މަސްވެރިކަމުގެ ބިލަށް މަސްވެރިން ހިޔާލު ހުށަހަޅަން ބޭނުންވެ، ފުރުސަތަކަށް އެދިއްޖެ

ފޮޓޯ: ދިވެހި މަސްވެރިން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލަށް މަސްވެރީންގެ ފަރާތުން ހިޔާލު ހުށަހަޅަން ބޭނުންވާ ކަމަށް ދިވެހި މަސްވެރީންގެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ވަނީ، ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތަކަށް އެދި، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީގައި ބުނެފައި ބަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލް، ކޮމިޓީ މަރުހަލާގައި ދިރާސާ ކުރެވިގެން ދާއިރު މަސްވެރީންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް ބޭނުންވާ ކަމަށާއި، އެހެންކަމުން އެ ފުރުސަތަށް އެދޭ ކަމަށެވެ.

އަދި މަސްވެރީންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. މިއަދު ވަނީ އެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް އިގްތިސޯދީ ކޮމިޓީއަށް ފޮނުވައިފައެވެ.

ބިލު ފުރިހަމަ ނުވާކަން އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޖިލީހުގައި މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރުގައި ހިމެނުނު ކަންކަން ބިލުގައި ނުހިމެނޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަސްވެރިކަމުގެ ބިލުގައި މަސްވެރިންނަށް ނަފާ ލިބޭ މާ ގިނަ ކަންތައްތަކެއްގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. ގިނަ ބާރުތަކެއް ފިޝަރީޒް މިނިސްޓްރީ އަދި މިނިސްޓަރުގެ މުށުތެރެއަށް ބިލުން ދޫކޮށްލާފައިވާއިރު ބިލުގައި ބޮޑަށް ތަފްސީލުކޮށްފައި ހުރީ މަސްވެރިނަށް ދޭނެ ބޮޑެތި އަދަބުތަކެއްގެ ވާހަކަ އެވެ.

މަނާ މަސްވެރިކަމުގެ ބާއްވަތްތައް
ބޮޑުދަލު މަސްވެރިކަން، އޮޔާދާ ދަލު މަސްވެރިކަން، ދަމާ ދަލު މަސްވެރިކަން، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ދޫކުރާ ދަނގަޑު ބޭނުންކޮށް ކުރާ މަސްވެރިކަން، ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ރޮދުލުން

- ތަންފީޒީ އޮފިސަރުން (ފުލުހުންނާއި، ސިފައިންނަށް) އެއްބާރުލުން ނުދިނުން

- އަދަބެއްގެ ގޮތުން ދެލައްކަ ރުފިޔާގެ ޖޫރިމަނާ
ލައިސަންސް ނެތި އައިސްޕްލާންޓެއް ނުވަތަ މަސްފެކްޓްރީއެއް ގާއިމް ކުރުމަކީވެސް ކުށެއް

- އަދަބެއްގެ ގޮތުން މަސްފެކްޓްރީ ނުވަތަ
އައިސްޕްލާންޓުގެ ވެރިފަރާތް އަދި އޮޕަޓޭރަރު ހިމެނޭ ގޮތަށް ކޮންމެ ފަރާތެއް ހަތަރު ލައްކައިން ޖޫރިމަނާ ކުރެވޭނެ


ޖޫރިމަނާ ކުރުމުގެ ބާރު މަސްވެރިކަމުގެ ބިލުން ދީފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ. އެހެން ނަމަވެސް އެ ބިލުގައި ބުނާ ގޮތުން އެއްވެސް ކުށެއް ކޮށްގެން ޖަވާބުދާރީ ވުމުގެ ފުރުުސަތު ނުދީ މަދަނީ އަދަބެއް ކަނޑައެއް ނޭޅޭނެ އެވެ.

comment ކޮމެންޓް