މިދިޔަ ހަފްތާ ސްޓިކާ ޖެހި މިންވަރު 90 ޕަސެންޓު ދަށްވެއްޖެ

މިދިޔަ ހަފްތާގައި މާލޭގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކްކޮށްގެން ސްޓިކާ ޖެހި އަދަދު ބޮޑުތަން މަދުވެއްޖެ އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 10 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ސްޓިކާ ޖަހައިފައި ވަނީ 44 އުޅަނދެއްގަ އެވެ.

އޭގެ ކުރީ ހަފްތާގައި ޕާކިން ގަވާއިދާ ހިލާފުވެގެން 473 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހައިފަ އެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ސްޓިކާ ޖެހި އުޅަނދުގެ އަދަދު މިވަނީ އޭގެ ކުރީ ހަފްތާއަށް ވުރެ 90 ޕަސެންޓު މަދުވެފަ އެވެ.

މިދިޔަ ހަފްތާގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ސްޓިކާ ޖެހި މިންވަރު ބޮޑުތަން ދަށްވެފައި ވާއިރު، އީދު ބަންދާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މާލެ އިން ބޭރަށް ދިޔަކަން ފާހަގަކޮށްލެވެ އެވެ.

ޕާކް ކުރާނެ ތަންތަން ހޯދައި ނުދީ ސްޓިކާ ޖަހާ މައްސަލައިގައި މި މަހުގެ ހަތް ވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޓްރެފިކް ފުލުހުން ސްޓިކާ ޖަހަނީ ރައްޔިތުންނަށް އުނދަގޫވާގޮތަށް، ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި އެކަނި ކަމަށެވެ.

މާލޭގެ ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި އަހަރުގެ ނިޔަލަށް ސައިކަލު ޕާކުކުރުމަށް 1000-1500 ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 100 ޖާގަ މި އަހަރުގެ ނިޔަލަށް ކަނޑައަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު، ޓޯ ކުރި އުޅަނދުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އޭގެ ކުރީ ހަފްތާގައި 102 އުޅަނދު ޓޯ ކުރި އިރު، މިދިޔަ ހަފްތާގައި ޓޯކޮށްފައި ވަނީ އެންމެ އުޅަނދެކެވެ.

މިދިޔަ ހަފްތާގައި މާލެ ސިޓީގައި މަގުމަތީގެ 31 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވާއިރު، އެކްސިޑެންޓުތަކުގައި އަށް މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެކްސިޑެންޓުތަކާ ގުޅިގެން ހިފަހައްޓާފައި ވަނީ އެންމެ ލައިސެންސެކެވެ.

މިދިޔަ ހަފްތާގައި 123 އުޅަނދު ޗެކުކޮށްފައި ވާއިރު، ދުއްވަން ކަނޑައަޅާފައިވާ ލިމިޓަށް ވުރެ ބާރަށް ދުއްވި ކަމަށް ފާހަގަވެފައި ވަނީ އެންމެ އުޅަނދެކެވެ.

އުޅަނދު ދުއްވި އިރު ފޯނުން ވާހަކަ ދައްކަމުން ނުވަތަ ހެޑްސެޓް ޖަހައިގެން ދުއްވި ހަތަރު މައްސަލައެއް ވެސް ފާހަގަވިކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ހެލްމެޓު އަޅަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް ނާޅައި ދުއްވި ހަ މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފާހަގަވެފަ އެވެ.

comment ކޮމެންޓް