ދަނބިދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދަނބިދޫ އިންޖީނުގޭގެ އިންޖީނެއްގައި އަލިފާން ރޯވެ އަނދާފައި --

ދަނބިދޫ އިންޖީނުގޭގެ އިންޖީނެއްގައި ރޯވެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ދަނބިދޫ ކައުންސިލުގެ ރައީސް ހުސައިން އަޝްރަފް ވިދާޅުވީ އެރަށުގެ އިންޖީނުގޭގެ އިންޖީނެއްގައި މިރޭ އަލިފާން ރޯވި ކަމަށާއި، މިހާރު ނިވާލާފައިވާ ކަމަށެވެ.

އަލިފާން ރޯވީ މިއަދު މަރާމާތު ކޮށްގެން ބޭނުންކުރަން ފެށި އިންޖީނެއްގައި ކަމަށް އަޝްރަފް ވިދާޅުވި އެވެ. ބެލެވޭ ގޮތުން އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް އަޝްރަފް ވަނީ ވިދާޅުވެފަ އެވެ.

މިހާރު އެރަށުގައި ކަރަންޓެއް ނެތެވެ. ކައުންސިލުގެ ރައީސް ވިދާޅުވީ ކަރަންޓުދެވޭ ވަރުވަނީ ކޭބަލްތައް ރަނގަޅަށް ޗެކް ކުރުމަށް ފަހު ކަމަށެވެ.

ދަނބިދޫގައި ކަރަންޓު ދޭން ބޭނުން ކުރަނީ ތިން އިންޖީނެވެ. މިރޭ އަލިފާން ރޯވީ އެތަނުން އެއް އިންޖީނުގަ އެވެ. ބާކީ އިން ދެ އިންޖީނުން ރަށުގެ ގެތަކަށް ކިރިޔާ ކަރަންޓު ދެވެނީ ކަމަށް އަޝްރަފް ވިދާޅުވި އެވެ. އެރަށު އިންޖީނު ގެއިން ގާތްގަނޑަކަށް 120 ވަރަކަށް ގެޔަށް ކަރަންޓު ދެ އެވެ.

ދަނބިދޫގައި އިންޖީނުގެ ހިންގަމުން އަންނަނީ ފެނަކައިންނެވެ.

comment ކޮމެންޓް