އަވައްޓެރި ސްރީލަންކާގައި ދީނީ މިނިވަންކަން އޮތް މިންވަރަ ބެލުމަށް ޑރ. އަހުމަދު ޝަހީދު މާދަމާ ސްރީލަންކާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ޑރ. ޝަހީދަކީ ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ މަންދޫބުވެސް މެއެވެ.
ލަންކާގެ ނޫސްތަކުން ބުނީ ޝަހީދު އެގައުމުގައި މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝަހީދުގެ ދަތުރުގައި ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާއި އެކި ދީންތަކުގެ އިސްބޭފުޅުންނާއި އަދި ސިވިލް ސޮސައިޓީގެ އެކި ބޭފުޅުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޝަހީދު ވިދާޅުވީ އެ ދަތުރުގައި ލަންކާ ސަރުކާރުން ދީނީ މިނިވަންކަން ނެގެހެއްޓުމަށް ކުރާ މަސައްކަތްތަކާއި އެކި ދީންތަކުގެ މީހުން އެއްބަޔަކު އަނެއްބަޔަކާއެކު ސުލްހަ މަސަލަސްކަމާއެކު އުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބައްލަވާލައްވާނެ ކަމަށެވެ.
އެ ދަތުރުން ފާހަގަވީ ކަންތައްތަކާ ގުޅޭގޮތުން މިމަހުގެ 26 ވަނަ ދުވަހު ކޮލަމްބޯގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ލަންކާގައި ދާދި ފަހުން ގޮއްވާލި ބޮންތަކާއެކު މުސްލިމުންނާ ބުޑިސްޓުންގެ މެދުގައި ވަނީ ވަރަށް ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައެވެ.