ޝެޑިއުލް ދަތުރުތަކާއެކު ކުޅުދުއްފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށި އެއާޕޯޓު -- ފޮޓޯ/ މުހައްމަދު ސަމީހު

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައި، އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހދ. ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.

މޯލްޑިވިއަންގެ ފްލައިޓު Q2 440 މިއަދު ހެނދުނު ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ވަނީ ޖައްސާފައެވެ. އެ ފްލައިޓުގައި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި ޑެޕިއުޓީ މިނިސްޓަރުން ހަމަދު އަބްދުލްޣަނީއާއި ހިދާޔާ ނަސީރު ކުޅުދުއްފުއްޓަށް ވަޑައިގަތެވެ.

ފްލައިޓު ޖެއްސުމަށްފަހު ކުޅުދުއްފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވިދާޅުވީ މިއަދު ހެނދުނު ޖެއްސި ފުރަތަމަ ޝެޑިއުލް ފްލައިޓާއެކު ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓު މިހާރު ވަނީ އާންމު ދަތުރުތަކަށް ހުޅުވާލާފައި ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓަށް ޖެއްސި ފުރަތަމަ ޝެޑިއުލް ފްލައިޓު -- ފޮޓޯ/ މޯލްޑިވިއަން

ކުޅުދުއްފުށީ އެއާޕޯޓުގައި މިވަގުތު ހުރީ ރަންވޭއަކާއި ޓާމިނަލްއެއް އެކަންޏެވެ. އެތަނުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް އަދި ނެތުމުން، އޭޓީސީގެ ހިދުމަތް ދެނީ ކައިރީގައި އޮންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"އޭޓީސީ ޓަވަރެއް މިވަގުތު ނެތަސް، އޭޓީސީ ޓަވަރެއް އަޅުގަނޑުމެން އަޅާނަން. ރަންވޭ ލައިޓިންގްސް ގާއިމުކުރަން އޮތީ ޕްލޭންކުރެވިފައި. އަދި ގްރައުންޑް ހެންޑްލިން އިކުއިޕްމަންޓާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކޮށް، ޓާމިނަލް ފެސިލިޓީސްވެސް އިތުރަށް ރަނގަޅުކުރުމަށް ނިންމާފައި އޮތީ. މިކަންކަން މިއަންނަ އަހަރަށް ބަޖެޓު ކޮށްފައި ހުއްޓަސް ބައެއް ކަންކަން މިއަހަރު ކުރެވޭނަމަ ކުރިއަށް ގެންދަން ނިންމާފައި ވަނީ،" ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވިއެވެ.

ރީޖަނަލް ހޮސްޕިޓަލެއްވެސް ހުންނަ ކުޅުދުއްފުށީގައި މިއަދު އޮޕަރޭޓުކުރަން ފެށި ޑޮމެސްޓިކް އެއާޕޯޓުގައި ރަންވޭ ލައިޓްސް ނެތުމުގެ ސަބަބުން މިވަގުތު ރޭގަނޑު ފްލައިޓެއް ނުޖައްސާނެއެވެ. އެހެންކަމުން ރޭގަނޑު ބަލިމީހުން އެމަޖެންސީގައި ސީދާ ކުޅުދުއްފުށިން ފްލައިޓުގައި ނުގެންދެވޭނެއެވެ.

ސްޓޭޓް މިނިސްޓަރު ޒުހައިރު މިއަދު ވިދާޅުވީ ރަންވޭ ލައިޓްސްގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އެ ލައިޓްތައް އަވަހަށް ގާއިމުކުރެވޭތޯ ބައްލަވާނެ ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްޓަކައި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އިސްވެރިން އެ އެއާޕޯޓުގައި -- ފޮޓޯ/ މޯލްޑިވިއަން

އަދި މިވަގުތު ކުޅުދުއްފުށި އެއާޕޯޓު ހިންގަނީ ކައިރީގައި އޮންނަ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުން ލައިގެން ކަމަށާއި، ނަމަވެސް މިހާރުވެސް އޮތީ ކުޅުދުއްފުށި އެއާޕޯޓަށް ނަގާ މުވައްޒަފުން ޝޯޓްލިސްޓުކޮށް ނިންމާފައި ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

"ބޮޑު އީދު ނިމޭ ތަނުން މުވައްޒަފުން ނަގާނަން. އަދި އެންމެ ގިނަވެގެން އެއް މަސްދުވަސް ތެރޭގައި މިތަނުގައި ތިބޭނީ ކުޅުދުއްފުށީ އެއާޕޯޓުގެ މުވައްޒަފުން،" ޒުހައިރު ވިދާޅުވިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން ނިންމާފައިވަނީ ކުޅުދުއްފުއްޓަށް ހަފްތާއަކު ތިން ދަތުރު ކުރުމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އަޅައި، އެ ރަންވޭ އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި، އެ ރަށަށް ފްލައިޓުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގެންނެވެ.

comment ކޮމެންޓް