ޖޭއެސްސީ މެމްބަރަކަށް ވެވޭ އުމުރު 30 އަށް ކުޑަކުރަން ފާސްކޮށްފި

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވެވޭ އުމުރު 30 އަށް ކުޑަކުރަން ޖުޑީޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.

ޖޭއެސްސީ މެމްބަރަކަށް ވެވޭ އުމުރު 40 އަހަރަށް ބަދަލުކޮށް ޝަރުތުތަކަށް ބަދަލު ގެންނަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

ޖޭއެސްސީއަށް ކުރިމަތިލެވޭ އުމުރު 40 އަށް ބަދަލު ގެންނަން ފުރަތަމަ ހުށަހެޅުމުން ގިނަ ވަކީލުންނާއި ބާ ކައުންސިލުން އެކަމާ ނުރުހުން ފާޅު ކުރި އެވެ.

އެ ބިލު ކޮމިޓީ މަރުހަލާގައި ދިރާސާކޮށް މިހާރު ބަދަލު ގެނެސްފައިވަނީ ޖޭއެސްސީ މެމްބަރަކަށް ކުރިމަތިލެވޭ އުމުރު 30 އަށް ހަދާށެވެ. އަދި އޭގެ އިތުރުން ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާއަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހޭ ގޮތަށް ބިލު ވަނީ އިސްލާހު ކޮށްފަ އެވެ.

މީގެ ކުރިން ބިލު ހުށަހެޅި އިރު ބުނެފައިވަނީ ޖޭއެސްސީއަށް އައްޔަނު ކުރާ ނުވަތަ އިންތިހާބު ކުރާ ވަކީލަކު އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އެ މާއްދާއަށް ކުޑަ ބަދަލެއް މިހާރު ވަނީ ގެނެސްފަ އެވެ. އެއީ ބަންޑާރަ ނައިބަށް ކޯޓު ތަކުގައި ވަކާލާތު ކުރެވޭ ގޮތަަށެވެ.

އޭގެ އިތުރުން ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތަކެއް ވަނީ ބިލުގައި ބަޔާންކޮށްފަ އެވެ. އެގޮތުން ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ކޮމިޝަނަށް ހުށަހަޅައި ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ޖޭއެސްސީގެ ރައީސް މަގާމުން ވަކިވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އަދި ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހަޅައިފި ނަމަ އެ މައްސަލަައިގެ ކުރިން އެހެން މައްސަލައެއް ކޮމިޝަނުގައި ތާވަލުކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައ ވަނީ ބުނެފަ އެވެ.

"ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރާ ފާސްކުރުމާމެދު އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ،" ޖޭއެސްސީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރު ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެވެ.

comment ކޮމެންޓް