ދިވެހި ފުލުހެއްގެ ހިދުމަތަށް ޗައިނާގެ ފަތުރުވެރިއެއް އިންތިހާއަށް ތައުރީފްކޮށްފި

ޗައިނާގެ ފަތުރުވެރިޔާއަށް އެހީތެރިވެދިން ޝިފާޒް

ދިވެހި ފުލުހެއްގެ ހިދުމަތަށް ޗައިނާގެ ފަތުރުވެރިއެއް އިންތިހާއަށް ތައުރީފްކޮށްފިއެވެ.

ގުއި ޗުންމޭ ނަމަކަށް ކިޔާ ޗައިނާގެ ފަތުރުވެރިޔަކު ލިޔެފައިވާ ސިޓީއެއް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް ވަނީ އިއްޔެ ޓުވީޓު ކުރައްވައިފައެވެ.

ގުއި ބުނީ އޭނާ މިދިޔަ މަހު 17 ވަނަ ދުވަހު ޝަންގްހާއީން ރާއްޖެއަށް ދަތުރުކުރި ފްލައިޓުގައި އޭނާގެ ޕާސްޕޯޓް ގެއްލުނު ކަމަށެެވެ. އެހެންކަމުން އޭނާ ރާއްޖެއިން ފުރުމުގައި ދަތިތަކެއް ދިމާވި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ގުއި ބުނީ ޕާސްޕޯޓް ގެއްލުމުން އެކަން ފުލުހުންގެ އިދާރާއަށް ރިޕޯޓް ކުރި ކަމަށާއި އަދި އޭގެ އަނެއް ދުވަހު ރާއްޖެއިން ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްތައް ހެދުމަށް ޗައިނާގެ އެމްބަސީއަށް ދިއުމަށް ޝިފާޒް ކިޔާ ފުލުހުންގެ މީހަކު އެހީތެރިވެދިން ކަމަށެވެ.

އެ ފުލުސް މީހާގެ ފުރިހަމަ ނަމަކީ ސާޖަންޓް އިސްމާއިލް ޝިފާޒެވެ.

ގުއި އިތުރަށް ބުނީ އެ ދެ ދުވަހުވެސް ޝިފާޒް އެމީހުންގެ ކަންބޮޑުވުންތަކަށް ހެޔޮހިތުން ބަލައިގަނެ ހުސްވަގުތުގައިވެސް އެހީތެރިވެދިން ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ ދިވެހި އެހެންނަމަވެސް އަހަންނަށް އިހުސާސްވި ޝިފާޒްގެ ހިތްހެޔޮކަން. ރާއްޖޭގެ ހިތްގައިމުކަމަށްވުރެ ވެސް އަހަންނަށް ފާހަގަކުރެވުނީ އޭނާގެ ހިތް ހެޔޮކަން،" ގުއިގެ ސިޓީގައި ވެއެވެ.

ގުއި ބުނީ ޝިފާޒްއާއެކު އިތުރު އަންހެން ފުލުހެއްވެސް އެހީތެރިވެދިން ކަަމަށާއި ނަމަވެސް އޭނާގެ ނަން އަހާލާކަށް ހަނދާނެއް ނެތް ކަމަށެވެ.

comment ކޮމެންޓް