްވި އިސްލާހުގައި ވަނީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާގެ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުމަށެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ 42 މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު ކަމަށް އިސްލާހުގައި ވެއެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައި ވެއެވެ.

އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއަކީ، ޖެންޑާ މިނިސްޓްރީއެވެ.

comment ކޮމެންޓް