އައްޑޫ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެ ސިޓީގެ އެތައް ތަރައްގީގެ މަޝްރޫއަކާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެވެ. ސޯބެ ވިދާޅުވަނީ ކޮންމެ ސަރުކާރަކުންވެސް އައްޑޫއަށް ކޮންމެވެސް ކަމެއް ކޮށްދޭން ފަށާ ކަމަށެވެ. އެކަމަކު ނުނިމި ހުއްޓުން އަރަނީ އެވެ. ނޫނީ ދިގުލައިގެން ދަނީ އެވެ. ސޯބެ މިސާލަކަށް ނެންގެވީ، އައްޑޫގައި ފެނާއި ނަރުދަމާ އަޅަން ފަށާފައި ނުނިންމާ ހުއްޓާލުމަކީ ރައްޔިތުން މާޔޫސްކޮށްލި ކަމެއް ގޮތުގަ އެވެ.
"އެއީ ރައްޔިތުން މިދައްކާ ވާހަކައަކީ. އެކަހަލަ މުހިންމު ކަންކަން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ މަސައްކަތްތައް ސަރުކާރުން ފެށިފައި އޮވޭ، މިދިޔަ ނުވަ އަހަރު ތެރޭ އެކަމެއް ނުނިމުނު،" ސޯބެ ވިދާޅުވި އެވެ.
އައްޑޫގައި ފެނާއި ނަރުދަމާ އަޅަން ފެށި ނަމަވެސް އެކަން ނުވެ ދިގުލައިގެން ގޮސް ވާނުވާ ނޭންގި އެކަން ކުރަން ހަވާލުވި ކުންފުނި އުވާލުމުން އައްޑޫ ރައްޔިތުންގެ ކެތްތެރިކަން ދިޔައީ ކޮޅުން ލައިގެން އެވެ. އައްޑޫގެ އާބާދީގައި 33821 މީހުން ތިބިއިރު، އެހާބޮޑު އާބާދީއަކަށް ބޭނުންވާ އަސާސީ ބޭނުންތައް ނުފުދި އޮތުމަކީ ހަގީގަތުގައިވެސް ޝަކުވާއަކަށް ވާނެ އެވެ. ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ސިޓީއަކުން ފެންނަންޖެހޭ ހަގީގީ ތަރައްގީއެއް އައްޑޫ ސިޓީއަކުން ނުފެނެ އެވެ.
ސޯބެ ވިދާޅުވީ ހިތަދޫގައި 2011 ވަނަ އަހަރު އޭރުގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅަން ފެށި ނަރުދަމާ އަދިވެސް ނުނިމޭ ކަމަށެވެ.
"އަދި އަލަށް އެ ކިރިޔާ އެ ފެއްޓީ ޖުލައި މަހުގެ 15ގައި އެ ނަރުދަމާގެ މަސައްކަތް. ނުވައަހަރު ކުރިން އެޅި ސިސްޓަމް ގުޅާ ލެވޭނީ މިއަހަރުގެ ސެޕްޓެމްބަރުގެ ފަހުން. ދެން އެ ރަނގަޅިއްޔާ. ޔަގީން ކަމެއް ނެތް." ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ މަޝްރޫއުތައް އެގޮތަށް ދިގުލައިގެން ދާން ފެށުމުން މީހުން ފޫހިވާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ކައުންސިލު އުފެދުނު ފަހުން އައްޑޫ ސިޓީގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އައްޑޫ ރައްޔިތުން ވެދުން ކުރަނީ އެމްޑީޕީ އަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ވެސް މިފަހަރު ދިނީ އެމްޑީޕީއަށެވެ. އަދި ރިޔާސީ އިންތިހާބުގައިވެސް އައްޑޫގެ މެޖޯރިޓީ އަބަދުވެސް ދެނީ އެމްޑީޕީއަށް ކަންވެސް ސޯބެ ފާހަގަ ކުރެއްވި އެވެ. އެހެންވީއިރު ދައްކާނެ ބަހަނާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ހޮވުމުން އައްޑޫއަށް ތަރައްގީތަކެއް އައެވެ. އެހެންވީމަ މިހާރުވެސް ރައްޔިތުން ތިބީ އެމްޑީޕީގެ މި ވެރިކަމުގައިވެސް އައްޑޫއަށް ތަރައްގީ ގެނެސްދޭނެ ކަމުގެ އުންމީދުގައި ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
"ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވަރަށް ހައި. އަވަހަށް ކަންކަންވާން ބޭނުންވަނީ." ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އެހެން ސަރުކާރުތަކާ ހިލާފަށް ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް އިހަށްވުރެ ރަނގަޅަށް ދެވެމުން އަންނަ ކަމަށެވެ. އެހެންވީމާ އުންމީދެއް އެބައޮތް ކަމަށް ވިދާޅުވި އެވެ. ސަބަބަކަށް ވަނީ އައްޑޫ ސިޓީ ކައުންސިލަށް މިސަރުކާރުން ބާރުތައް ދިނުމެވެ. ކައުންސިލްގެ ބާރުތައް ދުއްވާލާފައި އޮތް އޮތުން މި ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
"މިސާލަކަށް މީގެ ކުރިންވެއްޖެއްޔާ މަގުހަދަން ޖެހޭނީ ކައުންސިލުން ރިކުއެސްޓް ކުރީމަ މަގު ހަދާ ކުންފުނިން އެމީހުން އައިސް ހެދި ދުވަހަކުން ހެދޭނީ. އެކަމަކު މިހާރު ސަރުކާރުން އެހެރީ ތަކެއްޗާ މުވައްޒަފުންނާ އަޅުގަނޑުމެންނާ ހަވާލުކޮށްފައި. އަޅުގަނޑުމެން ބޭނުންގޮތަކަށް މަސައްކަތް ކުރައްވަން ދޫކުރައްވާފައި އޮތީ ސަރުކާރުން." ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ މިހާރު ކައުންސިލުން ހިންގާ މަސައްކަތްތައް މިނިވަންކަމާ އެކު ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާކަމަށެވެ.
ސޯބެ ދެއްވާ ޔަގީން ކަމަކީ ރައްޔިތުންނަށް ބަދަލެއް ފެންނަވަރުގެ މަސައްކަތްތަކެއް އަދި ނުކުރެވުނު ކަމުގައިވިޔަސް ބޮޑު މަޝްރޫއުތަކެއް ފަށަން ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވާ ކަމުގެ ޔަގީންކަމެވެ. އޭނާ ރައްޔިތުންނަށް ދޫކޮށްލައްވާ ޔަގީންކަމަކީ، އާ ސަރުކާރާ އެކު ރަނގަޅު ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމެވެ. ރައްޔިތުން ކެތްތެރިވުމަށް އެދިވަޑައިގެންނެވި އެވެ.
"އައްޑުއަށް މިވެނި މިވެނި ކަންކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެ ޗާޕު ކޮށްގެން ނެރުވި. އައްޑޫ ގޭގެއަށް ބެއްސެވި. އެހެންވީމަ ރައްޔިތުންނަށް އެނގޭނެ ރައީސް ވިދާޅުވިއޭ މިކަންކަން ކުރާނެއޭ. އެވާހަކަ އެ ދައްކަވަނީ. ރައްޔިތުން އެތިބީ އަވަސް ބޭނުންވެފަ. އަވަހަށް މިކަންކަން ލިބިގަންނަން ބޭނުންވެފަ. އެއީ އަސްލު ވެގެން މިއުޅޭ ގޮތަކީ. އެނގޭތީ. ކުރިން ވެއްޖެއްޔާ ނޭންގޭ ސަރުކާރުން ކޮންކޮންކަމެއް ކަމެއް ކޮށްދޭނީ." ސޯބެ ވިދާޅުވި އެވެ.
ސޯބެ އެދެނީ ރައްޔިތުން އުންމީދު ނަގާ ނުލުމެވެ. ސޯބެ އަދި އައްޑޫ ރައްޔިތުންގެވެސް އުންމީދަކީ އެންމެ ކުޑަ މިނުން އަސާސީ ބޭނުންތައް ފުދޭ މިންވަރު ކޮށްދިނުމެވެ. ސަރުކާރު ތަކުން ދައްކާ ހުވަފެންތަކުން ރައްޔިތުންނަށް ލިބިފައިވާ މާޔޫސް ކަން ފިލުވާލެވޭ ވަރުވުމެވެ. އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރާ ގާތަށްވެސް އަދި ނުލިބޭކަން ރައްޔިތުންގެ ވާހަކަތަކުން ޔަގީންވެ އެވެ.