ފައްތިޔަލާއެކު ސީޕްލޭނެއް ކަހާލައި، ދޯންޏެއްގައި ޖެހިއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް: ފައްތޭލާއި އެކު ސީ ޕްލޭނެއް ކަހާލައި ދޯންޏެއްގެ ޖެހި ސީ ޕްލޭނަށް ވަނީ ގެއްލުންތަކެއް ލިބިފައި --- ފޮޓޯ: ޓީއެމްއޭ

އއ. ކުރަމަތި ރިސޯޓްގެ ސީޕްލޭން ޕްލެޓްފޯމުގައި އަޅާފައި އޮތް ޓްރާންސް މޯލްޑިވަސް އެއާލައިން (ޓީއެމްއޭ)ގެ ސީޕްލޭނެއް ފައްތިޔަލާއެކު ކަހާލައިގެން ގޮސް ދޯންޏެއްގައި ޖެހި ގެއްލުންތަކެއް ވެއްޖެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުއެވެ. އަދި ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 6:14 ގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހަވީރު އައި ކޮޅިގަނޑެއްގައި ފައްތިޔާގައި އަޅާފައި އޮތް ސީޕްލޭން ކަހާލައިގެން ގޮސް ސަޕްލައި ދޯންޏެއްގައި ޖެހި ސީޕްލޭނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދަށް ފުލުހުން މިހާރު ދާކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ގަދަ ވަޔާއެކު ވިއްސާރަކުރަމުން އަންނައިރު އއ. އަތޮޅު ހިމެނޭ މެދުރާއްޖެތެރަށް މިހާރުވެސް ވަނީ ގަދަ ވަޔާއެކު ވިއްސާރަވާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފައެވެ.

އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ބޯކޮށް ވާރެވެހުމާއެކު ގުގުރައި ވިދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް