ރާއްޖޭގައި ހަރަކާތްތެރިވާ އެޗްއާރު އެސޯސިއޭޝަންއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައިފިއެވެ.
އެ ކޮންފަރެންސް ބާއްވައިފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބިޒްނަސްް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ.
މާޕްއިން ބުނީ އެ ކޮންފަރެންސްގައި 230 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވި ކަމަށެވެ.
އެ ކޮންފަރެންސްގެ ތީމްއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ " ބިލްޑިން އޭން އެޖައިލް ކަލްޗާ" އެވެ. އެތީމްގެ ދަށުން ސްމާޓް އެންޑް ކޮރިއޭޓިވް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތަކާއި ، ގްލޯބަލް ބެސްޓް ޕްރެކްޓިސަސް އިން ޓްރެއިނިންގ، ސަޕޯޓިންގް އާއި ކަލްޗަރ އޮފް ލާނިންގ، އަދި ވަޒީފާގެ މާހައުލުގައި ދިމާވާ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ކޮންފަރެންސްގައި ބައިނަލްއަގުވާމީ މުގައްރިރުން ކަމަށްވާ ލީޑަޝިޕް ސްޕީކަރ ، އޯތަރ އަދި ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓެއް ކަމުގައިވާ ކެންނެތު ކުއާން، އެޗްއާރ ސަމިޓް ގްލޯބަލްގެ ފައުންޑަރ އަދި އިންޓަނޭޝަނަލް ބެސްޓް ސެލިންގ އޯތަރ އަދި ސްޕީކަރ ޝާ ނަޗީނޯ ގެ އިތުރުން އެއިޓްކެން ސްޕެންސް ހޮޓެލްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ – ޓެލެންޓް މެނޭޖްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސް، ތަރާކާ އަޕުހަމީ ވަނީ ވާހަކަ ދައްކަވާފައެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.
މާޕްއިން ބުނީ މިއަހަރު ތަފާތު ގިނަ އާ ހަރަކާތްތަކެއް ބޭއްވުމަށްވެސް ރާވައިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނޮލެޖް އަދި ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަންތަކުގެ އިތުރުން އެޗްއާރ އޮގަނައިޒޭޝަނަލް ލެވެލް ކުއިޒް، އެޗް އާރު ކޮންވެންޝަން އެންޑް ޑިބޭޓް ސެޝަންތަކާއި ދުނިޔޭގެ މަޝްހޫރު ސްޕީކާސްގެ އިންސްޕިރޭޝަނަލް ޓޯކް ސެޝްންތައް ހިމެނެއެވެ.