އީދު ޗުއްޓީ ތެރޭ ވައްކަމާއި ފޭރުން އިތުރުވެއްޖެ

ވަގަށް ނަގައިގެން އުޅެނިކޮށް ފުލުހުން ހޯދި ކޮފީއާއި ސެންޓު ފުޅިތައް--- ފޮޓޯ : ފުލުހުން

ބޮޑު އީދު ޗުއްޓީއާ ދިމާކޮށް ވައްކަމުގެ ގިނަ މައްސަލަތަކެއް ހުށަހެޅެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 2:48 ގައި ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑު ފަޅާލައިގެން ވައްކަން ކުރަން އުޅުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުން ދުއްވާފަދިޔަ ހަތަރު މީހަކު ހުއްޓުވާ ބެލިއިރު އެ މީހުންގެ އަތުން ފިހާރައިން ވަގަށް ނެގި 748.35 ރުފިޔާ އާއި އިންޑިއަން 10 ރުޕީސް، ފަސް ދިރުހަމް އަދި ނޮކިއާ ބްރޭންޑްގެ ރާސްޓަސް ފޯނެއްގެ އިތުރުން އަތުގަ އަޅާ ގަޑިއަކާ އަދި އެއް ކެމަލް ހާޑް ސިނގިރެޓް ފޮއްޓެއް ފެނުނު ކަމަށެވެ.

އެ މައްސަލައިގައި 23، 25، 26 އަދި 28 އަހަރުގެ ހަތަރު ދިވެހިން ހައްޔަރުކުރިކަމަށްވެސް ފުލުހުން ބުންޏެވެ.

ފިހާރައިން ވަގަށް ނެތި ތަކެތި ފުލުހުން ހޯދައިފައި--- ފޮޓޯ : ފުލުހުން

އޭގެ އިތުރުން މިއަދު ހެނދުނު 08:30 ގައި ފުލުހުން ވަނީ އޭޑީކޭ ކައިރިންވެސް ވަގަކު އަތުލައިގެންފަ އެވެ. ފުލުހުން ބުނީ އޭޑީކޭ ކައިރިން މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސްކުރިއިރު ފިހާރައަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަަތަރު ކޮފީ ފުޅިއާއި ހަ ސެންޓް ފުޅި ފެނިފައިވާ ކަމަށެވެ.

ރޭ ވަނީ ބިދޭސީއެއްގެ ފޯނެއް ފޭރުން މައްސަލައެއްވެެސް ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ބުދަ ދުވަހުގެ ރޭވެސް މާފަންނުކޮޅުން ބިދޭސީއެއްގެ އަތުން ވަނީ ފޯނެއް ފޭރިގެންފަ އެވެ. މީގެ އިތުރުން މީހަކަށް ބިރު ދައްކައިގެން އޭޓީއެމްއަކަށް ގެންދިޔުމަށް ފަހު، އެކައުންޓްގައި ހުރި ފައިސާތައް ފޭރިގަތް މައްސަލަ އެއްވެސް ރޭ ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.

އެ މައްސަލަތައް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް