ރެއާލް މެޑްރިޑުގެ ތާރީހުގައި ވެސް އެންމެ އަގުބޮޑުކޮށް އެ ޓީމަށް ގެނައި ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑަށް އަނިޔާވެ، މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.
އައު ސީޒަނަށް ބޮޑު ހަރަދުތަކަކެއްކޮށް، އިތުރު ކުޅުންތެރިންތަކެއް ވެސް ޓީމަށް ގެނެސްގެން ރެއާލުން މިރޭ އެމީހުންގެ ފުރަތަމަ މެޗަށް ނުކުންނާނީ ސެލްޓާ ވީގޯއާ ދެކޮޅަށެވެ. ރަށުން ބޭރުގައި ރެއާލުން ކުޅޭ އެ މެޗުގައި އައު ކުޅުންތެރިންތަކަކަށް ފުރުސަތު ދޭނެ ކަމަށް ބެލެވޭ އިރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ކަންތައް ކަމަށްވާ ހަޒާޑް ކުޅޭތަން ބަލާލުމުގެ ފުރުސަތު މިރޭ ނުލިބޭނެ އެވެ.
މެޗުގެ ކުރިން ކުރި ފަރިތަކުރުންތަކެއްގައި ހަޒާޑުގެ ފަޔަށް އަނިޔާވެފައިވާކަން އެ ކުލަބުން ޔަގީންކޮށްދީފައިވާ އިރު އޭނާ އެނބުރި ކުޅުމުގައި ބައިވެރިވާން ނަގާނެ މުއްދަތު ހާމަކޮށްފައެއް ނުވެ އެވެ.
"ހަޒާޑްއަށް ލިބިފައިވާ އަނިޔާ މިދަނީ ބަލަމުން. އެކަމަށްޓަކައި ހަދަން ޖެހޭ ޓެސްޓްތައް މިވަގުތު ހެދެމުން ދާތީ އަދި އޭނާއަށް އެނބުރި ކުޅުމުގައި ބައިވެރިވެވޭނެ ދުވަހެއް ބުނަން ދަތި. ރެއާލް މެޑްރިޑުގެ އޮފިޝަލް ވެބްސައިޓުގައި ޝާއިޢުކޮށްފައިވެ އެވެ.
ސްޕެއިންގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ހަޒާޑަށް އަނިޔާވެފައި ވަނީ އޭނާގެ ފައިގެ މަސްގަނޑަށެވެ. އެފަދަ އަނިޔާއަކުން އަރައިގަތުމަށް ގައިގަނޑަކަށް ތިން ހަފްތާ ވަރު އާއްމު ގޮތެއްގައި ބޭނުންވާނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.